ބޮޑެތި ބަދަލުތަކާ އެކު އާ އައިފޯނުތައް ތައާރަފްކޮށްފި

ފޯނުގެ ކުރިމަތީގައި އެއްކޮށް ސްރީން އިންނަ ގޮތަށް އެޕަލް އިން އުފެއްދި، ފެންވަރުގެ ގޮތުން ތަފާތު ބޮޑު އައިފޯން 10 އާއި އައިފޯން 8 އަދި 8 ޕްލަސް ތައާރަފްކޮށްފި އެވެ.


ހައި އިންޑް ސްމާޓްފޯނެއް ކަމަށްވާ އެޕަލް އެކްސް ނުވަތަ 10 ގައި ހޯމް ބަޓަނެއް ވެސް ނީނދެ އެވެ. އަދި މީގައި ފޯނު ހުޅުވަން ފިންގަޕްރިންޓުގެ ބަދަލުގައި ބޭނުންކުރަނީ ފޭޝަލް ރިކޮގްނިޝަން އެވެ. އެޕަލް އިން ބުނީ މި ފީޗާ މަސައްކަތްކުރަނީ 30،000 އިންފްރާރެޑް ޑޮޓުން މީހާގެ މޫނު ދެނެގަނެގެން ކަމަށާއި މިއީ ކުރީގެ ފޯނުތަކުގައި ބޭނުންކުރި ފިންގަޕްރިންޓަށް ވުރެ ސަލާމަތީ ގޮތުން ވަރުގަދަ ފީޗާއެއް ކަމަށެވެ.

އައިފޯން 10

ވަޔަލެސް ޗާޖިން ވެސް ހިމެނޭ މި ފޯނުގައި ހިމަނާފައިވާ ކެމެރާތަކާ އެކު ފޮޓޯގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކޮށްފައިވެ އެވެ. އެގޮތުން، ދުރުގައި ހުންނަ އެއްޗެހި ފޮޓޯ ނަގަން ޓެލެފޮޓޯ ކެމެރާއެއް ހިމަނާފައިވެ އެވެ. އައިފޯން 10 ގައި ވެސް އަދި މިފަހަރު ތައާރަފްކުރި އެހެން ފޯނުތަކުގައި ވެސް ޕޯޓްރެއިޓް ފޮޓޯއަށް ވަކިން ހާއްސަ ފީޗާއެއް ވަނީ ލައިފަ އެވެ.

އައިފޯން 8

އެނިމޯޖީގެ ނަމުގައި، މީހާގެ މޫނަށް ގެންނަ ހަރަކާތްތަކާ އެއްގޮތަށް ހަރަކާތްކުރާ އަދި ވާހަކަ ދައްކާ އިމޯޖީ ފޮނުވޭ ގޮތް އައިފޯން 10 ގައި ހަދާފައިވެ އެވެ. އެޕަލްގެ ކުރިމަގުގެ ފޯނުތަކުގެ ފެށުން ކަމަށް ސިފަކުރި މި ފޯނަކީ ދިގު މުއްދަތުގެ އިންވެސްޓްމަންޓެއް ކަމަށާއި މިއީ ބޮޑު އިންގިލާބެއް ގެންނާނެ ފޯނެއް ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް، ހަފުލާފައި ވިދާޅުވި އެވެ.

އައިފޯން 10

އައިފޯން 10 އަކީ އެޕަލް އިން މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާ ފޯނެވެ. މީގެ 64 ޖީބީގެ ފޯނެއް 999 ޑޮލަރަށް ވިއްކާއިރު 256 ޖީބީގެ ފޯނެއް ލިބޭނީ 1،149 ޑޮލަރަށެވެ.

އައިފޯން 8 ޕްލަސް ތައާރަފްކުރަނީ

މި ފޯނު ތައާރަފްކުރުމުގެ ކުރިން އައިފޯން 8 އާއި 8 ޕްލަސް ވެސް ވަނީ ދައްކާލައިފަ އެވެ. ކެމެރާ އާއި ސްޕީކަރާއި ސްޕީޑު ވެސް ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާ މި ދެ ފޯނުގެ އަގުތައް އުޅެނީ 699 ޑޮލަރުން ފެށިގެން ގޮސް 799 ޑޮލަރާ ދެމެދުގަ އެވެ. މި ދެ ފޯނު މި މަހުގެ 22 އިން ފެށިގެން ގަންނަން ލިބޭނެ އެވެ.

އެޕަލް ވޮޗް

އެޕަލް އިން ތައާރަފްކުރި ސީރީޒް 3 ގެ ގަޑި ވިއްކާނީ 399 ޑޮލަރަށެވެ. ފެން ނުވަންނަ ގޮތަށް ހަދާފައިވާ މި ގަޑީގައި ފެތުންތެރިންނަށް ހާއްސަ ފީޗާއެއް ހިމަނައި ހިތުުގެ ހިނގުން ވަޒަންކުރުމާއި އެފަދަ އެހެން ސިއްހީ ކަންކަމަށް ހިމަނާފައިވާ ފީޗާތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ. މި ގަޑި މި މަހުގެ 22 ގައި ވިއްކަން ފަށާނެ އެވެ.