ކުއްލި މަރުގެ ސަބަބަކަށް ވީ އިސްތަށި ގުޅައެއް

އިނގިރޭސި ވިލާތުގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކޮލެޖުގައި ހުއްޓާ ކުއްލިއަކަށް މަރުވުމުން ހިންގި ތަހުގީގުން، އެ ކުއްޖާ މަރުވީ ބަނޑުގައި އޮތް އިސްތަށި ގުޅައައެއްގެ ސަބަބުންކަން އެނގިއްޖެ އެވެ.


ޖޭސްމީން ބީވާ ކިޔާ މި ކުއްޖާ މި މަހުގެ ހަތް ވަނަ ދުވަހު ކުއްލިއަކަށް ވެއްޓި ހާލު ދެރަވުމާ އެކު ކުއްލި ފަރުވާ ދޭން ފަށައި، އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.

އޮޓޮޕްސީން ހާމަވި ގޮތުގައި ކުއްޖާގެ މަރުގެ ސަބަބަކީ ބަނޑުގެ އެތެރެފުށުގައި ހުންނަ ޓިޝޫތަކުގައި އުފެދޭ އިންފްލޭމޭޝަނެއް ކަމަށްވާ ޕެރިޓޮނައިޓިސް އެވެ. މި މައްސަލަ އާންމުގޮތެއްގައި ދިމާވަނީ ފަންގަލް ނުވަތަ ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުންނެވެ.

މަރުވި ބީވާއަށް މި މައްސަލަ ދިމާވެފައި ވަނީ ބަނޑުގައި އޮތް އިތަށި ގުޅައެއްގެ ސަބަބުންކަން އޮޓޮޕްސީން ވަނީ ހާމަވެފަ އެވެ. އެ އިސްތަށި ގުޅައިގެ ސަބަބުން ބަނޑުގައި އަލްސާއެއް އުފެދި އެ ފަޅައިގެން ދިއުމާ އެކު ގުނަވަންވަންތަކުގެ މަސައްކަތް ހުއްޓުނީ އެވެ.

ބީވާ އަކީ އަމިއްލަ ބޮލުން އިސްތަށި ނައްޓައިގެން ކައި ކުއްޖެކެވެ. މިއީ ނަފްސާނީ މައްސަލައެއް ކަމަށްވާ "ޓްރިކޮފޭޖިއާ" ގެ ސަބަބުން ކުރިމަތިވާ "ރެޕަންޒެލް ސިންޑްރޯމް" ގެ ސަބަބުން ވާ ގޮތެއް ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތުން ބުނެ އެވެ.

ބީވާގެ އެކުވެރިން ބުނާ ގޮތުގައި އެއީ ވަރަށް އުފާވެރިކޮށް އުޅުނު ކުއްޖެކެވެ. އޭނާގެ ކިބައިން ސިއްހީ މައްސަލައެއް ފާހަގަނުވާ ކަމަށް އެކުވެރިން ބުނެ އެވެ. -- ނިއު ޔޯކް ޕޯސްޓް