މި ދެމަފިރިން ބުނަނީ ނުކައި އުޅޭތާ ނުވަ އަހަރުވެއްޖެ ކަމަށް

ދެ ދަރިން ލިބިފައިވާ މި ދެމަފިރިން ބުނާ ގޮތުގައި ފާއިތުވީ ނުވަ އަހަރު ދުވަހު އެމީހުން ދިރިއުޅެފައި ވަނީ ވަރަށް ކުޑަކޮށް ނުވަތަ އެއްގޮތަކަށް ވެސް ނުކަ އެވެ. ސަބަބަކީ ކެއުމާއި ފެނަކީ އެހާ މުހިއްމު އެއްޗެއް ކަމަށް އެމީހުންނަށް ނުފެންނާތީ އެވެ.

އަކާހީ ރައިކާޑޯ އާއި ކެމީލާ ކެސްޓެލޯ އަކީ 2008 އިން ފެށިގެން ބްރެދިރިއަންސް ނުވަތަ ދުނިޔޭގެ ޖައްވަށް ލާ ނޭވާއިން ލިބޭ ހަކަތައިން އެކަނި އިންސާނުންނަށް ދިރި ތިބެވިދާނެކަމަށް ގަބޫލުކޮށްގެން އުޅޭ ބައެކެވެ.

ކެމީލާ އާއި އަކާހީގެ ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރުގެ އަންހެންކުއްޖެއް އެބަހުއްޓެވެ. އެމީހުން ބުނާ ގޮތުގައި އެމީހުން ގަދަވެ ސަލާމަތުން ތިބީ މޭވާ ނުވަތަ ތަރުކާރީ ސޫޕް ފޮދެއް ފަދަ އެއްޗެއް ހަފުތާއަކު އެންމެ ތިން ފަހަރު ބޭނުންކޮށްގެންނެވެ. އެ ނޫނީ، ވަރަށް މަދު އެއްޗެއް ނޫނީ އެމީހުން ކައިބޮއެ ނަހަދަ އެވެ. އަދި ފުރަތަމަ ކުއްޖާއަށް ބަލިވެ އިންއިރުވެސް ކެމިލާ އަކީ ބްރިދެރިއަން އެއް ކަމަށާއި ބަލިވެ އިނދެގެން ނުވަ މަސް ދުވަހު ވެސް އެއްވެސް އެއްޗެއް އޭނާ ނުކާ ކަމަށް އަކާހީ ބުންޏެވެ.

ކައިވެނިކުރިތާ ނުވަ އަހަރު ވެފަައިވާ މި ދެމަފިރިން ބުނާ ގޮތުގައި "ފުޑް-ފްރީ ލައިފްސްޓައިލް"ގެ ސަބަބުން އެމީހުންގެ އާއްމު ސިއްހަތަށާއި ސިކުނޑީގެ ހަމަޖެހުން ވެސް ކުރިޔަށް ވުރެ މާ ރަނގަޅެވެ. އަދި ކެއުމަށް ކުރަންޖެހޭ ޚަރަދު ކުޑަކަމުން އެ ފައިސާ އެއްކޮށްގެން ތަންތަނަށް ދަތުރުކުރުމަށް އެމީހުންގެ ހުންނަ ޝައުގު ފުރިހަަމަކުރަން ފުރުސަތު ލިބޭ ކަމަށް ބުންޏެވެ.

އަކާހީ އާއި ކެމީލާ އެމީހުންގެ ދެ ދަރިންނާއެކު

ކެމީލާ، 34، ގެ ފިރިމީހާ ބުނަނީ އިންސާނުންނަށް ވަރަށް ފަސޭހައިން ކާނާއާ ނުލާ ދިރިތިބެވޭނެ ކަމަށެވެ. އެއީ ނޭވާލުމުގެ ޒަރިއްޔާއިން، ވަށައިގެންވާ ހިސާބުގައިވާ ހުރިހާ ހަކަތައެއް ހޯދަން ދަސްކޮށްގެން ކަމަށް އޭނާ ބުންޏެވެ

"އަކާހީ އާއި އަހަރެން ތިން އަހަރު ވަންދެން އުޅުނިން އެއްވެސް އެއްޗެއް ނުކައި. ނަމަވެސް މިހާރު ދޭތެރެއަކުން ކޮންމެވެސް އެއްޗެއް ކާލަން. އެއީ މީހުންނާ ގުޅިގެން އުޅެންޖެހޭ ހާލަތްތަކުގައާއި ކޮންމެހެން މޭވާއެއް ރަހަބަލާލާ ހިތް ވެއްޖެ ނަަމަ،" ކެމީލާ ބުންޏެވެ.

