ވަޅުލާފައި އޮތް ކުއްޖަކު ސަލާމަތްކުރީ ކުއްތާއެއް

ޗައިނާގެ ޖަންގަޔެއްގެ ތެރޭގައި ދިރިހުއްޓާ ވަޅުލާފައި އޮތް ތުއްތު ކުއްޖަކު، ކުއްތާއެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

މި ކުއްތާގެ ވެރިމިހާ ޔޭންގް ޖިއާލީ ބުނީ އޭނާގެ ކުއްތާ ކުއްލިއަކަށް ދުވެފައި ގޮސް ގަސްތަކެއްގެ ތެރެއަސް ވަދެ ބިންމަތި ކޮންނަން ފެށީ ކަމަށެވެ.

ޔޭންގް ބުނީ ތުއްތު ފިރިހެން ކުއްޖާ އޮތީ ހުދު ފޮތިގަނޑަކަށް ލާ އޮޅާލާފައި ކަމަށާއި އެކަމަކު އަނގަ ފުރެންދެން ހުރީ ޗަކަ ވެލި ކަމަށެވެ. މި ކުއްޖާ ފެނިފައި ވަނީ ވަނީ މި މަހުގެ ކުރިކޮޅު، ޗައިނާގެ ދެކުނު ހުޅަނގުގައި އޮންނަ ސިޓީއެއް ކަމަށްވާ ކޮންގްކިންގްގެ ވޫޓާން އަވަށުންނެވެ.

ތުއްތު ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައި ވަނީ ކުއްޖާއަށް ވީ އެންމެ މަހެއް ކަމަށެވެ. މި ކުއްޖާގެ ސީރިއަސް ސިއްހީ މައްސަލައެއް ހުރިކަމަށް ގަބޫލުކުރެވި އަދި މަރުވީ ކަމަށް ހިތާ އެ ކުއްޖާގެ މައިންބަފައިން ކުއްޖާ ވަޅުލީ ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.

"ކުއްޖާ އޮތީ ވަރަށް ދޮންފޫޑުވެފައި. ނޭވާ ލަނީ ވަރަށް ލަސް ލަހުން. އަދި ހާޓް ރޭޓް ވެސް ވަރަށް ލަސް ލަހުން. އަދި ހަށިގަނޑުގެ ޓެމްޕްރޭޗާ ވެސް ވަރަށް ދަށް. އަނގަ ފުރެންދެން އޮތީ ހުސް ޗަކަ،" ޑޮކްޓަރު ސޮންގް ޔީ ވިދާޅުވި އެވެ.

ފަހުން މި ކުއްޖާ ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އެތަނުން ބުނީ ހާލު ރަނގަޅު ނަމަވެސް ފުރާނައަށް އަދިވެސް ނުރައްކާ ކަމަށެވެ. ނަމަވެސް ހާލު ސީރިއަސް ނުވެ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.

މި ކުއްޖާއާ ހަވާލުވާން އެއްވެސް މީހަކު ނުދާ ކަމަށާއި ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުން ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.

ތުއްތު ކުދިން މަރުވުމުން އަމިއްލައަށް އެ ކުއްޖާ ކޮންމެވެސް ތަނެއްގައި ވަޅުލުމަކީ ޗައިނާގައި އާންމުކޮށް ކުރާ ކަމެއް ކަމަށް ވެ އެވެ. އެގޮތުން މި ކުއްޖާ ވެސް މަރުވީ ކަމަށް ހީކޮށް މައިންބަފައިން ކުއްޖާ ވަޅުލީ ކަމަށް ބެލެވެ އެވެ. ނަމަވެސް ފަގީރު އާއިލާތަކުގެ ބައެއް މީހުން ދަރިން ބެލޭނެ ތަނަވަސްކަން ނެތްކަމަށް ގަބޫލުކޮށް ދިރިހުއްޓާ ކުދިން ވަޅުލުމުގެ އެކި ހާދިސާތައް ވެސް ހިނގާފައިވެ އެވެ.