މަތިންދާބޯޓަށް ކުރިމަތިވާ ޓާބިއުލެންސްތައް އިތުރުވަނީ

މަތިންދާބޯޓުގައި ދަތުރު ކުރާއިރު ކުރިމަތިވާ ޓާބިއުލެންސް ނުވަތަ ވައިގެ ތެރޭގައި ބޯޓަށް އަންނަ ވަރުގަދަ ލޮޅުންތައް ތަޖުރިބާކުރަންޖެހޭ މިންވަރު، މޫސުމަށް އަންނަ ބަދަލުތަކާ އެކު އިތުރުވާނެ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.


ރިޕޯޓާ ހަވާލާދީ "ދަ ޓެލެގްރާފް" ގައި ބުނެފައި ވަނީ މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ އަނިޔާާތައް އިތުރުވާނެ ކަމަށާއި ބޯޓު ދަތުރުކުރާއިރު ގިނަ ވަގުތު ސީޓު ބެލްޓް އަޅައިގެން ގޮނޑީގައި އިންނަން ޖެހޭނެ ކަމަށެވެ.

ޓްރާންސްއެޓްލާންޓިކް މަތިން ދަތުރުކުރާ ފްލައިޓްތަކަށް ޓާބިއުލަންސްގެ އަސަރުކުރާ މިންވަރު 180 ޕަސެންޓް އިތުރުވާނެ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޔޫރަޕް މަތިން ދަތުރުކުރާ ބޯޓު ފަހަރަށް މި މައްސަަލަ 160 ޕަސެންޓް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސައިންސްވެރިންނަށް މިހާރުވެސް ވަނީ ކްލިއާ-އެއާ-ޓާބުލަންސް (ސީއޭޓީ) އިތުރުވާކަން ފާހަގަކުރެވިފަ އެވެ. ނަމަވެސް ޔުނިވަސިޓީ އޮފް ރީޑިން އިން ހަދާފައިވާ މި އާ ދިރާސާ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާނެ ގޮތް ލަފާކޮށް ހަދާފައިވާ މިފަދަ ފުރަަތަމަ ހިސާބު މޮޑެލް އެވެ.

މި ރިސާޗް ޓީމުން ވަނީ މިހާރު ގެންގުޅޭ ސިސްޓަމަށް ވުރެ ރަނގަޅު ފޯކާސްޓިން ސިސްޓަމްތަކެއް އުފައްދައިގެން، ޓާބިއުލަންސްތައް ކުރިއަށް ލަފާކޮށް ފަސިންޖަރުން ސީޓު ބެލްޓް އެޅުމަށް އިންޒާރު ދޭ ނިޒާމެއް ގާއިމުކުރުމަށް ލަފާ ދީފަ އެވެ.

"އެއާ ޓާބިއުލަންސްގެ މައްސަަލަ މުޅި ދުނިޔޭގައި ވެސް ދަނީ އިތުރުވަމުން. ހުރިހާ މޫސުމެއްގައި ހުރިހާ އުސްމިންތަކެއްގައި ދަތުރުކުރާއިރު ވެސް މިހާރު މިމައްސަލަ ދިމާވޭ،" ރީޑިން ޔުނިވަސިޓިގެ ޕްރޮފެސާ އޮފް އެޓްމޮސްފެރިކް ސައިންސް ޕޯލް ވިލިއަމްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމަށް އަންނަ ނޭދޭވޭ ބަދަލުތަކާ އެކު މައްސަލަ އިތުރަށް ގޯސްވާނެ ކަމަށެވެ.

ސީއޭޓީ އަކީ އެއާލައިންތަކަށް ކުރިމަތިވާ އެންމެ އުނދަގޫ މައްސަލަ އެވެ. ސަބަބަކީ އެއީ ރާޑަރަށް ވެސް ނާރާ، ހަމަލޮލަށް ވެސް ނުފެންނަ އެއްޗަކަށް ވާތީ އެވެ.

ވަރަށް އުހުން ޖެޓްތައް ދަތުރު ކުރަމުންދާއިރު ވެސް ވައިގެ ބާރުމިން މާ ބޮޑަށް ގަދަވެ ވައިގެ ސްޓެބިލިޓީ ނުހުންނާތީ ގަދަ ވައިގެ ޕޮކެޓްތަކެއް އުފެދޭ ގޮތް ވެ އެވެ.

