ފަލަވުމަށް ވުރެ އެކަނިވެރިކަމުގެ ނުރައްކާ ބޮޑު

އެކަށީގެންވާ ވަރަށް ވުރެ ހަށިގަނޑު ބަރުވުމަށް ވުރެ، އެކަނިވެރިކަމުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުން ބޮޑު ކަމަށް، މިކަމާ ބެހޭ ގޮތުން މިހާތަނަށް ކުރި އެންމެ ބޮޑު ދިރާސާއަށް ފަހު ބުނެފި އެވެ.


މި ދިރާސާކުރުމަށް އެމެރިކާގެ ރިސާޗަރުން ވަނީ އެކަނިވެރިކަމާއި މުޖުތަމައުގައި އެކަހެރިވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ބެހޭ ގޮތުން މީގެ ކުރިން ކޮށްފައިވާ 218 ދިރާސާއެއް ރިވިއުކޮށްފަ އެވެ. މި ހޯދުންތަކުން އެނގުނީ، މުޖުތަމައުގައި އެހެން މީހުންނާ އެކުވެގެން އުޅޭ މީހުންނާ އަޅާބަލާއިރު، އެކަނިވެރި މީހުން އަވަށް މަރުވުމުގެ ފުރުސަތު 50 ޕަސެންޓަށް އިތުރުވާ ކަމަށެވެ. އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުން، މީހާގެ އުމުރުން 70 އަހަރުވުމުގެ ކުރިން މަރުވުމުގެ ފުރުސަތު ބޮޑުވަނީ 30 ޕަސެންޓަށެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި، ބްރިގަމް ޔަންގް ޔުނިވަސިޓީގެ ޕްރޮފެސަ އޮފް ސައިކޮލޮޖީ ޑރ. ޖޫލިއާން ހޮލްޓް-ލަންސްޓަޑް ވިދާޅުވީ ވަޒީފާއިން ރިޓަޔާކުރާ ހިސާބަށް ދާންވާއިރު އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތުގެ މާހައުލަކީ ގިނަ މީހުންގެ އެކަނިވެރިކަން ފިލާ ހަމައެކަނި ވަސީލަތް ކަމަށާއި ރިޓަޔާކުރުމުން އެ މީހުން އެކަނިވެރިވާ ކަމަށެވެ.

"މުޖުތަމައުގައި އެހެން މީހުންނާ ގުޅިގެން އުޅުމަކީ އިންސާނުންނަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް. މިއީ ދުޅަހެޔޮ ސިއްހަތަކަށް އަދި ދިރިތިބުމަށް ވެސް އޮންނަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެހެން މީހުންނާ ގުޅުން ނޯންނަ ގޮތަށް ގެންގުޅޭ ތުއްތު ކުދިން ހެދިބޮޑުވުން ލަސްވުމާއި މަރުވުމަކީ އާންމު ކަމެއްކަން އެނގޭ ކަމަށާއި އެހަހެރިކޮށް ބަންދުކޮށްގެން މީހުން ގެންގުޅުމަކީ އަދަބެއްގެ ގޮތުގައި ވެސް ކުރާ ކަމެއްކަމް ފާހަގަކުރައްވަމުން ޕްރޮފެސަރު ވިދާޅުވީ މިއީ އެއް އިންސާނަކު އަނެއް އިންސާނަކާ ގުޅިގެން އެކުގައި އުޅުމުގެ މުހިންމުކަމުގެ މިސާލުތައް ކަމަށެވެ.

ޒަމާނަށް އައި ބަދަލާ އެކު މީހުންގެ އެކަނިވެރިކަން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި މިއީ ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރަށް ސީރިއަސް ވެދާނެ މައްސަލައެއް ކަމަށް ދިރާސާ ޓީމުން ބުނެފައިވެ އެވެ.