ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ފިނިވަނީ ކީއްވެ؟

އާ ދިރާސާއަކުން ދައްކާގޮތުގައި ގޭތެރޭގެ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން އެންމެ ބޮޑަށް ޚިޔާލުތަފާތުވަނީ ގޭގެ ފިނިހޫނުމިން ބަހައްޓާނެ މިންވަރަކާ މެދުގަ އެވެ. އެކުގައި ދިރިއުޅޭ ޖޯޑުތަކުގެ ތިންބައިކުޅަ އެއްބައި މީހުން މިކަމާ ދެބަސްވާ އިރު ކޮންމެ 10 އަންހެނެއްގެ ތެރެއިން ހަތަރު މީހުން ބައިވެރިޔާ އަށް ސިއްރުން ގޭތެރޭގެ ހޫނުމިން މަތިކުރާ ކަމަށް ވެސް އެ ދިރާސާ ބުނެ އެވެ.


ވިޔަފާރި ކުންފުންޏަކުން ޚަރަދުކޮށްގެން ހެދި އެ ދިރާސާއަކީ އެންމެ ވަރުގަދަ ސައިންޓިފިކް ހޯދުންތަކާ އެއްވަރުގެ ބުރަދަނެއް ހުރި އެއްޗެއް ކަމަށް ނުވެ ހިނގައިދާނެ އެވެ. އެކަމަކު އަންހެނުން ފިރިހެނުންނަށް ވުރެ ފިންޏަށް ބަލި ކަމަށް ބުނާ ވާހަކައަށް ބާރު ލިބިދޭ ހަރުދަނާ ހެކިތައް އެބަހުއްޓެވެ.

ނެދަލެންޑްސްގެ ސައިންސްވެރިންތަކެއް 2015ގައި ހެދި ދިރާސާއަކުން އެނގުނު ގޮތުގައި އަންހެނުންނަށް އެންމެ ހެޔޮވަރު ފިނިހޫނިމިނަކީ 24-25 ސެލްސިއަސް ކަމަށްވާ އިރު، އެއީ ފިރިހެނުންނަށް ހެޔޮވަރު ވަރަށް ވުރެ 2.5 ސެލްސިއަސް މަތި މިންވަރެކެވެ.

އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ހުންނަނީ ދާދި އެއްވަރަކަށެވެ. އަދި ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި އަންހެނުންގެ ފިނިހޫނުމިން ފިިރިހެނުންނަށް ވުރެ ކުޑަ ތަންކޮޅެއް މަތި ވެސް މެ އެވެ. އެކަމަކު އަހަރެމެންނަށް އިހުސާސްކުރެވޭ ފިނިހޫނުމިން ބޮޑަށް ބިނާވެގެންވަނީ ހަމުގެ ފިނިހޫނުމިނަށް ކަމަށްވާ އިރު އަންހެނުންގެ ހަމުގެ ފިނިހޫނުމިން ހުންނަނީ ފިރިހެނުންނަށް ވުރެ ދަށްކޮށެވެ.

މީގެ ސަބަބަކީ އަންހެން ހޯމޯން އިސްޓްރޮޖެން އެވެ. އިސްޓްރޮޖެން، ހަށިގަނޑުގެ ލޭ ކުޑަކޮށް އޮލަކުރާތީ ބައެއް ހޮޅިތަކަށް ލޭ ފޮނުވައިދޭލެއް މަދުވެ އެވެ. މާނައަކީ، ފިނީގައި އަންހެނުންގެ ހަތަރެސްފައިގެ އިނގިލިތަކުގެ ކުރިއަށް ލޭ ދައުރުކުރުން މާ އަވަހަށް ހުއްޓެ އެވެ. އޯވިއުލޭޝަންގެ ސަބަބުން ހަށިގަނޑުގައި އިސްޓްރޮޖެން ހޯމޯން ގިނަވާ ދުވަސްވަރު އަންހެނުންނަށް އަދި މާ ބޮޑަށް ފިނިވާކަން ވެސް ދިރާސާ އިން އެނގިފައިވެ އެވެ.

އަންހެނުންނަށް ފިރިހެނުންނަށް ވުރެ ބޮޑަށް ފިނިވުމުގައި ހަށިގަނޑުގެ މެޓަބޮލިޒަމް ވެސް ދައުރެއް އަދާކުރެ އެވެ. ހަށިގަނޑުން ހޫނު އުފައްދައިދޭ އަވަސްމިން ބިނާވަނީ މެޓަބޮލިޒަމްގެ މައްޗަށް ކަމަށްވާ އިރު އަންހެނުންގެ މެޓަބޮލިކް ރޭޓް ފިރިހެނުންނަށް ވުރެ އެވްރެޖްކޮށް ދަށެވެ.

މީގެ އިތުރުން، ފިނިކަން އިހުސާސްކުރެވޭ މިންވަރު އެ މީހެއްގެ އަމިއްލަ އިހުސާސްތަކާއި ޚިޔާލާ ވެސް ކޮންމެވެސް ވަރަކަށް ގުޅިފައިވާ ކަން ފަހުގެ ދިރާސާއަކުން އެނގިފައިވެ އެވެ. ފަހަރުގައި މިއީ ފިނިހޫނުމިން ބަހައްޓާނެ މިންވަރަކާ މެދު ބައިވެރިޔާ ކޮންމެވެސް ދުވަހަކުން އެއް ވިސްނުމަކަށް އަތުވެދާނެ ކަމުގެ އުއްމީދު ލިއްބައިދޭ ހޯދުމެކެވެ.

ދަ ގާޑިއަން