106 އަހަރުވީ ފުރުޓް ކޭކެއް؛ ކާލަން ބަރާބަރު

އެންޓާޓިކާގައި ހުރި އެންމެ ދުވަސްވީ އިމާރާތުގެ ތެރެއިން، 106 އަހަރު ވެފައި އޮތް، އެކަމަކު ކާލަން ކަމުދާ ހާލަތެއްގައި އޮތް ފުރުޓް ކޭކެއް ފެނިއްޖެ އެވެ.


ނިއު ޒީލެންޑުގެ އެންޓާޓިކް ހެރިޓޭޖް ޓްރަސްޓްގެ ޓީމަކަށް މި ކޭކް ފެނިފައި ވަނީ އެންޓާޓިކާއަށް މީގެ ކުރިން ގޮސްފައިވާ ދިރާސާ ޓީމެއްގެ ބަޔަކު ބޭނުންކޮށްފައިވާ ހަޓެއްގެ ތެރެއިންނެވެ. މި ކޭކް ފެނުނު މީހުން ބުނީ އެ އޮތީ ތާޒާކޮށް ކަމަށާއި ކޭކުގެ މީރު ވަސް ވެސް ހުރި ކަމަށެވެ.

އެ ޓީމުން ބުނީ ކޭކް ލާފައި އޮތީ ދަގަނޑު ފޮއްޓަކަށް ކަމަށާއި އެ ފޮށީގެ ބޭރުގައި ދަބަރު ޖަހާފައި ވާއިރު އޭގެ ތެރެއިން ތާޒާ ކޭކެއް ފެނިދާނެ ކަމަށް އެއްގޮތަކަށް ވެސް ހީ ނުކުރާ ކަމަށެވެ.

މި ކޭކަކީ އިނގިރޭސި ވިލާތުގައި ފޮނިކާތަކެތި އުފައްދާ ކުންފުންޏެއް ކަމަށްވާ ހަންޓްލީ އެންޑް ޕާމާސްގެ އުފެއްދުމެކެވެ. އަދި މި ކޭކު އެންޓާޓިކާއަށް ގެންދިޔައީ އިނގިރޭސި ވިލާތުގެ ދިރާސާކުރާ މީހެއް ކަމަށްވާ ރޮބާޓް ފެލްކަން އާއި އޭނާގެ ޓީމުން 1910 އިން 1913 އަށް އެންޓާޓިކާއަށް ކުރި "ޓެރަ ނޯވާ" އެކްސްޕެޑިޝަންގައި ކަމަށް ވެސް އެންޓާޓިކް ހެރިޓޭޖް ޓްރަސްޓުން ބުންޏެވެ. މި މީހުންނަށް ސައުތު ޕޯލް އަށް ދެވުނަސް 1912 ވަނަ އަހަރު އެ މީހުން އެނބުރި އަންނަން އުޅުމުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

"އެންޓާޓިކާގައި އުޅޭއިރު އަދި މަސައްކަތްކުރާއިރު ފެޓް އަދި ހަކުރުގެ ބައި ގިނައިން ހުންނަ އެއްޗެހި ކާހިތްވާނެ. ފުރުޓް ކޭކަކީ އެ ގިންތިއަށް ބަރާބަރަށް ފެތޭ އެއްޗެއް. އަދި މިއީ ހޫނު ސައިތައްޓަކާ އެކު ލުއިކޮށް މީރުކޮށް ކާލެވޭނެ އެއްޗެއް،" އެންޓާޓިކް ހެރިޓޭޖް ޓްރަސްޓްގެ މެނޭޖަރެއް ކަމަށްވާ ލިޒީ މީކް ބުނެފައިވެ އެވެ.

ހަޓް ތެރެއިން ފެނުނު ކޭކާއި އެހެން ބައެއް ތަކެތި އެހެން ތަނަކަށް ނުގެންގޮސް އެ ހުރި ގޮތަށް އެތަނުގައި ވަނީ ބަހައްޓައިފަ އެވެ.