ދަރިފުޅުގެ ގާތިލުން ކަމަށް ބުނި ދެމަފިރިން މިނިވަންވެއްޖެ

ދަރިފުޅު މަރާލުމުގެ ކުށް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޑެންޓިސްޓް ދެމަފިރިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޮށްފައިވާ ހުކުމް އިލާހްއާބާދު ހައި ކޯޓުން މިއަދު ބާތިލްކޮށް އެ ދެމަފިރިން މިނިވަން ކޮށްފި އެވެ.


ހުރި ހަމައެކަނި ދަރިފުޅު ކަމަށްވާ، އުމުރުން 14 އަހަރުގެ އާރޫޝީ މަރާލާފައި އޮއްވައި ފެނުނީ މޭ 16، 2008 ގައި އޭނާ ނިދާ ކޮޓަރިންނެވެ. އާރޫޝީ މަރާލިކަމަށް ފުލުހުން އެންމެ ފުރަތަމަ ޝައްކުކުރީ ގޭގެ ނޯކަރެއްގެ ގޮތުގައި އުޅުނު ނޭޕާލް މީހެއް ކަމަށްވާ ހެމްރާޖް އަށެވެ. ނަމަވެސް އާރޫޝީ މަރުވިތާ ދެ ދުވަސް ފަހުން އެ ގޭ ޓެރަސް މަތީގައި ހެމްރާޖް ވެސް މަރާލާފައި އޮއްވައި ފެނުނު ހިސާބުން ފުލުހުންގެ ޝައްކު އާރޫޝީގެ މަންމަ އާއި ބައްޕައަށް އަމާޒުވި އެވެ. އަދި އެމީހުން ހައްޔަރުކޮށްގެން ތަހުގީގުކުރުމަށްފަހު ކޯޓަށް މައްސަަލަ ހުށަހަޅައި 2013 ގެ ނޮވެމްބަރު މަހު ގާޒީއާބާދު ސީބީއައި ކޯޓުން ވަނީ އެ ދެމަފިރިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި އެމީހުން އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

މި ދެމަފިރިން ޖަލުގައި ހަތަރު އަހަރު ހޭދަކުރި އިރު ވެސް ބުނަމުން ގޮސްފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި މައްސަލަ އަލުން ބަލައިދިނުމަށެވެ.

މި މައްސަލަ އަލުން ބެލުމަށް ފަހު އިލާހްއާބާދު ހައިކޯޓުން ބުނި ގޮތުގައި ނޫޕޫރް ތަލްވާރް އާއި ރާޖޭޝް ތަލްވާރްގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކެއް ނެތެވެ. އެ މީހުން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި ޝައްކުތަކަކަށް ބިނާކޮށް ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

"ތަލްވާރް"ގެ ނަމުގައި މި ހާދިސާއާ ގުޅޭ ވަރަށް އަސަރުގަދަ ފިލްމެއް ވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރިލީޒްކޮށްފައި ވެ އެވެ. މި ފިލްމުގައި ވެސް ދައްކުވައިދެނީ މި ދެމަފިރިންގެ ކުށެއް ނެތް ކަމާއި އާރޫޝީ މަރާލީ އެހެން ބައެއް ކަމަށެވެ. ފިލްމުގައި ދައްކާ ގޮޮތުން އާރޫޝީ މަރާލަނީ އޭނާގެ ބައްޕަ ޑރ. ރާޖޭޝް ތަލްވާރުގެ ކްލިނިކްގައި މަސައްކަތްކުރީ ނޭޕާލް މީހަކާއި އިތުރު ނޭޕާލް މީހަކު ގުޅިގެންނެވެ. އަދި އާރޫޝީ މަރާލިތާ ދެތިން ދުވަސް ތެރޭގައި އިންޑީއާ ފުލުހުން މި ދެ މީހުން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އާރޫޝީ މަރާލީ މި މީހުން ކަމަށް ސާބިތުކުރެވޭ ވަރަށް ހެކި ނުލިބުމުން އެ މީހުން ދޫކޮށްލީ އެވެ. އެއާ އެކު އެ މީހުން އިންޑިއާ ދޫކޮށް ގޮސް ފިލީ އެވެ.

14 އަހަރުގެ އާރޫޝީ މަރާލި ބަޔަކު ސީބީއައި އަށް ހޯދިފައެއް ނުވޭ

މިއަދު ހުކުމް އިއްވަމުން އިލާހްއާބާދު ހައި ކޯޓުން ބުނީ މީހަކު މަރާލުމުގެ ކޮންމެވެސް މަގްސަދެއް އޮންނާނެ ކަމަށާއި އާރޫޝީގެ މައިންބަފައިން އޭނާ މަރާލުމުގެ އެއްވެސް މަގްސަދެއް ހޯދިފައި ނެތް ކަމަށެވެ.

މި މައްސަަލަ ތަހުގީގުކުރި ސީބީއައި އިން ބުނީ ހެމްރާޖް އާއި އާރޫޝީ އެނދުމަތީގައި ތިއްބާ އޭނާގެ މައިންބަފައިންނަށް ފެނިގެން އައި ރުޅީގައި އެ ދެ މީހުން މަރާލީ ކަމަށެވެ. ނަމަވެސް އާރޫޝީގެ ކޮޓަރިއަށް އޭނާ ނޫން އެހެން މީހަކު ވަދެފައިވާ ކަމުގެ ހެއްކެއް ހޯދިފައި ނެތް ކަމަށާއި ކޮޓަރިން ފެނިފައި ވަނީ ހަމައެކަނި އާރޫޝީގެ ޑީއެންއޭ އާއި ލޭގެ ސާމްޕަލްތައް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.

އާރޫޝީގެ ބައްޕަ އާރްޝީގެ ފޮޓޯއެއްގައި އަތްލަނީ

މި މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދާތާ އަހަރެއްހާ ދުވަސް ވެފައި ވާއިރު ތަކުރާރުކޮށް ކޯޓުން ސީބީއައިއާ ކުރަމުންދިޔައީ ވެސް މި ސުވާލެވެ. ދެ ވަނަ މީހަކު އާރޫޝީގެ ކޮޓަރީގައި އޮތް ކަމަށް ވާ ނަމަ އެމީހެއްގެ ޑީއެންއޭ ނެތީ ކީއްވެތޯ އެވެ. އަދި މިދިޔަ މަހު ސީބީއައި އިން ވަނީ އެކަމާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.

ހައި ކޯޓުން މި މައްސަލަ އާރޫޝީގެ މައިންބަފައިންނާ އެއްކޮޅަށް ނިމުމާ ގުޅިގެން ސީބީއައި އިން މިއަދު ބުނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް މިއަދުން މިއަދަށް ރާޖޭޝް އާއި ނޫޕޫރް ތަލްވާރް ޖަލުން މިނިވަން ވާނެ އެވެ.