ވާރުތަކުރާ ހިތުގެ މައްސަލައެއް ހުންނަ މީހުންނަށް އެނާޖީ ޑްރިން ވަރަށް ނުރައްކާ

ހިތުގެ ބައެއް މައްސަލަތައް ހުރިކަން ނޭނގި ތިބެ އެނާޖީ ޑްރިންކް ބޯ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް، އާ ދިރާސާއެއްގައި އިންޒާރު ދީފި އެވެ.


އޮސްޓްރޭލިއާގައި ކޮށްފައިވާ ދިރާސާގައި ބަލާފައި ވަނީ ކެފެއިން އެކުލެވޭ ބުއިންތަކުން، ލޯންޗް ކިއު ޓީ ސިންޑްރޯމް (އެލްކިއުޓީއެސް) ހުންނަ މީހުންގެ ހިތް ހުއްޓުމުގެ ފުރުސަތު އޮތް މިންވަރެކެވެ. އެލްކިއުޓީއެސް އަކީ އާއިލީ ގޮތުން ވާރުތަވާ ހިތުގެ ބައްޔެކެވެ. މި ބަލި ޖެހުމުގެ ފުރުސަތު ކޮންމެ 200 މީހަކުން އެކަކަށް އޮވެ އެވެ.

މި ބަލި ހުންނަ މީހުންގެ ހިތުގެ އިލެކްޓްރިކަލް އެކްޓިވިޓީ އަށް މައްސަލަތައް ދިމާވާއިރު މި މައްސަލަ ހުރި ކަމުގެ ނިޝާންތައް ފެންނަލެއް މަދުކަމުން މި ބަލި ހުންނަކަން ކުރިން އެނގެނީ މަދު ހާލަތެއްގަ އެވެ.

އެހެންވެ ސައިންޓިސްޓުން ވަނީ މި ފަދަ ބަލި ހުންނަ މީހުން އެނާޖީ ޑްރިންކް ބުއިމުން ކުރާ އަސަރުތައް ފުރަތަމަ ފަހަރަށް ދެނެގަނެފަ އެވެ.

"އެނާޖީ ޑްރިންކުން ކާޑިއޯވެސްކިއުލާ ނުރައްކާތައް ފާހަގަކޮށްލެވޭ ވަރަކަށް އިތުރުވަމުން ދާތީ މިއީ އާއްމު ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި،" މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަރު ސެމްސަރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ނުރައްކާ އެންމެ ބޮޑީ ޓީންއޭޖް ކުދިންނަށާއި ޒުވާނުންނަށެވެ. އެއީ މިފަދަ ބުއިންތައް އެންމެ ބޮޑަށް މާކެޓް ކުރަނީ މި އުމުރު ފުރައަށް ކަމަށްވާތީ އެފަދަ ބުއިންތައް އެންމެ ގިނައިން ބޮނީ ޅަ ކުދިންނާއި ޒުވާނުންނަށް ވާތީ އެވެ.

އެނާޖީ ޑްރިންކް ބުއިމުން ހިތުގެ މައްސަލަތައް ގިނައިން ކުރިމަތިވީ ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް

"އެނާޖީ ޑްރިންކަކީ ފަސޭހައިން ފިހާރަތަކުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ލިބެން ހުންނަން އެއްޗަކަށް ވާއިރު މި ބުއިންތަކުން، ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމަށް ކުރާ ނޭދޭވޭ އަސަރުތައް ތަހުލީލުކުރަން ޖެހުނީ،" ޕްރޮފެސަރު ވިދާޅުވި އެވެ.

މި ދިރާސާގައި ބައިވެރިކުރީ އުމުރުން 16 އަހަރާއި 50 އަހަރާ ދެމެދުގެ 24 މީހުންނެވެ. މި އެންމެންނަކީ ވެސް އެލްކިއުޓީއެސް ހުރިކަން ދެނެގަނެވިފައި ތިބި މީހުންނެވެ. މި މީހުން ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ފުރަތަމަ ގްރޫޕަށް ދިނީ 160 މިލިގްރާމް ކެފެއިން އާއި 2،000 މިލިގްރާމް ޓޯރީން އެކުލެވިގެންވާ، ޝުގަ ފްރީ އެނާޖީ ޑްރިންކެކެވެ. ދެވަނަ ގްރޫޕަށް ދިނީ ކެފެއިން އާއި ޓޯރިން ނެތް 500 އެމްއެލް ބުއިމެކެވެ. އެއަށްފަހު ދޮޅު ގަޑިއިރު ވަންދެން މި މީހުންގެ ލޭގެ ޕްރެޝަރާއި ހިތުގެ އިލެކްޓަރިކަލް އެކްޓިވިޓީ ކޮންމެ 10 މިނިޓަކުން މޮނިޓާ ކުރަމުން ދިޔަ އެވެ. މި ވަގުތުގެ ތެރޭގައި ތިން މީހެއްގެ ކިބައިން އެލްކިއުޓީއެސްގެ ނުރައްކާތެރި އަލާމަތްތައް ފެންނަން ފެށި އެވެ.

އެމީހުންގެ ހިތުގައިވާ އިލެކްޓްރިކަލް އެކްޓިވިޓީ އަށް ހުރަސްތައް ދިމާވެ އެކަށީގެންވާ ގޮތެއްގައި ލޭ ޕަމްޕްކުރުމަށް ދަތިވި އެވެ. އަދި މިތިން މީހުންގެ ތެރެއިން ދެ މީހެއްގެ ލޭގެ ޕްރެޝަރު ވެސް ކުއްލިއަކަށް މައްޗަށް ދިޔަކަން ފާހަގަކުރެވުނެވެ.

ދިރާސާ ރިޕޯޓު ތައްޔާރުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިޓަލީގެ ސައިންސްވެރިއަކު ވިދާޅުވީ އެނާޖީ ޑްރިންކަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޯ އެއްޗަކަށް ވާއިރު އޭގެ ތެރެއިން 12.5 ޕަސެންޓް މީހުންނަށް ނުރައްކާ އޮތުމަކީ މާ ކުޑަކުޑަ މިންވަރެއް ކަމަށް ބަލައި، އެކަމާ އަޅާނުލާ ދޫކޮށްލެވެން ނެތް ކަމަށެވެ. އެހެންކަމުން މި ހޯދުންތަކަށް ފަރުވާތެރިކަމާ އެކު ވިސްނަން ޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.