ޔޯގާއިން ބައެއް މީހުންނަށް އަރަނީ ތަދު

ބައެއް ހާނީއްކަތަކަށް ލުއި ހޯދުމަށް ޔޯގާ ހެދުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ގަދީމީ ކަސްރަތެއްގެ ގޮތުގައި ބަލަމުން އަންނަ ޔޯގާއާ ބެހޭ ގޮތުން ކުރި ދިރާސާއަކަށް ފަހު ބުނަނީ މިއީ އެންމެންނަށް ރަނގަޅު ކަމަކަށް ނުވާ ކަމަށާއި ބައެއް މީހުންގެ ތަދުތައް ބޮޑުވެ އަނެއް ބަޔަކަށް އިތުރު ތަދުތައް ޔޯގާގެ ސަބަބުން އަރާ ކަމަށެވެ.


ބާމިންހަމްގެ ޔުނިވަސިޓީ އޮފް އަލަބާމާގެ ސެންޓަ ފޯ އިންޖަރީ ސައިންސަސް އިން މި ދިރާސާގައި 100 މީހަކު ބައިވެރިކޮށް، މި މީހުންގެ ކަސްރަތުގެ ނަތީޖާ އަކީ ކޮބައިތޯ އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ބަލާފައިވެ އެވެ. މި ހޯދުންތަކުން އެނގުނީ ދިރާސާގެ ބައިވެރިންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންނަށް ޔޯގާގެ ސަބަބުން ތަދުތައް ލުއިވި ކަމަށެވެ. ހާއްސަކޮށް، އުނަގަނޑާއި ކަނދުރާގެ ރިހުންތަކަށް ލުއި ލިބުނުކަން ފާހަގަވި އެވެ.

ގިނަ މީހުން ޔޯގާގެ ފައިދާކުރި ކަމުގައި ވިޔަސް 21 ޕަސެންޓް މީހުން ބުނީ މަސްތަކާއި ހުޅުތަކުގެ ރިހުން، ޔޯގާ ހަދަން ފެށުމުން އިތުރަށް ގޯސްވި ކަމަށެވެ. ކުރިން ނުވާ ތަދުތައް ވެސް ވާން ފެށި ކަމަށް މީގެ ތެރެއިން 11 ޕަސެންޓް މީހުން ބުނެފައިވާކަން ދިރާސާއިން ފާހަގަވި އެވެ. އެގޮތުން، އަތާއި ކުޑަހުޅާއި ކޮނޑުގެ ތަދުތައް އަލަށް ތަޖުރިބާކުރަން ޖެހުނު ކަމަށް މި މީހުން ބުނެފައިވެ އެވެ.

ދިރާސާކުރި ޔުނިވަސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ޓޮމް ސްވައިން ވިދާޅުވީ ޔޯގާގެ ސަބަބުން އިތުރު ތަދުތައް ވުމުގެ ސީރިއަސްކަން ހުރީ ކިހާ ވަރަކަށް ކަމެއް މި ދިރާސާއިން ނޭނގޭ ކަމަށެވެ.

"ތަދެއް އަރަނީ ބޮޑު ހާނީއްކައެއް ވެގެން އެކަންޏެއް ނޫން. މަސްގަނޑަށް ވާ ތަދަކީ ވެސް ހާނީއްކައެއް،" ސްވެއިން ވިދާޅުވި އެވެ.

މި ދިރާސާ 2001 އިން 2004 އަށް ކުރިއަށް ގެންދިޔައިރު އެނގުނު ގޮތުގައި، އެ މުއްދަތުގައި ވަނީ އެމެރިކާގެ 30،000 މީހަކު ޔޯގާގެ ސަބަބުން ހާނީއްކަތައް ލިބި ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ. އެ މީހުން ފަރުވާ ހޯދި ކަންކަމުގެ ތެރޭގައި ހުޅު އެނބުރުމާއި މަސްގަނޑު ހަލާކުވުމާއި ކަށީގައި ރެނދުލުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ޔޯގާގެ ސަބަބުން ބައެއް މީހުންނަށް ހާނީއްކާވާ ކަމަށް ދެއްކި ނަމަވެސް ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ ހިނގުން އަވަސްވުމާއި ޑިޕްރެޝަން އާއި ނިދުމުގެ މައްސަލަތަކަށް ހައްލު ހޯދުމުގައި ޔޯގާ އިން އެހީތެރިކަން ލިބޭ ކަމަށް ކުރީގެ އެކި ދިރާސާތަކުން އެނގިފައިވެ އެވެ.