އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތާ މެދު ބޮޑު ބަހުސެއް

އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ޑޮކްޓަރު ދޭ ޑޯޒް އެއްކޮށް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނަމުން އަޔަސް އެއީ މުހިންމު ކަމަކަށް ނުވެދާނެ ކަމަށް ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ)ގެ ތަޖުރިބާކާރުން ބުނުމާ އެކު ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.


ބީއެމްޖޭގެ ތަޖުރިބާކާރުން ބުނަނީ އެންޓިބަޔޮޓިކްގެ ޑޯޒް އެއްކޮށް ބޭނުން ނުކޮށްފި ނަމަ އެންޓިބަޔޮޓިކުން ބަލި ރަނގަޅު ނުކުރެވޭ ގޮތް ވެދާނެ ކަމަށް ބުނާ ވާހަކައަށް ބާރު ލިބޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ. އެހެންވެ މި ޓީމުން ބުނަނީ އެންޓިބަޔޮޓިކް ބޭނުންކުރަން ފެށުމަށް ފަހު، ޑޯޒް ފުރިހަމަ ނުވި ނަމަވެސް އެންޓިބަޔޮޓިކް ހުއްޓާލުމުން ހަށިގަނޑަށް ކުރާ އަސަރާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށެވެ.

އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތާ މެދު މި ސުވާލު އުފެއްދި ނަމަވެސް ޑޮކްޓަރުން ލަފާ ދެއްވަނީ ކުރިން ވެސް މިކަމުގައި އަމަލުކުރަމުން އަންނަ ގޮތުގައި ކުރިއަށް ދިއުމަށެވެ.

އިނގިރޭސި ވިލާތުގެ ރޯޔަލް ކޮލެޖް އޮފް ޖެނެރަލް ޕްރެކްޓިޝަނާސްގެ ޕްރޮފެސަރެއް ކަމަށްވާ ހެލެން ސްޓްރޯކްސް-ލަމްޕާޑް ވިދާޅުވީ ބައްޔެއް ރަނގަޅު ކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރަން ފެށުމާ އެކު ބަލީގެ އަލާމާތްތައް ކުޑަވުން ނުވަތަ ކެނޑިގެން ދިއުމަކީ ބަލި އެއްކޮށް ރަނގަޅުވުން ނޫން ކަމަށެވެ.

"އެންޓިބަޔޮޓިކްގެ ޑޯޒް އެއްކޮށް ފުރިހަމަކުރަން ޖެހޭނެ ކަމުގެ މެސެޖު، ބަލި މީހުންނަށް ވަރަށް ސާފުކޮށް ދޭން ޖެހޭނެ. މިކަމުގައި ދެ ގޮތަކަށް ބުނާ ނަމަ މީހުންނަށް އޮޅުން އަރާނެ،" ހެލެން ވިދާޅުވި އެވެ.

އިންގްލެންޑުގެ ތަޖުރިބާކާރުންގެ ބީއެމްޖޭގައި ބުނެފައި ވަނީ އެންޓިބަޔޮޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަކީ އެންޓިބަޔޮޓިކުން ބަލިތައް ރަނގަޅު ނުކުރެވޭ މައްސަލަ ހައްލުކުރުމަށް އޮތް ގޮތް ކަމަށެވެ. އަދި ބުނެފައި ވަނީ އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ މުއްދަތަށް ވުރެ އިތުރަށް ބޭނުންކުރުމަކީ އެންޓިބަޔޮޓިކުން ބަލިތައް ރަނގަޅު ނުވާ ގޮތަށް ހަށިގަނޑަށް ބަދަލު އައުމުގެ ސަބަބެއް ކަމަށެވެ.

މި ޓީމުން ބުނީ ވަކި މުއްދަތަށް ނުވަތަ ވަކި މިންވަރަކަށް އެންޓިބަޔޮޓިކް ބޭނުންކުރަން ބުނުމަކީ މާކުރީގެ ހޯދުންތަކުގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއް ކަމަށެވެ. ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި އާންމު ބަގްތަކާ ދެކޮޅަށް 3-5 ދުވަހު އެންޓިބަޔޮޓިކް ދިނުމުން ވެސް ނަތީޖާ ފެންނަ ކަމަށް ބީއެމްޖޭގައި ބުނެފައިވެ އެވެ.