އަކާހީ ގަބޫލުކުރާ ގޮތުގައި ބްރެތުރިއަނިޒަމް އަކީ ކާއެއްޗިއްސަށް ކުރާ ޚަރަދު ކުޑަވެގެން ދާނެ ކަމެކެވެ. އަކާހީ އާއި އޭނާގެ އަންހެނުން ކަމީލާ އަކީ ބްރެތުރިއަން ދަސްކޮށްދޭ ކޯސްތައް ހިންގާ ބައެކެވެ. އެމީހުން ބުނާ ގޮތުގައި ކާއެއްޗިއްސާ އެއްވެސް ގުޅުމެއް ނުބޭއްވުމުން ލިބޭ މިނިވަންކަމެއް އޮވެ އެވެ. އަދި އެހެނިހެން އާއިލާތަކަށް ވުރެ އެމީހުންގެ އާއިލާއަށް ކެއުމަށް ކުރަން ޖެހޭ ޚަރަދުތައް މާ ކުޑަ އެވެ.

ކެމީލާ އާއި އަކާހީ އަށް ބްރެޓުރިއަނިޒަމް ދަސްވީ ސައުތު އެފްރިކާއަށް ކުރި ދަތުރެއްގައި އެމީހުންނާ ދިމާވި އެކުވެރިއެއްގެ ފަރާތުންނެވެ. މި ދެމަފިރިން މަސް ނުކައި ވެޖެޓޭރިއަނުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އެވެ. އެއަށްފަހު ރޯ ތަރުކާރީ އެކަނި ކައިގެން އުޅުނެވެ. އެއަށްފަހު ހަމައެކަނި މޭވާ ކައިގެން ވެސް އުޅުނެވެ. އެންމެ ފަހުން "21 ދުވަހުގެ ބްރިތޭރިއަން ޕްރޮސެސް" އެއްގައި ބައިވެރިވީ އެވެ.

މި ޕްރޮސެސްގައި ފުރަތަމަ ހަތް ދުވަހު ހުންނަނީ އެއްވެސް އެއްޗެއް ނުކައެވެ. ހަމައެކަނި ވައިންނެވެ. އަނެއް ހަތް ދުވަހު ފެނާއި ޖޫސް ބޮއެގެންނެވެ. މި މަރުހަލާ ފުރިހަމަ ކުރިއިރު ވައި ލިބެންޏާ ނުކައި ވެސް ދިރިހުރެވިދާނެކަން އެމީހުންނަށް ދަސްވި ކަމަށް މި ދެމަފިރިން ބުނެފައިވެ އެވެ.

"އަހަރެންނަކީ ވަރަށް ގިނައިން ކައި އުޅުނު މީހެއް. ނަމަވެސް 2008 ގައި މި ޕްރޮސެސް ފެށިފަހުން ބަނޑުހައެއް ނުވޭ،" އަކާހީ ބުންޏެވެ.

އަކާހީ ބުނި ގޮތުގައި އޭނާގެ ދަރިން ބޭނުން ކޮންމެ އެއްޗެއް ކާން ދެ އެވެ. އަދި ދަރިން ލިބުނު ފަހުން އެކުދިންނާއެކު ބައެއް ފަހަރު ކާއެއްޗެހި ކުޑަކުޑަ މިންވަރެއް ކައިގެން ކެއުމުން ލިބޭ ހިތްހަމަޖެހުން ވެސް ހޯދާ ކަމަށް ބުންޏެވެ.

ބްރެތޭރިއަނިޒަމް އަކީ ސިއްހީ މާހިރުން ގަބޫލުކުރާ ކަމެއް ނޫނެވެ. ސިއްހީ ގައިޑްލައިންތައް ބުނާ ގޮތުން ސިއްހަތަށް ފައިދާހުރި ބެލެންސްޑް ޑައިޓެއް ކެއުމަކީ ސިއްހަތު ސަލާމަތުން ހުރުމަށް މުހިއްމު ކަމެކެވެ. އަދި ކޮންމެ ދުވަހަކުވެސް ފަސް ޕޯޝަން ތަރުކާރީ އާއި މޭވާ ކާން ޖެހޭނެ ކަމަށް ވެސް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ. ޚާއްސަކޮށް، ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ކެއުމަށް ސަމާލުވާން ޖެހޭނެކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.