މެއްސެއްގެ ގައިގައި ޖަހަން އެހާ އުނދަގުލީ ކީއްވެ؟

މޫނުމަތީގައި މެއްސެއް އެނބުރޭ ނަމަ އެއީ ނިކަން ބޮލަށް އުނދަގޫވާ ކަމެކެވެ. ފައްސާލިޔަސް އެނބުރި އަންނާނެ އެވެ. އުނދަގޫ ބޮޑުވެގެން އެ މަރާލަން އޭގެ ގައިގައި ޖަހަން އުޅެފި ނަމަ ސަލާމަތްވެގެން ދަނީ ވަރަށް ފަސޭހަކަމާ އެކުގަ އެވެ. މި ކުޑަކުޑަ ސޫފި އަހަރެމެންގެ ހަމަލާތަކުން އެހާ ފަސޭހައިން ސަލާމަތްވާ ގޮތެއް އޮންނާނެތާ އެވެ.


އަހަރެމެން ހީކުރަނީ އެސޮރުގެ ދުވެލި ބާރުވެފައި ހުޝިޔާރުކަން ބޮޑީ ކަމަކެވެ. އެކަމަކު ސައިންސުން ހާމަވާ ގޮތުގައި މެއްސަކީ އަހަރެމެން މި ހީކުރާހާ ހަލުވި އެއްޗެއް ނޫނެވެ. މެހީގެ އެވްރެޖް ސްޕީޑަކީ ގަޑިއަކު ފަސް މޭލެވެ. އެއީ ވަރަށް ލަސް ދުވެއްޔެކެވެ. އެހެންވިއްޔާ އެސޮރުގެ ގައިގައި ޖަހަން މިހާ އުނދަގޫވެގެން މި އުޅެނީ ކީއްގެންހެއްޔެވެ؟

ޖަވާބަކީ މިއީ އެވެ؛ މެއްސަށް ވަގުތު ހިނގަނީ އަހަރެމެންނަށް ހިނގާ ވަރަށް ވުރެ އެތައް ގުނައެއް ލަސްކޮށެވެ. އަހަރެމެން މެހީގެ ގައިގައި ޖަހަން، ބުރު ނޭނގޭހާ ބާރަށް އަތް ހޫރާލިޔަސް މެއްސަށް އެ މަންޒަރު ފެންނާނީ "ސްލޯމޯޝަން"ގަ އެވެ. މެއްސަށް ދުނިޔެ ހިނގަނީ ނިކަން ލަހުންނެވެ. އެކަމަކު އޭގެ އެތައް ގުނައެއް ބާރަށް އެސޮރަށް ހަރަކާތް ކުރެވެ އެވެ. އެހެންވެ މެހީގެ ގައިގައި ޖަހަން މަޅާލާ އަތުގެ ކޮންމެ ހަރަކާތެއް ސާފުކޮށް އެސޮރަށް ފެންނާނެ އެވެ. އެހެންވެ ސަލާމަތްވާން ހަރަކާތްކުރަންޖެހޭނެ ގޮތް އޮޅުމެއް ނެތި ފެންނާނެ އެވެ.

ޓައިމް ޕަސެޕްޝަން ނުވަތަ ފެންނަ ކަންކަމަށް އަވަހަށް ރިއެކްޓްކުރުމުގެ ގާބިލްކަން އިންސާނުންނަށް ވުރެ މެހީގެ ކިބައިގައި މާ ބޮޑަށް ހުރެ އެވެ. ޓައިމް ޕަސެޕްޝަން ބިނާވެގެން ވަނީ އެ ޖަނަވާރެއްގެ ނާވަސް ސިސްޓަމުން މައުލޫމާތު ޕްރޮސެސްކުރުމުގެ ސްޕީޑަށެވެ. މި ސްޕީޑް މިންކުރަނީ ހާޓްޒް (Hz) އިންނެވެ. އަހަރެމެންނަށް އެއްޗެހި ފެންނަނީ 60 ހާޓްޒްގަ އެވެ. އެކަމަކު ގޭތެރޭގައި އުޅޭ އާންމު މެއްސަށް ފެންނަނީ 250 ހާޓްޒްގަ އެވެ. އެހެންވެ ޕްރޮސެސް ކުރުމުގެ ގާބިލްކަން މެހީގެ ކިބައިގައި އަހަރެމެންނަށް ވުރެ އެތައް ގުނައެއް އިތުރަށް އެބަހުއްޓެވެ. އެހެންވެ ކަމަކަށް ރިއެކްޓްކުރުމުގައި އިންސާނުން، މެއްސަކަށް ވުރެ މާ ބޮޑަށް ވެސް ބަލިކަށިވާނެ އެވެ.

މެއްސަކަށް ހަމަލާދޭން އުނދަގޫވާ ސަބަބު

މީގެ މާނަ އަކީ ސިކުންތެއްގެ 100 ބައިކުޅަ އެއްބައިގެ ވަގުތުގައި ނުވަތަ އިންސާނަކު ލޮލުގެ އެސްފިޔަ ޖަހާލަން ނަގާ ވަގުތުގެ 100 ބައިކުޅަ އެއްބަޔާ އެއްވަރުގެ ހިނދުކޮޅެއްގައި، މެއްސަށް އަންނަ ހަމަލާ ޕްރޮސެސްކޮށް ނިންމާާލާނެ އެވެ. އެހެންވެ ހަމަލާ އަންނަ ކަމާއި ހަމަލާއިން ރެކެން އުދުއްސައިގަންނަންވީ ދިމާ މެއްސަށް ވަރަށް އަވަހަށް އެނގޭނެ އެވެ. އެކަމަކު ސައިޒުން ބޮޑުވި ވަރަކަށް މި ގާބިލްކަން ހުންނަ ވަރު ދަށްވެ އެވެ.