ވަރަށް ވަރުގަދަ ޓާބިއުލަންސްތަކުގައި ބޯޓު ކިތަންމެ ބާރަކަށް ތެޅުވުނު ނަމަވެސް ކޮމާޝަލް ފްލައިޓްތަކަށް އޭގެ ގެއްލުމެއް ވަރަށް ނުލިބޭނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ބޯޓުގައި ތިބޭ މީހުންނަށް އަނިޔާވުމުގެ ފުރުސަތު އޮންނަ ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މި އަހަރުގެ ޖޫން މަހު ޗައިނާ އީސްޓާން އެއާލައިންގެ ފްލައިޓެއް ޕެރިހުން ސައުތު ވެސްޓް ޗައިނާއަށް ދަތުރުކުރަނިކޮށް ވަރަށް ވަރުގަދަ ޓާބިއުލަންސެއްގައި ޖެހި ބޯޓު ވަރަށް ބާރަށް ތެޅުވުމުގެ ސަބަބުން 20 މީހުންނަށް އަނިޔާވި އެވެ. އަނިޔާވި ބައެއް މީހުންގެ ބައެއް ކަށިތައް ބިނދިފައިވާއިރު އަނެއްބައި މީހުންގެ ބޯ ފެޅުނެވެ.

މިފަދަ ހާދިސާތަކުގައި ކޮންމެ އަހަރަކު އަނިޔާ ލިބޭ މީހުންގެ އަދަދު އުޅެނީ ވަރަށް ދަށުގަ އެވެ. ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކުދިކުދި އަނިޔާތައް ލިބޭ މީހުން އެއީ މާ ބޮޑު ކަމަކަށް ނުހަދައި ރިޕޯޓު ނުކޮށް ތިބެ އެވެ. އެހެންވެ މި އަދަދު މިހާރު އަންދާޒާ ކުރެވޭ ވަރަށް ވުރެ ގިނަ ވާނެ ކަމަށް ލަފާކުރެވެ އެވެ.

ބޯއިންގެ ބޯޓުތައް އުފައްދާ ކުންފުނިން މިދިޔަ މަހު އިއުލާން ކުރި ގޮތުގައި ޓާބިއުލަންސް ދެނެގަތުމަށް މިހާރު އަންނަނީ އާ ލޭޒާ ޓެކްނޮލޮޖީއެއް ޓެސްޓް ކުރަމުންނެވެ. ސީއޭޓީ އަންނަކަން 10 މޭލާ ކައިރިވުމުން މި ޓެކްނޮލޮޖީގައި ޕައިލެޓުންނަށް ދެނެގަނެވޭނެ އެވެ. ނަމަވެސް މި ޒަމާނުގެ ފަސިންޖަރު ޖެޓްތައް ދަތުރުކުރާ ސްޕީޑަށް ބަލާއިރު އެންމެ 60 ސިކުންތު ތެރޭގައި 10 މޭލަށް ދަތުރުކުރާނެ އެވެ.

ޖާނަލް ޖިއޯފިޒިކަލް ރިސާޗް ލެޓާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ލަފާކޮށްފައިވާ ގޮތުގައި 2050 އިން ފެށިގެން ޓާބުލަންސްގެ އަސަރު ނޯތު ކޮރެއާ މަތިން ދަތުރު ކުރާ ފްލައިޓްތަކަށް 110 ގުނަ އިތުރުވާނެ އެވެ. އަދި ނޯތު ޕެސިފިކް މަތިން ދަތުރުކުރާ ފްލައިޓްތަކަށް 90 ޕަސެންޓް އިތުރު ވާއިރު އޭޝިއާ މަތިން ދަތުރުކުރާ ފްލައިޓްތަކަށް 60 ޕަސެންޓް އިތުރުވާނެ އެވެ.

މިހާރު ގިނަ އެއާކްރާފްޓްތަކަށް ޓާބުލަންސްގެ އަސަރުކުރަނީ އެވްރެޖްކޮށް ދަތުރުގެ ވަގުތުގެ އެންމެ ތިން މިނިޓަށެވެ. ގަދަފަދަ ޓާބުލަންސްގައި ޖެހިފައި އޮންނަ ވަގުތުކޮޅު އުޅެނީ މިނިޓެއްހާ އިރަށެވެ.