ދަރިފުޅު މަރުވި ގޮތެއް ބަލަން އުޅުނު މަންމައަށް 40 އަހަރު ފަހުން ފެނުނީ ހުސް ސަންދޯއް

އެމެރިކާގައި މަންމައަކު އޭނާގެ ދަރިފުޅު މަރުވި ސަބަބު ހޯދަން މަސައްކަތް ކުރާތާ 40 އަހަރު ފަހުން އެ ކުއްޖާގެ ސަންދޯއް ކޮނެގެން ނެގިއިރު އެ ހުސްކޮށް އޮތުމުން ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.


ލީޑިއާ ރީޑް ޖުލައި 1975 ގައި ވިހޭ ފިރިހެން ދަރިފުޅު މަރުވީ އުފަންވިތާ ހަފުތާއެއް ފުރުނު ދުވަހު އެވެ. ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދަން އޭނާ މަސައްކަތް ފެށި އެވެ. މިދިޔަ 42 އަހަރުގެ ތެރޭގައި އޭނާ ވަރުބަލިކަމެއް ނެތި މި މަސައްކަތް ކުރަމުން ގެންގޮސްފައިވެ އެވެ.

އެޑިންބަރާގެ ސިކް ކިޑްސް ހޮސްޕިޓަލުގައި އޮތް އޭނާގެ ދަރިފުޅު ދައްކަން ބުނުމުން އޭނާއަށް ދައްކާފައިވަނީ އޭނާގެ ދަރިފުޅު ނޫން ކަމަށް ލީޑިއާ ބުނެ އެވެ.

އެއީ ކޮން ކުއްޖެއްތޯ ނަރުހުންނާ ސުވާލުކުރަން ފެށުމުން، ވިހެއުމާ ގުޅިގެން ލީޑިއާ އަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ނަރުހުން ބުނި ކަމަށް ލީޑިއާ ބުނެ އެވެ.

ކަށްވަޅުކޮނެގެން ދަރިފުޅު ނަގަން ލީޑިއާ އަށް ކޯޓު އަމުރެއް ލިބިފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އަދި އޭނާ ދަރިފުޅުގެ ސަންދޯއް ކޮނެގެން ނަގައިގެން ބެލިއިރު އޭގެ ތެރޭގައި އިންސާނެއް އޮތް ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެހެންކަމުން އޭނާއަށް ވިސްނެނީ ފުރަތަމަ ވެސް އެ ސަންދޯކަށް ކުއްޖަކު ލާފައި ނެތީ ކަމަށެވެ.

ލީޑިއާ، 68، ގަބޫލުކުރާ ގޮތުގައި އޭނާގެ ދަރިފުޅުގެ ގުނަވަންތައް އޭނާގެ ހުއްދައަކާ ނުލައި ވަނީ ނަގާފަ އެވެ. އެއީ 1970 އާއި 2000 އާ ދެމެދު އިންސާނުންގެ ގުނަވަންތަކުގެ ވިޔަފާރީގެ ބޮޑު މައްސަލަގަނޑެއް އެހިސާބުގަނޑުގައި ފަޅާ އަރާފައި ވާތީ އެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ހެއްކެއް ލީޑިއާ އަކަށް ހޯދިފައެއް ނެތެވެ.