ގޮހޮރުގެ ކެންސަރު ޖެހުނު މީހެއްގެ މުހިއްމު އިންޒާރެއް

ބަނޑަށް ތަދުވުމާއި ބަނޑު ފުއްޕުން ފަދަ މައްސަލަތައް ދިމާވާން ފެށުމުން ޝެރީ ހެގާ ހީކުރީ އޭނާ އަށް ޖެހިގެން އުޅެނީ ގޮހޮރު ދުޅަވާ ބަލި ކަމަށެވެ. އޭނާގެ އުމުރުން 15 އަހަރުގައި ވަނީ "ކްރޯންސް" ބަލި ހުންނަ ކަން އެނގިފަ އެވެ. އެހެންވެ، ފުށާއި ކިރު ބޭނުންކުރުން ޝެރީ ހުއްޓާލި އެވެ. ސައި ބޮއެ، ބަނޑަށް ހޫނުކޮށް ހެދި އެވެ. އެކަމަކު އޮސްޓްރޭލިއާގެ 31 އަހަރުގެ މި ޒުވާނާ ކުރި އެއްވެސް ކަމަކުން ހާލު ރަނގަޅެއް ނުވި އެވެ. ކައިބޮއެ ހަދާތާ ގަޑިއެއްގެ އިރު ނުވަނީސް ބޮޑުކަމު ދެވެ އެވެ. ހުސް ފެން ފޮދެއް ބޯލިޔަސް މޭނުބައިކުރެ އެވެ.


ޑޮކްޓަރެއް ގާތަށް ގޮސް ކޮލޮނޮސްކޮޕީއެއް ހަދައިދޭން ޝެރީ އެދުނީ ބަލިވެ އުޅޭތާ ތިން މަސް ދުވަސް ފަހުންނެވެ. އެ ހިސާބުން އެނގުނީ އޭނާ އަށް ގޮހޮރުގެ ކެންސަރު ޖެހިފައިވާ ކަމެވެ. ޝެރީ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ޓެސްޓެކެވެ.

މިހާރު ޝެރީ އަންނަނީ ގޮހޮރުގެ ކެންސަރާ މެދު ފަރުވާ ކުޑަނުކުރަން ބާރުއަޅަމުންނެވެ. އޭނާ ބުނާގޮތުގައި އެ ބަލީގެ އަލާމާތްތަކަކީ އަޅާނުލާ ދޫކޮށްލަން ފަސޭހަ ކަންތައްތަކެކެވެ.

ފަރުވާގެ ގޮތުގައި ޝެރީ ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، ފަސް ހަފުތާ ވަންދެން ރޭޑިއޯތެރަޕީ އަދި ހަ މަސް ވަންދެން، ހަފުތާއަކު އެއްފަހަރު ކީމޯތެރަޕީ ހަދައިފަ އެވެ.

އޭގެ ދެ އަހަރު ފަހުން ޝެރީގެ ގޮހޮރުން އާ ޓިއުމަރެއް ވަނީ ފެނިފަ އެވެ. އޭނާ މިހާރު އަންނަނީ ދެވަނަ ބުރަކަށް ފަރުވާ ހޯދަމުންނެވެ. އަދި އޭނާ އަށް ކަންތައް ދިމާވި ގޮތް އޭނާގެ ބްލޮގްގައި އެހެން މީހުންނާ ހިއްސާކުރަމުންނެވެ.

ޝެރީ ބޭނުންވަނީ މިއީ ޒުވާން އުމުރުގައި ވެސް ޖެހޭ ބައްޔެއްކަން އެހެން މީހުންނަށް އަންގައިދޭށެވެ. އިންޓަވިއުއެއްގައި އޭނާ ބުނީ ގޮހޮރުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަން ލަދުގަނެގެން ނުވާނެ ކަމަށެވެ. ލަދުގަންނަން ޖެހޭ ވަރު ކުޑަކުރެވޭނީ ވެސް ގިނައިން ވާހަކަދައްކައިގެން ކަމަށް އޭނާ ދެކެ އެވެ. އަދި "މޮޔައަކަށް ނުވެ، ބޮޑުކަމުދާ ތަކެތި ޓެސްޓްކުރަން" އޭނާ ހިތްވަރު ދެ އެވެ.

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ދަށްބަނޑުގައި ރިއްސުން، ބޮޑުކަމުދާތަކެތިން ތަކުރާރުކޮށް ލޭ ފެނުން، ބޮޑުކަމުދިޔުން މަދުވުން ނުވަތަ ގިނަވުން ހިމެނެ އެވެ.