ކޭކުގެ އުށްބައްތިއަށް ފުމެފައި ކޭކު ކާންވާނެތަ؟

އުފަން ދުވަސް ފާހަގަ ކުރާ މީހުން ކޭކުގައި އުށްބައްތި ޖަހައި އެ ދިއްލުމަށް ފަހު ނިއްވާލަން ފުމެނީ އަނގައިންނެވެ. މިއީ ސިއްހީ ގޮތުން ކޮން ކަހަލަ ކަމެއް ހެއްޔެވެ؟


މި ކަމާ ގުޅޭ ދިރާސާއެއްގައި މި ސުވާލު ވަނީ ކުރިމަތިކޮށްފަ އެވެ. ސަބަބަކީ އުށްބައްތިއަށް ފުމޭއިރު ވަރަށް ގިނަ ޖަރާސީމު އަނގައިން ނުކުންނާނެތީ އެވެ.

ސައުތު ކެރޮލައިނާގެ ކްލެމްސަން ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމުގެ ހޯދުންތައް ދައްކާ ގޮތުން، އުށްބައްތިއަށް ފުމެލާ ވަގުތު އެ ނުކުންނަ ކުޅުގައި ހުންނަ ބެކްޓީރިއާތައް ކޭކުގެ އައިސިންއާ އެކުވުމުން 1،400 ޕަސެންޓް އިތުރުވެ އެވެ.

އަންޑަގްރެޖުއޭޓު ކިޔަވާކުދިންތަކެއްގެ ގްރޫޕަކާ އެކުގައި ޑރ. ޕޯލް ޑޯސަން ހެދި މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުން އެމީހުންނަށް ވެސް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. އަދި ކާއެއްޗެހީގެ ރައްކާތެރިކަމާ މެދު އިތުރަށް ވިސްނަން މަޖުބޫރުވި އެވެ.

ޑރ. ޑޯސަން ވިދާޅުވި ގޮތުގައި މި ދިރާސާ ކުރުމަށް އޭނާއަށް ޚިޔާލު އައީ އަންހެން ދަރިފުޅާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

މި އެކްސްޕެރިމެންޓް ހެދުމުގެ ތެރޭގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ކޭކުގައި ޖަހާފައިވާ އުށްބައްތިތަކަށް ފުމެލުމަށްފަހު ކޭކުގެ ފްރޮސްޓިން ގަނޑުގައި ޖަރާސީމު އުފެދޭލެއް ވަރަށް ބޮޑަށް އިތުރުވެގެން ދާކަމެވެ. އަދި ބައެއް މީހުންގެ އަނގައިން އަނެއް ބައި މީހުންނަށް ވުރެ ގިނަ ބެކްޓީރިއާތައް ނުކުންނަކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ނަމަވެސް ޑރ. ޑޯސަންގެ މި ދިރާސާގެ ނަތީޖާ އަކީ މިކަމުގައި ވަކި ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށް ކަށަވަރު ކުރެވުނު ދިރާސާއެއް ނޫނެވެ. އެކަމަކު އިތުރު ހޯދުންތައް މިކަމާ ގުޅޭ ގޮތުން ހޯދުމުގެ ޝައުގުވެރިކަން ވަނީ ބޮޑުވެފަ އެވެ.