ލޯބީގެ ހަނދާނަކަށް އެއް ޓީޝާޓުގައި 20 އަހަރު

ޖަޕާންގެ ޒުވާން އަންހެނެއް ކަމަށްވާ ރިއާ ރޫ ސޯޝަލް މީޑިއާގައި ހިއްސާ ކުރި މި ވާހަކައިގެ ފަހަތުގައި ވަނީ ލޯތްބެވެ. އޭނާގެ ސުވާލަކީ ބައްޕަ އަބަދު އެއް ޓީޝާޓެއް ލަނީ ކީއްވެތޯ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާގެ ބައްޕަ ހުންނަނީ ހަމަ އެ ޓީޝާޓް ލައިގެންނެވެ. ޚާއްސަ މުނާސަބަތެއް ނަމަ އެ ޓީޝާޓްގައި ނޫނީ ބައްޕަ ނުފެންނަ ކަމަށްވެ އެވެ. އެއީ ވަރަށް ދުވަސްވީ ފެހިކުލައިގެ ޕޯލޯ ޓީޝާޓެކެވެ.


"ބައްޕަ އާ ޓީޝާޓެއް ނުގަންނަނީ ކީއްވެ ބާއޭ އަހަރެން ހިތަށް އަރާ. އަބަދުވެސް ބައްޕަ ފެންނާނީ ބާވެފައިވާ އެ ޓީޝާޓް ލައިގެން ހުއްޓާ. އެ ޓީޝާޓަކީ ބައްޕަގެ ޚާއްސަ ހަނދާންތަކަކާ ގުޅިފައިވާ އެއްޗަކަށް ވެދާނެ ކަމަށް އަހަރެން ހިއެއް ނުކުރަން،" ރިއާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ރިއާ ޝެއާކުރި އޭނާގެ ބައްޕަގެ މިހާރުގެ ފޮޓޮޯއެއް (ވ) އަދި ހަނީމޫން ފޮޓޯތަކެއް

ރިއާ ބުނި ގޮތުގައި އޭނާގެ ކާފަ މަރުވުމުން ކާފަ ގެންގުޅުނު އެއްޗެހިތަކެއް ހާވަނިކޮށް ފެނުނު ފޮޓޯ ތަކަކުން ހުރިހާ ކަމެއް އޮޅުންފިލި އެވެ. އެ ފޮޓޯތަކަކީ އޭނާގެ މަންމަ އާއި ބައްޕަ ހަނީމޫނަށް ގޮސް އުޅުނުއިރު ނަގާފައިވާ ފޮޓޯ ތަކެކެވެ. ބައްޕަ އަބަދު ލާ ޓީޝާޓަކީ ހަނީމޫނަށް ގޮސް އުޅުނުއިރު ލައިގެން ހުރި ޓީޝާޓެވެ. ހަނީމޫން ފޮޓޯތަކުގައި އޭނާގެ މަންމަ އާއި ބައްޕަ ތިބީ ވަރަށް ގުޅޭ ދެ ޓީޝާޓުގަ އެވެ.

ބައްޕަ ލައިގެން އިން ޓީޝާޓަކީ ރީނދޫކުލައިގެ ގިރުވާނެއް ލާފައި ހުރި ފެހިކުލައިގެ ޕޯލޯ ޓީޝާޓެކެވެ. އޭނާގެ މަންމަ ވެސް ލައިގެން ހުރީ ހަމަ އެ ކަހަލަ ޓީޝާޓެކެވެ. ތަފާތަކީ އެ ޓީޝާޓުގެ ގިރުވާން ފެހިކުލައިގައި ހުރިއިރު އެހެން ހުރިހާ ބައެއް ރީނދޫ ކުލައިން ހުރުމެވެ.

ރިއާގެ މަންމަ ވަނީ މީގެ 18 އަހަރު ކުރިން ކެންސަރު ބަލީގައި މަރުވެފަ އެވެ. އެހެންވެ މަރުވެފައިވާ އަނބިމީހާގެ ހަނދާނެއްގެ ގޮތުން ފިރިހެންމީހާ އެ ޓީޝާޓް އަބަދު ލަނީ އެވެ. ޓީޝާޓް ބާވެގެން ގޮސް ބައެއް ފަހަރަށް އޭގައި ލޯވަޅު ވެސް އެޅެ އެވެ. ކޮންމެ ލޯވަޅެއް އެ ފިރިހެންމީހާ ވަރަށް ފަރުވާތެރިކަމާއެކު ފަހައި މަރާމާތު ކޮށްގެން އަނެއްކާވެސް ލަނީ އެވެ.