ކޯމާއިން ތެދުވެ ފިރިމީހާ ބޭޒާރު ކޮށްލައިފި

ކައިވެނިކުރިތާ ދެ ދުވަސް ވެސް ނުވަނީސް އަނބިމީހާއަށް އަނިޔާކުރުމުން މަރުވީ ކަމަށް ހިތާ ފިލި މީހަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފި އެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ މި ހާދިސާއަށް ތިން މަސް ދުވަސް ފަހުންނެވެ.


ފިރިމީހާ ދިން އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އަންހެންމީހާ ކޯމާގައި އެތައް ދުވަހެއް އޮތުމަށްފަހު ހޭ އެރިއިރު ހަނދާންތައް ވެސް ވަނީ ފިލައިފަ އެވެ. އޭނާގެ ހަނދާންތައް ވެސް މަޑުމަޑުން އަންނަން ދުވަސްތަކެއް ނެގި އެވެ. ހަނދާންތައް އެނބުރި އައުމާ އެކު، އަނިޔާކުރީ ފިރިމީހާ ކަމަށް އަންހެންމީހާ ފުލުހުން ގާތު ބުންޏެވެ.

އިންޑިއާ ޓުޑޭގައި ބުނީ މާދުރީ ނަމަކަށް ކިޔާ 22 އަހަރުގެ މި އަންހެންމީހާ ކައިވެނި ކޮށްގެން ފިރިހެންމީހާގެ ގެއަށް ދިޔަތާ ދެ ވަނަަ އަށް ވީ ދުވަހު ފިރިހެންމީހާ ވަނީ ހަދަން ފަށާފައިވާ އިމާރާތެއްގެ މައްޗަށް އަރުވައި ގަލުންނާއި ދަނޑިބުރިން ތަޅައި އަނިޔާކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކޮންސްޓްރަކްޝަން ސައިޓަކުން، އަނިޔާކޮށް ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓްކުރުމުން ފުލުހުން ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ހޮސްޕިޓަލުގައި އެމީހާ ހޭ ނާރާ ދެ މަހަށް ވުރެ ގިނަ ދުވަހު އޮތެވެ.

ހަނދާންތައް އައުމުން އޭނާ ވަނީ އަނިޔާކުރީ ފިރިމީހާ ކަމަށް ބުނެފަ އެވެ. އަދި އެ މީހާ ވަނީ ކުށަށް އިއުތިރާފު ވެފަ އެވެ.

އެ މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ އެހެން އަންހެނަކާ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ މާދުރީއާ ކައިވެނިކުރާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އޭނާ މާދުރީއާ ކައިވެނިކޮށްގެން ދިއްލީއަށް ގެންދިޔައީ އާއިލާ އާއި އަވަށުގެ މީހުން މަޖްބޫރު ކޮށްގެން ކަމަށް ވެސް ބުންޏެވެ. އެހެންވެ މާދުރީގެ ކިބައިން ސަލާމަތްވާން ވެގެން މަރާލީ ކަމަށް ބުންޏެވެ.