ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށް

ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި އެމެރިކާ އަންހެނަކު ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.


މިޝިގަންގެ ޑިޓްރޮއިޓްގައި ދިރިއުޅޭ ރެބެކާ ބްރެޑޯ ކުރިން ވަނީ އޭނާގެ ނުވަ އަހަރުގެ ފިރިހެންދަރިފުޅަށް ވެކްސިން ދޭން އެ ކުއްޖާގެ ބައްޕައާ އެކު އެއްބަސްވެފަ އެވެ. އެކަމަކު އެންމެ ފަހުން ކޯޓުން އަމުރުކުރުމުން ވެސް އެކަން ނުކުރުމުގެ ނަތީޖާއަކީ ހަތް ދުވަސް ޖަލުގައި ހޭދަކުރަން ޖެހުމެވެ.

ކުއްޖާ އަށް ވެކްސިންދިނުމަށްޓަކައި ކޯޓުން މިހާރު ވަނީ އޭނާގެ އިސް ބެލެނިވެރިކަން ބައްޕަ އަދި ބްރެޑޯގެ ކުރީގެ ފިރިމީހާއާ ވަގުތީގޮތުން ހަވާލުކޮށްފަ އެވެ.

ދެ ކުދިންގެ މަންމަ ބްރެޑޯ ބުނާގޮތުގައި ވެކްސިން ދިނުމަކީ އޭނާގެ ގަބޫލުކުރުންތަކާ ފުށުއަރާ ކަމެކެވެ. އަދި އަމިއްލަ އުސޫލުތަކާ ޚިލާފުވުމަށް ވުރެ ޖަލުގައި އިނުން ވެސް މާ ރަނގަޅު ކަމަށް އޭނާ ވަނީ ނިންމައިފަ އެވެ. އޭނާއަކީ ތައުލީމީ މީހެއް ކަމަށާއި ދަރިފުޅަށް ވެކްސިން ނުދިނީ އަމިއްލަ އިޚްތިޔާރުގައި ކަމަށް ވެސް ބްރެޑޯ ބުންޏެވެ.

ވެކްސިނާ ދެކޮޅު ބައެއް މީހުން އެ ގޮތަށް ވަކާލާތުކުރަނީ ވެކްސިނުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ބުނެ އެވެ. އޯޓިޒަމްގެ އަސްލަކީ ވެސް ވެކްސިން ކަމަށް އެފަދަ މީހުން ދެކެ އެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި މިއީ އެއްވެސް ބުރަދަނެއް ނެތް ދޮގު ވާހަކައެއް ކަން އެތައް ދިރާސާއަކުން ވަނީ ސާބިތުވެފަ އެވެ.

އަމިއްލަ ގަބޫލުކުރުންތަކާ ފުށުއަރާ ނަމަ ދަރިންނަށް ވެކްސިން ނުދިނުމުގެ އިޚްތިޔާރު މިޝިގަންގެ ގާނޫނުން ބެލެނިވެރިންނަށް ލިބިދެ އެވެ. އެކަމަކު ބްރެޑޯ ގާނޫނާ ޚިލާފުވި ކަމަށް ކޯޓުން ކަނޑައެޅީ އޭނާގެ ކުރީގެ ފިރިމީހާއާ އެކު މިދިޔަ އަހަރު ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ދެކޮޅު ހަދާފައިވާތީ އެވެ. ކޯޓު އަމުރަށް އަމަލު ނުކުރުމާ ގުޅިގެން އޭނާ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދަރިފުޅު އުފަންވި އިރު ބްރެޑޯ އާއި އޭނާގެ ކުރީގެ ފިރިމީހާ ނިންމައިގެން ތިބީ ދޭތެރެ ދުރުކޮށް އަދި ލަހުން ވެކްސިންދެމުން ގެންދިޔުމަށެވެ. އެކަމަކު އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން 2008ގައި ދެ މީހުން ވަކިވެ، ކުއްޖާގެ ބެލެނިވެރިކަން ދެ މީހުންނަށް ވެސް ލިބުނު އިރު، ވެކްސިންތައް ކުރިއަށް ގެންދަން ބައްޕަ ބޭނުންވި އެވެ.

ކުދިންނަށް ވެކްސިން ދިނުމަކީ އެމެރިކާގެ ފެޑެރަލް ސަރުކާރުން ގާނޫނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް ސްޓޭޓްތަކަށާއި ސްކޫލްތަކަށް ސަރުކާރުން އެކަމާ ގުޅޭ ލަފާތައް ދެ އެވެ. އަދި ސްކޫލުގެ ވެކްސިން ގަވާއިދަށް އަމަލުކުރަން ބެލެނިވެރިންނަށް މަޖުބޫރެވެ. އެ ގަވާއިދާ ޚިލާފު ވެއްޖެ ނަމަ ކުއްޖާ އަށް ސްކޫލަކަށް ނުދެވޭނެ އެވެ. އަދި ކުއްޖާ ހާޒިރުނުވާތީ ބެލެނިވެރިން ޖަލަށް ލެވިދާނެ އެވެ. މި ސަބަބާ ހެދި، ވެކްސިނާ ދެކޮޅު ވަރަށް ގިނަ ބެލެނިވެރިން އެ މީހުންގެ ދަރިންނަށް ކިޔަވައިދެނީ ގޭގަ އެވެ.

ފްރާންސުން ދާދި ފަހުން ވަނީ، 2018 އިން ފެށިގެން، ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމްކޮށްފަ އެވެ.