މައިންބަފައިން ފިރިހެން ދަރިންނާއި އަންހެންދަރިން ތަފާތު ކުރޭތަ؟

މަންމައިން އަންހެން ދަރިންނަށް ޚާއްސަ ގޮތެއް ބަހައްޓާތޯ އަދި ބައްޕައިން ފިރިހެން ދަރިންނަށް ޚާއްސަގޮތެއް ބަހައްޓާތޯ ބެލުމަށް އާރުޓްގާޒް ސްކޫލް އޮފް ބިޒިނަސް އިން ވަރަށް ފަހުން ވަނީ ދިރާސާއެއް ހަދާފަ އެވެ. ޖާނަލް ކޮންސިއުމާ ސައިކޮލޮޖީގައި ޝާއިއުކުރާ މި ރިޕޯޓުގައިވާ ގޮތުން މައިންބަފައިން އެ މީހަކާ އެއް ޖިންސެއްގެ ކުއްޖަކަށް ޚާއްސަގޮތެއް ބަހައްޓަނީ ވަރަށް މުހިއްމު ކަމެއްގަ އެވެ. އެއީ ފައިސާގެ ކަންކަމެވެ.


މި ދިރާސާއަށް ސާވޭކުރި މައިންބަފައިންގެ ތެރެއިން 90 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުން އެއްވެސް ކުއްޖަކަށް ވަކި ޚާއްސަގޮތެއް ނުބާއްވާ ކަމަށާއި ހުރިހާ ކުދިންނަށް ކަންތައް ކުރަނީ ހަމަހަމަކޮށް ކަމަށެވެ. ނަމަވެސް ފައިސާގެ މައްސަލަތަކުގައި ކޮންމެވެސް ވަރަކަށް ފޭވަރިޓް ކުއްޖާއަށް އިސްކަން ދެވޭކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އެކި ސަގާފަތްތަކުގެ މީހުންގެ މެދުގައި ހެދި ތަފާތު ހަތަރު އެކްސްޕެރިމެންޓެއްގެ ނަތީޖާ ދައްކާފައިވާ ގޮތުގައި މަންމައިން އެމީހުންގެ އަންހެން ދަރިންނަށް މާގިނައިން ފައިސާ އިންވެސްޓް ކުރެ އެވެ. އަދި ހަމަ އެގޮތަށް ބަައްޕައިން އެމީހުންގެ ފިރިހެން ދަރިންނަށް މާ ގިނަ ފައިސާ އިންވެސްޓް ކުރެ އެެވެ.

މިފަދަ އެއް ޓެސްޓެއްގެ ބައިވެރިންނަކީ އަންހެން ދަރިފުޅަކާއި ފިރިހެން ދަރިފުޅެއް ހުރި މަންމައިންނާއި ބައްޕައިން ތަކެކެވެ. މި މީހުންގެ ތެރެއިން ކޮންމެ މީހަކަށް 25 ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް ދީފައި ދެ ދަރިން ކުރެ ކޮންމެވެސް އެއް ކުއްޖަކަށް އިންވެސްޓްކުރުމަށް އެދުނެވެ.

ގިނަ މަންމައިން އެ ފައިސާ އިންވެސްޓްކުރީ އަންހެން ދަރިންނަށެވެ. އަދި ގިނަ ބައްޕައިން ފައިސާ ދިނީ ފިރިހެން ދަރިންނަށެވެ.

ބައިވެރިންގެ ތެރެއިން ގިނަ މީހުން އާއިލީ މުދާ ބެހުމުގައި ވެސް މަންމައިން އަންހެންދަރިންނަށް އަދި ބައްޕައިން ފިރިހެން ދަރިންނަށް ޚާއްސަކަމެއް ދިންކަން ވަނީ ފާހަގަކުރެވިފަ އެވެ.

އަންނަ އަހަރު ޖެނުއަރީގައި ޝާއިއުކުރާ މި ދިރާސާގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި އޮފީސް މާހައުލުގައި ވެސް އާއިލާއިން މިގޮތަށް ދޭ ޚާއްސަ ސަމާލުކަން ހަމަ މިކަހަލަ ގޮތަކަށް ދެވޭކަން ފާހަގަ ކުރެވެ އެވެ.

މިސާލަކަށް، އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތާ ހަވާލުވެ ހުރީ އަންހެނަކު ނަމަ އަންހެން މުވައްޒަފުންނަށް މާ ގިނަ ފައިދާ ކުރެ އެވެ. ހަމަ އެގޮތަށް ޕްރޮމޯޝަން ދޭން ހަވާލުވެފައި ހުރީ ފިރިހެނަކާ ނަަމަ ފިރިހެން މުވައްޒަފުންނަށް ޚާއްސަކަމެއް ދެވެ އެވެ.