އަންހެން ދަރިއަކު ނެތުމުގެ ހިތާމަ ފިލީ އަޖައިބެއް ފަދަ ގޮތަކަށް

މިއީ ރިކްޝާ ދަމާ ބަބްލޫ ޝޭޚްގެ ވާހަކަ އެވެ. އުމުރުން 55 އަހަރުގެ ބަބްލޫގެ ވާހަކަ ބަންގަލަދޭޝްގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖީއެމްބީ އާކާޝް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.


ބަބްލޫ ބުނެފައިވާ ގޮތުގައި އޭނާ އަބަދުވެސް އަންހެން ދަރިއަކު ބޭނުންވި އެވެ. ނަމަވެސް ލިބުނީ ތިން ފިރިހެންދަރިންނެވެ. އަންހެން ދަރިން ލިބޭނީ ވަރަށް ނަސީބުގަދަ މީހުންނަށޭ ބަބްލޫ އަބަދުވެސް އޭނާގެ އަންހެނުން ގާތު ބުނާ ކަމަށްވެ އެވެ.

ރިކްޝާ ދަމާ މީހެއްގެ ގޮތުގައި 30 އަހަރު ބަބްލޫ މަސައްކަތް ކުރިއިރު ރެކްޝާއަށް ގިނައިން އަރަނީ ވަރަށް ރުޅިގަދަ މީހުން ކަމަށް ބަބްލޫ ފާހަގަ ކުރި އެވެ. ގިނަ މީހުން ދަނީ އޭނާއާ ދިމާލަށް އެއްޗެހި ގޮވައިފަ އެވެ.

އެއްދުވަހަކު ބައްޕައަކު އޭނާގެ އަންހެންދަރިފުޅު ގޮވައިގެން އައިސް ބަބްލޫގެ ރެކްޝާއަށް އެރުވި އެވެ. ދަރިފުޅު ކޮލެޖަށް ގެންގޮސްދޭން އެ ބައްޕަ އެދުނެވެ. ދަރިފުޅު ގޮވައިގެން ދާއިރު މަގުމައްޗަށް ބަލައިގެން ދުއްވުމަށް ބަބްލޫ ކިބައިން އެ ބައްޕަ އެދުނެވެ. އަދިބާރަށް ހިފަހައްޓައިގެން އިނުމަށް ދަރިފުޅު ގާތު ބުންޏެވެ. ދަރިފުޅަށް އަނިޔާއެއް ވެދާނެތީ މަޑުން ރިކްޝާ ދަމަން ބަބްލޫ ކައިރީ ބައްޕަ އެދުނެވެ.

ރިކްޝާ ދަމަމުން ވަކި ހިސާބަކަށް ދިޔަތަނާ ފަހަތުގައި އިން ކުއްޖާ ވަރަށް ގަދަޔަށް ރޯން ފެށި އެވެ. ބަބްލޫ ފަހަތަށް އެނބުރި، ވީ ކިހިނެއްތޯ އެހުމުން އެ ކުއްޖާ އޭނާއާ ދިމާލަށް އެއްޗެހި ގޮވައިގަތެވެ. އަދި ފަހަތަށް އެނބުރި ނުބަލަން ބުންޏެވެ. އިރުކޮޅަކުން ރިކްޝާ ހުއްޓަން ބުނެފައި އެ ކުއްޖާ ކޮންމެވެސް މީހަކަށް ފޯނުން ގުޅަން މަސައްކަތްކުރަން ފެށި އެވެ. އޭރު އެ ކުއްޖާ ވަރަށް ބާރަށް ރޮމުން ހަޅޭއްލަވަމުން ދިޔަ އެވެ.

ވެގެން އުޅޭ ގޮތް އެ ހިސާބުން ބަބްލޫ އަށް އެނގިއްޖެ އެވެ. މިއީ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއާ އެކު ފިލަން މަސައްކަތްކުރާ އަންހެންކުއްޖެކެވެ. އެންމެ ފަހު ވަގުތު ފިރިހެންކުއްޖާ ދައްކާނުލީ އެވެ.

ކުއްލިއަކަށް އެ ކުއްޖާ ރިކްޝާއިން ފުންމާލައިގެން ރޭލު ދަގަނޑާ ދިމާލަށް ދުއްވައިގަތެވެ. ބަބްލޫއަށް ދޭންވާ ފައިސާ ސީޓުމަތީގައި ބަހައްޓާފަ އެވެ. އެ ކުއްޖާގެ ބައްޕަ ވާނެ ދެރަ ހިތަށް އަރާފައި ބަބްލޫ ވަރަށް ދެރަވި އެވެ. އަދި އޭނާގެ އަންހެން ދަރިއަކު ނެތީތީ އެދުވަހު ފުރަތަމަ ފަހަރަށް އުފާވި އެވެ.

ނަމަވެސް އެތަނުން ދާކަށް އޭނާއަކަށް ނުކެރުނެވެ. އެ ކުއްޖާގެ ބައްޕަ އެދުނު ކަންކަމުގެ މަތިން ބަބްލޫ ހަނދާންވި އެވެ. އެހެންވެ ވެހިކަލް ޕާކްކޮށްފައި ކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އޭރު އެ ކުއްޖާ ރޭލު ދަގަނޑުމަތިން ލާފައި ދަނީ އެވެ. އޭރު އެ ކުއްޖާ އަށް ދެވެނީ ބަލި މީހަކު ދާހެން މަޑުމަޑުންނެވެ.

