ބައްޕަގެ ބާ ގަމީސްތަކުން އަންހެން ދަރިން ނަލަހައްދަނީ

ހެދުން އަލަމާރިއަށް އެއްޗެހި ގިނަވަމުން ގޮސް ސަލާމަތް ނުވާ ހިސާބަށް ދިއުމުން، ނުލައި ހެދުންތައް ހޮވާލާފައި އުކާލަންވީ އެވެ. ނޫނީ ކޮންމެވެސް މީހަކަށް އެ އެއްޗެހި ދިނުމަކީ ވެސް ކުރާ ކަމެކެވެ. އެކަމަކު އެމެރިކާގެ މި މަންމަ ކަންތައް ކުރީ ތަފާތުކޮށެވެ.


ފިރިމީހާގެ ބާވެފައިވާ ގަމީސްތައް ބަދަލުކޮށްލީ އަންހެން ދަރިފުޅުގެ ހެދުންތަކަކަށެވެ. އުމުރުން 27 އަހަރުގެ ސްޓެފަނީ މިލާ އޭނާގެ އިންސްޓަގްރާމްގައި ވަނީ އޭނާ ގަމީހުން ތައްޔާރުކުރި ހެދުންތައް ދައްކާލައިފަ އެވެ.

ހަތަރު ކުދިންގެ މަންމައެއް ކަމަށްވާ ސްޓެފަނީ ބުނި ގޮތުގައި ފިރިމީހާ ނުލަން ބަހައްޓާފައި ހުންނަ ގަމީހުން ދަރިންނަށް ހެދުން ފަހަށް ފެށީ ހޮބީއެއްގެ ގޮތުގަ އެވެ. އެކަން ފެށުނީ ފިރިމީހާ އުކާލަން ނަގާފައި ހުރި ގަމީސްތަކެއް ކޮންމެވެސް އެހެން ކަމެއްގައި ބޭނުންކޮށްލާނެ ގޮތަކާ މެދު ވިސްނުމުގެ ތެރޭގައި މީގެ ދެ އަހަރު ކުރިންނެވެ.

އެކަމަކު ސްޓެފަނީ ބުނި ގޮތުގައި، ގަމީސްތައް އުކާލުމުގެ ބަދަލުގައި އެއިން ބޭނުމެއް ހިފުމަށް ވިސްނުން އައީ އިންސްޓަގްރާމްގައި މަޝްހޫރު މީހުން ކަމަށްވާ ލިޒް ބްރިސަން އާއި ސާރާ ޓިއާއޫ ފަދަ މީސް މީހުންގެ ސަބަބުންނެވެ.

ސްޓެފަނީ މިހާރު އަންނަނީ ފިރިމީހާގެ ގަމީސް އެހެން ގޮތަކަށް ބަދަލުކޮށްލުމުގެ ކުރިންނާއި ފަހުން ހުންނަ ގޮތް އިންސްޓަގްރާމްގައި ދައްކަމުންނެވެ. އެކަމުގައި މޮޑެލް އަކަށް އޭނާ ބޭނުންކުރާ ހަގު ދެ އަންހެން ދަރިންނެވެ. ގަމީހުން ހެދުން ފެހުމުގެ ކުރިން އެ ލައިގެން ކުދިން ތިބޭއިރު ހީވަނީ ގޯންޏަކަށް އެރިގެން ތިބޭހެންނެވެ. އެކަމަކު ފަހުން ފެންނަނީ ގަތަށް ހެޔޮވަރު ހިތްގައިމު ހެދުމެކެވެ.

މިގޮތަށް އޭނާ ދަރިންނަށް ހުރިހާ ވައްތަރެއްގެ ހެދުމެއް ވެސް ފަހަ އެވެ. ސްޓެފަނީ ބުނީ މި މަސައްކަތުން އޭނާއަށް ވަރަށް ބޮޑު ހިތްހަޖެހުމެއް ލިބޭ ކަމަށެވެ. އަދި ވިހެއުމަށް ފަހު ކުރިމަތިވި ޑިޕްރެޝަނުން ސަލާމަތްވުމުގައި މިއީ ބޮޑު އެހީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓެފަނީ ފަހަނީ

"މަންމަޔަކަށް ވުމުގެ އިތުރުން ވެސް ކަންކަން ހާސިލްކޮށް ހިތްހަމަޖެހުން ހޯދުމަކީ އަހަރެންގެ އަޒުމެއް. އަދި މައިންބަފައިންނަކީ ވެސް ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ ބައެއްކަން ދަރިންނަށް ދައްކައިދޭން ޖެހޭނެ ކަމަށް ގަބޫލުކުރަން،" ސްޓެފަނީ ބުނެފައިވެ އެވެ.