ހުވަފެން ހަގީގަތަކަށް ހަދަން މުހިއްމީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް

އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު މަޝްހޫރު ކުންފުނި ކަމަށްވާ ގޫގްލުގެ ވަޒީފާއަކަށް އެދި އެތަނަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތިބާ އަޑު އެއްސެވިންތޯ އެވެ؟ ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަޔާންކޮށް އިނގިރޭސި ވިލާތުގެ އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ އަމިއްލަ އަށް ލިއުނު ސިޓީ އަށް ގޫގްލުގެ އިސް ވެރިޔާ ސުންދާރް ޕިޗާއީގެ ސަމާލުކަން ލިބުމުން ގިނަ ބަޔަކު ހައިރާންވި އެވެ.


އާއެކެވެ. އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު އެފަދަ ސިޓީއެއް ދުނިޔޭގެ ނަން ހިނގާ ބޮޑު ކުންފަކަށް ފޮނުވަން ވިސްނައި، ފިކުރުކޮށް، އޭގައި އަމަލީ ކުލަ ޖެއްސުމަކީ ހަގީގަތުގައި ވެސް އާދައިގެ ކަމެއް ނޫނެވެ. ހަމަ އެހެންމެ، އެ ކުންފުނީގެ އިސް ވެރިޔާ އެފަދަ ސިޓީއަކަށް ނަޒަރު ހިންގައި އެއަށް ޖަވާބެއް އެރުވުމަކީ ވެސް ހަމަ އެފަދަ އާދަޔާ ހިލާފު ކަމެކެވެ. އެސިޓީގެ ޖަވާބުގައި ޕިޗާއީ ލިޔުއްވި ވާހަކަތަކުން ވެސް ވަރަށް ބޮޑު އިބުރަތެއް އަޅުގަނޑުމެންނަ ހާސިލުކުރެވެ އެވެ.

ކްލޮއީގެ ސިޓީގެ ޖަވާބުގައި ޕިޗާއީ ވިދާޅުވި އެވެ: "ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ، ބޭނުންވާ މަންޒިލަށް ވާސިލު ވުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. އަދި އެކަމުގައި ތެދު ނިޔަތާ އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އެމީހަކު ދެކެމުން ދާ ހުވަފެން ހަގީގަތަކަށް ހެދޭނެކަން ކަށަވަރެވެ. އެއީ އޮލިމްޕިކްގެ ފެތުމުގެ ރޭހެއްގައި ބައިވެރިވެ ވަނައެއް ހޯދުން ނުވަތަ ގޫގުލްގައި ވަޒީފާ އަދާކުރުން ކަމުގައި ވީ ނަމަވެސް މެއެވެ."

ކިޔަވައި ނިމިގެން، ގޫގުލްގެ ވަޒީފާއަށް އެދި ސިޓީ ފޮނުވާނެކަމުގެ އުއްމީދުގައި ހުންނެވި ކަމަށް ވިދާޅުވެ، ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުންފުނީގެ ވެރިޔާ، ޕިޗާއީ ވަނީ ކްލޮއީއަށް ހިތްވަރު ދެއްވާފަ އެވެ.

ޕިޗާއީގެ ޖަވާބު ވަރަށް ވެސް ފުރިހަމަ އެވެ. އެހެން ނޫންތޯ އެވެ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕިޗާއީގެ ޖަވާބު އެހާމެ އިބުރަތްތެރި ވެސް މެއެވެ. އެހެނީ ކަމަކަށް އެދި އެއާ ގުޅޭ ހުވަފެނެއް ތިމާގެ ސިނކުޑީގައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމައެހެންމެ، އެކަމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އަދި އެއަށް ވުރެ ވެސް މުހިއްމު ކަމެކެވެ.

ޕިޗާއީގެ ޖަވާބުން ހާމަވެގެން ދިޔައީ ގޫގުލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަމެވެ. ނަމަވެސް އެކަން ހަގީގަތަކަށް ހެދޭނީ އެފަދަ ވަޒީފާއެއްގެ ބޭނުމުގައި އެކަމަށް ގަދައަޅާ މަސައްކަތްތަކެއް ވެސް ކޮށްގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، ތުއްތު ކްލޮއީ އަށް އޭނާގެ ހުވަފެނީ ވަޒީފާ ކާމިޔާބު ކުރުމަށް ހިތްވަރު ދެއްވުމުގެ އިތުރުން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެ ހުވަފެންތަކުގެ މަތީގައި ސާބިތުކަމާ އެކު ދެމިހުރުމަށް ޕިޗާއީ އެ ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކޮންމެއަކަސް، މީހެއްގެ ހުފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ. އެހެން މީހުންނަށް އެފަދަ ކަމެއްގައި ނަސޭހަތާއި ހިތްވަރު ދެވިދާނެ އެވެ. އެހެނަސް، އެފަދަ ކަމެއްގައި އަމަލީ ކުލަ ޖައްސަން ބުރަ މަސައްކަތް ކުރަން ޖެހޭނީ ތިމާ އަމިއްލަ އަށެވެ. މިއީ އަޅުގަނޑުމެން ދަރިންނަށް ނަގައިދޭން ޖެހޭ މުހިއްމު ފިލާވަޅެކެވެ. ހަމައެހެންމެ، މިއީ އަޅުގަނޑުމެން އަމިއްލައަށް ވެސް ދަސްކުރަން ޖެހޭ މުހިއްމު ފިލާވަޅެކެވެ.

ޕްރޮފެސާ ހަސަން އުގެއިލް

ޕްރޮފެސަރު ހަސަން އުގައިލް އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަރޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސިނިއަރ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫ ސިޓީއަށް އުފަން އުގައިލަކީ ސައިންސުގެ ރޮނގުން ޕްރޮފެސަރުކަން ހާސިލުކުރެއްވި ފުރަތަމަ އަދި ހަމަ އެންމެ ދިވެހި އިލްމުވެރިޔާ ވެސް މެއެވެ. ހިސާބާއި ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އުގައިލް ގެންދަވަނީ އިލްމީގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ތަފާތު ގިނަގުނަ މަސައްކަތް ހިލޭ ސާބަހަށް ކުރައްވަމުންނެވެ.