އެންމެ ބާރަށް ކުރިއަރަނީ ކައިލީ ޖެނާގެ މޭކަޕް ބްރޭންޑް؛ ބިލިޔަން ޑޮލަރުގެ ބްރޭންޑަކަށްވަނީ

މަޝްހޫރު ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަންގެ ކޮއްކޮ، ކައިލީ ޖެނާގެ މޭކަޕް ބްރޭންޑްގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފި އެވެ.


އުމުރުން އެންމެ 20 އަހަރުގެ ކައިލީ ބުނީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އޭނާގެ މޭކަޕް ބްރޭންޑުން 420 މިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. މިއީ ކައިލީ މޭކަޕް ބްރޭންޑްގެ ވިޔަފާރީގެ ތަފާސްހިސާބުތައް މީޑިއާއަށް ހާމަކުރި ފުރަތަމަ ފަހަރެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިލީގެ ބްރޭންޑް ކުރިއަރަމުން އަންނަ ގޮތަށް ބަލާއިރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބިލިޔަން ޑޮލަރުގެ ވިޔަފާރިއަކަށް ބަދަލުވާނެ އެވެ.

މޭކަޕް އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިލީގެ ބްރޭންޑަކީ މިހާތަނަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ބަރޭންޑެވެ.

"ކައިލީއަށް 18 މަހުން 420 މިލިޔަން ޑޮލަރުގެ ލިބުނު އިރު މީގެ ކުރިން އެންމެ ބާރަށް ކުރި އަރާފައިވަނީ ޓޮމް ފޯޑް ބިއުޓީ. އެކަމު އެ ކުންފުންޏަށް 500 މިލިޔަން ޑޮލަރުގެ ލިބުނީ 10 އަހަރުގެ މަސައްކަތުން. ކައިލީގެ ބްރޭންޑް ކުރިއަރަނީ ވަރަށް ބާރަށް،" ގޯލްޑްމަންސެޗްގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ޓޮމް ފޯޑު ނަގާފައި ދެން އޮތީ ބޮބީ ބްރައުން، އެ ކުންފުނި އެއް ބިލިޔަން ޑޮލަރަށް އެރީ 25 އަހަރުން. އޭގެ އިތުރުން ދެން މިހާރު އެންމެ ބޮޑު ކުންފުންޏަކީ ލޭންކޮމް، އެ ކުންފުންޏަށް ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވުނީ 80 އަހަރުން،"

ކައިލީގެ ލިޕްސްޓިކް، ވަރަށް އަވަހަށް ފައުންޑޭޝަނާއި ކޮންސިއުލާ ވިއްކަން ފަށާނެ.

ތަޖުރިބާކާރުން ލަފާކޮށްފައިވާ ގޮތަށް، ކައިލީގެ ވިޔަފާރި ފަސް އަހަރުގެ ތެރޭގައި ބިލިޔަން ޑޮލަރުގެ ބްރޭންޑަކަށް ބަދަލު ވެއްޖެ ނަމަ، ދުނިޔޭގެ އެންމެ ޒުވާން ބިލިޔަނަރުންގެ ތެރޭގައި ކައިލީ ހިމެނޭނެ އެވެ.

ކައިލީ އަންނަނީ އޭނާގެ ބްރޭންޑްގެ ޕްރޮޑަކްޓްތައް އިތުރުކުރަން ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންސީލާ އާއި ފައުންޑޭޝަން ވަރަށް އަވަހަށް ލޯންޗް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިހާތަނަށް ކައިލީ މޭކަޕް ވިއްކީ އޮންލައިންކޮށް ނަމަވެސް، ކޮންސީލާ އާއި ފައުންޑޭޝަން އޮންލައިންކޮށް ގަންނައިރު ސެލެކްޓް ކުރުމުގައި މައްސަލަ ޖެހޭނެތީ، އެ ބްރޭންޑްގެ ފިހާރަތައް ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ވެސް ކައިލީ ވަނީ ބުނެފަ އެވެ.