އުފަލުން އިނދެ ވެކްސިން ޖެހުމުން ނަތީޖާ ރަނގަޅު

ފްލޫ ވެކްސިން ޖަހާއިރު އުފާވެ ހެވިފައި އިންނަ ނަމަ ވެކްސިންގެ އަސަރު މާ ރަނގަޅަށް ކުރާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ. އިނގިރޭސި ވިލާތުގައި އުމުރުން ދުވަސްވީ މީހުން ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި އެ މީހުންގެ ގަޔަށް ފްލޫ ވެކްސިން ޖަހާއިރު މޫޑު ރަނގަޅު ނަމަ ބަލިން ދިފާއުކުރުމަށް ހަށިގަނޑުން އެންޓިބޮޑީޒް މާގިނައިން އުފެދެ އެވެ.


ނޮޓިންހަމް ޔުނިވަސިޓީން ކޮށްފައިވާ މި ދިރާސާ ދައްކާ ގޮތުން މޫޑު ގޯސްކޮށް ތިބެގެން ވެކްސިން ޖަހާ މީހުންނަށް ވުރެ އުފާވެރި ހިނިތުންވުމެއްގައި ތިބެ ވެކްސިން ޖަހާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެދޭ މިންވަރު 14 ގުނަ އިތުރުވެ އެވެ.

މިހެން މިކަން ދިމާވާ ސަބަބެއް ކަމަށް އެއް ތިއަރީއެއްގައި ބުނަނީ މުހިއްމު ހޯމޯންތައް ބެލެންސްކޮށްލުމުގައި އިންސާނާގެ މޫޑު މުހިއްމު ދައުރެއް ކުޅުމެވެ. ވެކްސިންގެ އަސަރު އިތުރުވެގެން އަންނަނީ މިހެންވެ އެވެ. އެހެންކަމުން އިނގިރޭސި ވިލާތު ޑޮކްޓަރުން މިހާރު އުންމީދުކުރަނީ އަލުން ވެކްސިން ޕްރޮގްރާމް ފަށަން ކައިރިވެފައިވާތީ ވެކްސިން ޖަހަން އަންނަ އުމުރުން ދުވަސްވީ މީހުން ވަރަށް އުފާވެރި މޫޑެއްގައި ތިބެގެން އަންނާނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންގެ މޫޑު އެންމެ ރަނގަޅުވާ ކަންތައްތަކުގެ ތެރޭގައި ޑޮކްޓަރުން ފާހަގަކޮށްފައިވަނީ މާމަ/ކާފަ ދަރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމާއި ބަލާހިތްވާ މަޖާ ފިލްމެއް ބަލައިލުމެވެ.

ކޮންމެ އަހަރަކު ފްލޫ ވެކްސިން ޖެހިޔަސް މި ވެކްސިނުން އަރިދަފުސް ރޯގާއިން ދިފާއުކޮށްދެނީ އެއްބަޔަށެވެ. ވެކްސިންގެ ސަބަބުން ހުއްޓެނީ ބަލިޖައްސާ ވައިރަސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވައިރަސް އެވެ. ނަމަވެސް ވައިރަސްތަކަށް ވެސް ކޮންމެ އަހަރަކު އިތުރު ބަދަލުތައް އަންނަމުން ދިއުމާއެކު ވެކްސިންގެ އަަސަރު ކުޑަވެގެން ދެ އެވެ.

ވެކްސިންގެ އަސަރު ރަނގަޅަށް ކުރަނީ ދުވަސްވީ މީހުންނަށް ވުރެ ޒުވާނުންނަށެވެ. ނަމަވެސް އުފާވެރި މޫޑެއްގައި ތިބެ ވެކްސިން ޖަހައިފި ނަމަ ދުވަސްވީ މީހުންނަށް ވެސް އިތުރު ފައިދާތައް ލިބޭނެކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

ނޮޓީންހަމް ޔުނިވަސިޓީގެ ޑިވިޝަން އޮފް ޕްރައިމަރީ ކެއާގެ ޕްރޮފެސަރު ކަވީތާ ވެދާރާ ވިދާޅުވީ ވެކްސިން ޖަހާދުވަހު އުފާވެރި މޫޑެއްގައި ހުރުމުން ވެކްސިންގެ އަސަރު ރަނގަޅަށް ކުރާ ކަމަށް ދެއްކި މިއީ ފުރަތަމަ ފަހަރެވެ. މިއީ ވަރަށް މަޖާ ދިރާސާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިން ދޭ ޑޮކްޓަރުން ނުވަތަ ނަރުހުން ވެކްސިން ޖަހާ ގަޑީގައި ޖޯކެއް ކިޔައިދީގެން ވެކްސިން ޖަހާ މީހާގެ މޫޑު ރަނގަޅު ކޮށްލުމުން ފުދޭނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މިއީ ވެސް އަޖުމަ ބަލާލަން ކުރަން ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލި މީހުންނަށް އޮތް އެންމެ ރަނގަޅުގޮތަކީ ވެކްސިން ޖަހަން އައުމުގެ ކުރިން ގޭގައި އުޅޭއިރުވެސް އުފާވެރި މޫޑެއްގައި ހުރެގެން ޕޮޒިޓިވް ވިސްނުމަކާއެކު ވެކްސިން ޖަހަން އައުން. އޭރުން ކުޑަނަމަވެސް އިތުރަށް ވެކްސިންގެ ދިފާއީ ބާރު ގަދަވާނަމަ އެއީ ކުރަން ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ދިރާސާގައި ބައިވެރިކުރީ 138 މީހުންނެވެ. ދިރާސާ ރިޕޯޓު ޝާއިއުކޮށްފައިވަނީ ބްރެއިން، ބިހޭވިއާ އެންޑް އިމިއުނިޓީ ގައެވެ.