ކެތްތެރިކަމުގެ ހުނަރު – ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ

ތުއްތު ކުއްޖަކު ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ މައިންބަފައިންނާއި، ބެލެނިވެރިން އަދި މުދައްރިސުންގެ ފަރާތުން ކުއްޖާ އަށް ދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. ހަރުދަނާ، ގާބިލު އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމަށް ދަރިއެއްގެ ކިބައިގައި ކެތްތެރިކަމުގެ އަގުހުރި ސިފަ އަށަގަތުން ވަރަށް ވެސް މުހިއްމެވެ. މިކަމަށް ހެކިދޭ އެތައް ސަތޭކަ ދިރާސާތައް އެބަ ހުއްޓެވެ. މީގެ މިސާލެއް ހުށަހަޅާނަމެވެ.


މީގެ ފަންސާހަކަށް އަހަރު ކުރިން ދިރާސާވެރިން ކޮށްފައިވާ ތަހްލީލެއްގައި ހިމެނީ ހަތަރު އަހަރުގެ ކުޑަކުދިންނެވެ. އޭގައި ބައިވެރިވި ކޮންމެ ކުއްޖެއްގެ އަތަށް މެޓައެއް ދިނެވެ. އަދި އެމެޓާ އެކުދިންނަށް ވަގުތުން ކެވިދާނެ ކަމުގެ އިޝާރާތް ވެސް ކުރި އެވެ. އެކަމަކު، މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކޮށްފި ނަމަ އިތުރު މެޓައެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް އެކުދިން ގާތު ބުނެވުނެވެ. ކޮންމެއަކަސް، އެތަނުން ބައެއް ކުދިން ވަގުތުން މެޓާ ކާލި އެވެ. ބާކީ ތިބި ކުދިން މަޑުކުރީ ވިހި މިނެޓު ފަހުން އިތުރު މެޓައެއް ހޯދުމުގެ އިންތިޒާރުގަ އެވެ. މި ދިރާސާގެ ނަތީޖާތަކުން އާދަޔާ ހިލާފު ކަންތައްތަކެއް ހޯދުނެވެ.

ދިރާސާގައި ބޭނުންކުރި ހުރިހާ ކުދިން ވެސް ބޮޑުވަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ގާތުން ދިރާސާވެރިން ބަލަމުން ދިޔަ އެވެ. އެކުދިންގެ ތެރެއިން ފުރަތަމަ ދިން މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކުރި ކުދިން ކިޔެވުމުގައި ރަނގަޅު ވަނަތައް ހޯދި އެވެ. ތައުލީމީ ހަޔާތް ނިމިގެން ދިރިއުޅުމެއް ފެށިއިރު ރަނގަޅު ދަރަޖައިގެ ވަޒީފާތަކަށް ވެސް ދިޔަ އެވެ. އެމީހުންގެ ޒަވާޖީ ހަޔާތް ވެސް އެހާމެ ބާއްޖަވެރި އެވެ. އަދި، ފުރަތަމަ މެޓާ ވަގުތުން ކާލަން ހިޔާރުކުރި ކުދިންނާ ހިލާފަށް، ޖުމްލަ ގޮތެއްގައި އެމީހުންގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އެވެ.

