އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން

ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން އިތުރުވުމާއި ފަލަވާ ބަލި ނުވަތަ އޮބީސިޓީއާ މެދު މިހާރަށް ވުރެ ވެސް ކަންބޮޑުވާން ޖެހޭ އިންޒާރެއް އެމެރިކާގެ ބަލިތަކާ ބެހޭ އިދާރާގެ ރިޕޯޓެއްގައި ދީފި އެވެ.


ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު "ވައިޓަލް ސައިންސް" ރިޕޯޓް ބުނާގޮތުން އެ ގައުމުގައި ތިބި ކެންސަރު ބަލީގެ މީހުންގެ 40 ޕަސެންޓަށް އެ ބަލި ޖެހިފައިވަނީ ބަރުދަން ހުންނަންވީ ވަރަށް ވުރެ އިތުރުވުމާއި އޮބީސިޓީގެ ސަބަބުންނެވެ.

އާބާދީގެ ތިންބައިކުޅަ ދެ ބައި މީހުންގެ ބަރުދަން މާ މަތީގައި އުޅޭ އެ ގައުމުގައި 2014 ވަނަ އަހަރު ކެންސަރު ހުރި ކަމަށް ދެނެގަނެވުނު 630،000 މީހުންނަކީ ފަލަވުމާ ގުޅިގެން އެ ބަލި ޖެހުނު މީހުން ކަމަށް ސީޑީސީ އިން ބުންޏެވެ. އަދި ފަލަވުމާ ގުޅިގެން ކެންސަރު ޖެހުނު އަދަދު 2005 އިން 2014 އަށް އިތުރުވެފައިވާ އިރު ފަލަވުމާ ގުޅުމެއް ނެތި ކެންސަރު ޖެހުނު މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ސީޑީސީ އިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި، ދުޅަހެޔޮ މިންވަރެއްގައި ބަރުދަން ބެހެއްޓުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުން މުހިއްމު ކަމަށެވެ.

ފަލަވުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ

ކެންސަރު ޖެހިފައިވާ އަންހެނުންގެ 55 ޕަސެންޓް އަދި ފިރިހެނުންގެ 24 ޕަސެންޓަށް އެ ބައްޔާ ކުރިމަތިލާން ޖެހެނީ ފަލަވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެފަދަ ކޭސްތަކުގައި ގިނައިން ހިމެނެނީ އުމުރުން 50 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ.

ފަލަވުމާ ގުޅުން ހުރި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުރަމޭގެ ކެންސަރު އަދި އޯވަރީގެ ކެންސަރު ފަދަ ފުރާނަ އަށް އެންމެ ނުރައްކާތެރި ބާވަތްތައް ވެސް ހިމެނެ އެވެ.