ބަބްލޫ އެ ކުއްޖާއާ އަރާ ހަމަކޮށްފައި އޭނާއާ އެކު އަންނަން އެދުނެވެ. ނަމަވެސް ބަބްލޫއާ ދިމާލަށް ހަޅޭއްލަވަން ފެށި އެވެ. އަދި ވަރަށް ބާރަށް ރޯން ފެށި އެވެ. އެ ހިސާބުގަނޑުން މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ. އެހެންވެ އެތަނަށް އެ ކުއްޖާ ދޫކޮށްލާފައި ދާކަށް ބަބްލޫއަކަށް ނުކެރުނެވެ.

އެ ކުއްޖާ ރޯނެ ވަރަކަށް ރޯން ބަހައްޓާފައި ބަބްލޫ ތަންކޮޅެއް ދުރުގައި ބަލަން ހުރީ އެވެ. ތިން ގަޑިއެއްހާއިރު އެގޮތަށް އެތާ ތިބިއިރު ރޭލެއް ނަޔަސް ދެންމެ ދެންމެ ވާރޭ އޮއްސާލާފާނެ ހެން ހީވާ ވަރަށް މޫސުން ގޯސްވި އެވެ.

ނަމަވެސް ވާރޭ ވެހެން ފެށުމުގެ ކުރިން އަންހެންކުއްޖާ ބަބްލޫ ގާތު ރިކްޝާ ގެންނަން ބުންޏެވެ. އޭގެ ފަހުން އެ ދެ މީހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވިއްސާރައިގައި ރިކްޝާ ދަމަމުން ގޮސް އަންހެންކުއްޖާގެ ގޭދޮށަށް ރިކްޝާ މަޑުކޮށްލުމުން އެއިން ފައިބައިގެން ގެއަށް ވަނުމުގެ ކުރިން އަންހެންކުއްޖާ ބަބްލޫ ކައިރީ ބުންޏެވެ. "ބޭބޭ އެވެ. އަހަރެން އުޅޭ ހިސާބަކަށް ދެން ދުވަހަކުވެސް ނާންނައްޗެވެ. އަދި އަހަންނަކީ ދަންނަ މީހަކަށް ވެސް ނުހަދައްޗެވެ."

ބަބްލޫ އިސްދަށަށް ޖަހާލާފައި ގެއާ ދިމާލަށް މިސްރާބު ޖެހި އެވެ. އެ ދުވަހު އޭނާއަށް ކުރި އަސަރުން އެއްވެސް މީހަކާ ވާހަކައެއް ވެސް ނުދެއްކުނެވެ. އަދި ކާ އެއްޗެއް ވެސް އަރުން ނުދިޔަ އެވެ.

އޭގެ އަށް އަހަރު ފަހުން އެއްދުވަހަކު ބަބްލޫ އެކްސިޑެންޓެއް ވި އެވެ. މަގުމަތީގައި ތިބި ބަޔަކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ބަބްލޫގެ ހޭވެރިކަމެއް ނެތެވެ. ހޭއެރީ އެތާ އޮއްވަ އެވެ.

އެވަގުތު އެތަނުގައި ބަބްލޫ އަށް ޚިދުމަތްކުރަން ހުރި އަންހެން ޑޮކްޓަރަކު ބަބްލޫ ކައިރީގައި ހާލު ކިހިނެއްތޯ އެހި އެވެ. އަދި އޭނާއާ ބައްދަލުކުރަން އޭގެ ފަހުން ދުވަހަކު ވެސް ނައީ ކީއްވެތޯ ސުވާލު ކުރި އެވެ. ހުދު ކޯޓެއް ލާފައި ލޮލުގައި އައިނެއް އަޅައިގެން އަދި ކޮނޑަށް ސްޓެތެސްކޯޕެއް އެއްލައިގެން ހުރި ޒުވާން ޑޮކްޓަރަކީ އަށް އަހަރު ކުރިން އޭނާ ފުރާނަ ސަލާމަތްކޮށްދިން އަންހެންކުއްޖާ ކަމެއް ބަބްލޫ އަކަށް ފުރަތަމަ ނޭނގުނެވެ.

ބަބްލޫގެ ފަރުވާ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިއުމަށް އެހެން ޑޮކްޓަރަކަށް އޭނާ ދައްކަން ޖެހުނެވެ. ޑޮކްޓަރު އައުމުން އަންހެންކުއްޖާ ޑޮކްޓަރާ ވާހަކަ ދެއްކި އަޑު ބަބްލޫ އެހި އެވެ. އެ އަންހެން ކުއްޖާ ބުނީ "މިއީ އަހަރެންގެ ބައްޕަ" ކަމަށެވެ.

ދުވަސްވެފައި ހުރި އެ ޑޮކްޓަރު އިނގިރޭސި ބަހުން އަންހެންކުއްޖާ ކައިރީ ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އަންހެންކުއްޖާ ބަބްލޫގެ ޒަޚަމްވެފައިވާ އަތުގައި ހިފާލާފައި ބުންޏެވެ.

"މި ބައްޕަ އެ ދުވަހު އަހަންނަށް އެހީތެރިނުވި ނަމަ އަހަންނަކަށް ޑޮކްޓަރަކަށް ނުނެވުނީ،" އެ ހަނި އެނދުގައި އޮށޯވެލައިގެން ބަބްލޫ ދެ ލޯ މަރާލައިގެން އޮތީ އެވެ. އެއްވެސް މީހަކަށް އޭނާގެ އިހްސާސްތައް ބަޔާންކޮށްދޭކަށް ބަބްލޫ އަކަށް ނުކެރޭނެ އެވެ. ރިކްޝާ ދަމާ މި މީހާގެ ވެސް އަންހެންދަރިއަކު އެބަހުއްޓެވެ.