މިދެންނެވި ދިރާސާ އެހެނިހެން ތަފާތު ގޮތްގޮތަށް ވެސް ތަކުރާރު ކޮށްފައިވެ އެވެ. އަދި ނަތީޖާ ވެސް ހަމަ އެއް ގޮތެވެ. އެއީ، ކަންކަމުގައި ކެތްތެރިކަން ކުރިއަށް ނެރޭ މީހުންނަކީ ކާމިޔާބު މީހުންނެވެ. ކެތްތެރިކަމަކީ ތުއްތު އިރުން ފެށިގެން ދަރިފުޅު ކިބައިގައި އަށަގަންނަވަން ޖެހޭ މުހިންމު ހުނަރެކެވެ. އަދި ބައެއް ކުދިންނަކީ ތަބީއީ ގޮތުން ކެތްތެރިކަމުގެ މިންވަރު ދަށް ކުދިން ކަމުން، އެކަމަށް މައިންބަފައިން ހުށިޔާރުވެ، ވަކިން ހާއްސަކޮށް އެފަދަ ކުދިން ގައި މި މުހިއްމު ހުނަރުގެ ވަކި ހިއްޕަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކުއްޖެއްގެ ކިބައިގައި ކެތްތެރިކަން އަށަގަނުވަން އަމަލީ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ވެސް ވެއެވެ. މިސާލަކަށް، ތުއްތު ކުއްޖަކު ކުޅޭ އެއްޗެއް ނުވަތަ ކާއެއްޗެއް ބޭނުންވެގެން ރޯން ފެށުމުން އެއް މިނެޓު ނުވަތަ ދެމިނެޓު ވަންދެން އެ އެއްޗަކަށް މަޑުކުރަން ބުނެވިދާނެ އެވެ. ކުދިން ގުޅިގެން ކުރާ ކަންތަކުގައި، މިސާލަކަށް ކުޅޭ ކުޅިވަރެއްގައި، އެކުއްޖެއްގެ ވަގުތު ޖެހެންދެން މަޑުކުރަން ބާރު އެޅިދާނެ އެވެ. މީރު ކާނާއަކަށް ކުއްޖާ އެދޭ ވަގުތު، ފުރަތަމަ މުހިއްމު މަސައްކަތެއް ނުވަތަ ފިލާވަޅެއް ނިންމަން ހުށަހެޅިދާނެ އެވެ. ބޭނުންވާ މުހިއްމު އަދި އަގުބޮޑު އެއްޗެއް ގަންނަން އަމިއްލަ އަށް މަޑުމަޑުން ފައިސާ އެއްކުރަން ކުއްޖާ އަށް ދަސްކޮށް ދެވިދާނެވެ. ފަރުލު ފަސްނަމާދު ގަޑިންގަޑިއަށް އަދާކުރަން ހަނދާން ކޮށްދޭށެވެ. ހުސް އަތާ، އެއްވެސް ކަމެއް ނުކޮށް އެކަނި ތަނެއްގައި ކޮންމެ ދުވަހަކު ވެސް ވަގުތު ކޮޅެއް ހޭދަކޮށްލަން ކުއްޖާއަށް ބާރު އެޅިދާނެ އެވެ. މިއީ ކެތްތެރިކަން އިސްކުރަން ހައްތާ ވެސް ބޭނުން ކުރެވިދާނެ އުކުޅުތަކެވެ.

ކޮންމެއަކަސް، ޒަމާނީ ތަފާތު ވަސީލަތްތަކާއި ދިރިއުޅުމަށް މިހާރު މި އަންނަ ބަދަލުތަކާ އެކު، އަޅުގަނޑުމެން އިންސާނުން މިދަނީ ވަގުތީ އުފާތައް ހޯދުމަށް ދޭ ސަމާލުކަން ބޮޑުވަމުންނެވެ. މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މިއީ ސާދާ ދިރިއުޅުމަކަށް މަގުފަހި ކުރުމަށް މިއަދު ބޮޑެތި މީހުންނަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ތިމާގެ އަމިއްލަ ދިރިއުޅުމުން ކެތްތެރިކަމުގެ މިސާލު ދައްކަމުން ތުއްތު ކުދިން ވެސް އެމަގުން ހިންގަން ވަރަށް ބޮޑަށް ބާރު އަޅަން މިއަދު އެބަ ޖެހެ އެވެ.

ޕްރޮފެސާ ހަސަން އުގެއިލް

ޕްރޮފެސަރު ހަސަން އުގައިލް އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަރޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސިނިއަރ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫ ސިޓީއަށް އުފަން އުގައިލަކީ ސައިންސުގެ ރޮނގުން ޕްރޮފެސަރުކަން ހާސިލުކުރެއްވި ފުރަތަމަ އަދި ހަމަ އެންމެ ދިވެހި އިލްމުވެރިޔާ ވެސް މެއެވެ. ހިސާބާއި ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އުގައިލް ގެންދަވަނީ އިލްމީގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ތަފާތު ގިނަގުނަ މަސައްކަތް ހިލޭ ސާބަހަށް ކުރައްވަމުންނެވެ.