ލޯބިވެރިޔާ ލަނޑު ދިނުމުން ފަގީރުވެ ގޮނޑުހޮވުމުގައި

ޖަރުމަނު މީހަކަށް އޭނާގެ ފިލިޕިންސްގެ ލޯބިވެރިޔާ ލަނޑު ދިނުމުން ހާލުގައިޖެހި ގޮނޑުހޮވައިގެން ދިރިއުޅެން ޖެހިއްޖެ އެވެ.


ކްރިސްޓޯފް ހާލުގައި ޖެހުނީ އޮންލައިނުން ދިމާވި ފިލިޕިންސް މީހަކެއްގެ އަވާގައި ޖެހި، ފިލިޕިންސަށް ދިއުމުން އޭނާގެ ހުރިހާ ފައިސާއަކާއި މުދަލެއް ލޯބިވެރިޔާ އަތުލުމުންނެވެ.

ކާމީ ވެބްސައިޓްގައި ފިލިޕީންސް މީހަކު ވަނީ މި ކްރިސްޓޯފްގެ ފޮޓޯތަކަކާއެކު އެ މީހާގެ ވާހަކަ ލިޔެފަ އެވެ. އުމުރުން 49 އަހަރުގެ ޖަރުމަނު މީހާ ފިލިޕިންސްގެ ސޭބޫ އަށް ދިޔައީ ލޯބިވެރިޔާއާ ބައްދަލުކުރުމަށެވެ. ނަމަވެސް އެ އަންހެންމީހާ ވަނީ ކްރިސްޓޯފްގެ ހުރިހާ ފައިސާއެއް ޚަރަދުކޮށް ހުސްކޮށްލި އެވެ. އަދި އެންމެފަހުން ކްރިސްޓޯފް ދޫކޮށްލާފައި ފިލައިގެން ވެސް ދިޔައީ އެވެ.

ކްރިސްޓޯފް މަގުމަތީގައި

އަތުގައި އެއްވެސް ފައިސާއެއް ނެތުމުން އަމިއްލަ ގައުމަށް ދެވޭނެ ގޮތެއް ނެތި މަގުމަތީގައި އުޅޭ ކްރިސްޓޯފް ކައިބޮއެ އުޅެނީ ގޮނޑުން ހޮވާ އެއްޗެހި ވިއްކައިގެން ކަމަށްވެ އެވެ. އެ ހާލުގައި އޭނާ ދިރިއުޅޭތާ މިހާރު އަށެއް އަހަރު ވަނީ ވެފަ އެވެ.

ކްރިސްޓޯފްގެ ވާހަކަތައް ކިޔައިދިން މީހާ ބުނީ ކްރިސްޓޯފްގެ އާއިލާގެ މީހުންނަށާއި އެކުވެރިންނަށް އޭނާ އެ ހާލުގައި ފިލިޕީންސްގައި ދިރިއުޅޭކަން އެނގޭހެން ހީނުވާ ކަމަށެވެ. ކްރިސްޓޯފްގެ ވާހަކަ އޭނާ އޮންލައިންގައި އާންމުކުރީ އޭނާ ދަންނަ ކޮންމެވެސް މީހަކަށް މި ލިޔުން ފެނި ކްރިސްޓޯފް އަށް އެހީ ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް ބުނެފައިވެ އެވެ.