މަންމައަކަށް ފެނުނު ހުވަފެން ހަގީގަތަކަށްވެ ތިން ދަރިން މަރު

މި އަންހެން މީހާގެ ތިން ދަރިން މަރުވީ ފެނުނު ބިރުވެރި ހުވަފެނަކަށް ފަހުގަ އެވެ. އެ ހުވަފެނަށް ފަހު ދަރިންނަށް ކޮންމެވެސް ކަމެއް ވެދާނެކަމަށް ހިތް ބިރުގެންފައި ހުއްޓާ ތިން ދަރިން މަރުވީ ފެން ކޯރަކަށް ގެނބިގެންނެވެ.


ތައިލެންޑްގެ ސަރަކާމް ޕްރޮވިންސްގެ މީހެއް ކަމަށްވާ ބަންގާ އާޑީ، 34، އަކީ ފެންގަނޑުގައި ފޮޅޭ ލޮޓަސް މާ ވިއްކައިގެން އާމްދަނީ ހޯދާ މީހެކެވެ. މާ ބިންނަން ހެނދުނު އޭނާ ފެންގަނޑަކަށް އެރެން ދިޔައީ ދެ އަހަރުގެ ދަރިފުޅާއި، ހަތް އަހަރުގެ ދަރިފުޅު އަދި އޭނާ އަށް ބޮޑުދައިތަ ކިޔާ ނުވަ އަހަރުގެ ކުއްޖަކު ފެންގަނޑު ކައިރީ ހިކިފަސް ތަނުގައި ކުޅެން ބައިތިއްބާފަ އެވެ.

މި ކުދިން ކުޅެން ތިބުމަށް ފަހު، ބޮޑުދައިތަ ކިޔާ ކުއްޖާ ފެންގަނޑު ކައިރިއަށް ގޮސް މަހެއް ހިފިއްޖޭ ކިޔާފައި ގޮވަން ފެށުމުން ދެން ތިބި ކުދިން ވެސް ފެންގަނޑު ކައިރިއަށް ދިޔައީ އެވެ. އޭރު ބަންގާ ހުރީ ފެންގަނޑު ތެރޭގައި އެކުދިންނަށް ފުރަގަސް ދީގެންނެވެ.

އޭގެ އިރުކޮޅެއް ފަހުން ބަންގާ ފެންގަނޑުން އަރާފައި ބެލިއިރު އޭނާގެ ދަރިންތައް ފެންނާކަށް ނެތެވެ.

މީހުން ސަލާމަތްކުރާ މީހުން ގޮސް، ފެންގަނޑު ތެރޭން ކުދިންތައް ނެގިއިރު އެއްވެސް ކުއްޖެއްގެ ފުރާނައެއް ނެތެވެ. މި މަންޒަރު ފެނިފައި ބަންގާ ހޭ ނެތިގެން ވެއްޓުނެވެ.

ފަސް ކުދިންގެ މަންމަ ބުނި ގޮތުގައި އެ ހާދިސާގެ ކުރީ ރޭ އޭނާއަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. ފެނުނީ އޭނާގެ ދަރިއަކު ގެނބިގެން އުޅޭތީ އެވެ. ނަމަވެސް އޭނާގެ ދަރިންނަށް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ބަންގާ ހިއެއް ނުކުރެ އެވެ. ސަބަބަކީ އޭނާ މާ ބިންނަން އަންނަ ކޮންމެ ފަހަރަކުވެސް އެ ކުދިން ގޮވައިގެން އަންނާތީ އެވެ. އަދި އެ ކުދިން ދުވަހަކުވެސް ފެންގަނޑާ ކައިރި ނުވާތީ އެވެ.

ބަންގާ ބުނި ގޮތުގައި އޭނާއަށް ފެނުނު ހުވަފެނުގައި އެއް ދަރިފުޅު ގެނބެނިކޮށް އޭނާއަށް ގޮސް ސަލާމަތް ކުރެވުނީތީ ފެނުނެވެ.

"ހުވަފެނުގައި މުސްކުޅި މީހަކު އަހަންނާ ދިމާލަށް ހޭން ހުއްޓާ ފެނުނު. އަހަރެން އޭނާ ކައިރި އެހިން ކަލޭ ތި ހެނީ ކީއްވެހޭ؟ އެހެން ބުނިތަނާ ހޭލެވިއްޖެ. ދެން ހިތަށް އެރި ބިރު ހުވަފެނެކޭ އެ ފެނުނީ ހަގީގަތެއް ނޫނޭ،" ބަންގާ އޭނާއަށް ފެނުނު ހުވަފެން ކިޔައިދެމުން ބުންޏެވެ.