ހަކުރު ބަލީގެ މީހުން ހިތުގެ ބަލިތަކަށް ސަމާލެއް ނުވޭ

ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އެ ބަލީގެ ސަބަބުން ހިތުގެ ބަލިތައް ޖެހި ނުރައްކާވެދާނެ ކަމަށް އެކަށީގެންވާ ފަރުވާ ނުހޯދާ ކަމަށާއި ދިރިއުޅުމުގެ އާދަތައް ވެސް ބަދަލު ނުކުރާ ކަމަށް އެމެރިކާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.


އާ ދިރާސާއެއްގެ ނަތީޖާއާ އެކު އޮފިޝަލުން ބުނީ ހަކުރު ބަލި ހުންނަ މީހުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ނުވަތަ ހިތުގެ ބަލީގެ ނުރައްކާތައް ކުޑަކުރުމަށް މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން، ކޮލެސްޓްރޯލާއި ހަކުރު ދަށްކުރާ ބޭސް ބޭނުންކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަމަކީ ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކަންތައް ކަމަށް އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގެ މި މަހުގެ ހަތް ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ލަފާ ދީފައިވާ ގޮތުގައި، ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ކެއުމާއި އެކަށީގެންވާ ބަރުދަނެއްގައި ހުރުމަކީ ހަކުރު ބަލި ހުންނަ މީހުން ހިތުގެ ބަލިތަކާ ދުރުވެ ތިބުމަށް ކުރަންޖެހޭ ކަންކަމެވެ.

ހިތުގެ ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަކުރު ބަލި ހިމެނެ އެވެ. އަދި ހަކުރު ބަލި ހުންނަ މީހުން މަރުވާ އެންމެ އާންމު ސަބަބަކަށް ވެސް ވެފައި ވަނީ ހިތުގެ ބައްޔެވެ.

އެމެރިކާއަށް ބަލާއިރު، 2050 ވަނަ އަހަރު އަންނައިރު އެ ގައުމުގެ ކޮންމެ ތިން މީހަކުން އެކަކީ ޓައިޕް 2 ޑައެބެޓީސް ހުންނަ މީހަކަށް ވާނެ ކަމަށް ޔޫއެސް. ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ދިރާސާތަކުން ދައްކަ އެވެ.