ބަލި ކުދިންނަށް ލޯބި ދޭ "އައިސީޔޫ ކާފަ"

މޭރީ ބެތު ބްރޫލޮޓްގެ ދަރިފުޅު ލޯގަން އުފަންވީ ދުވަސް ފުރެން ތިން މަހާ 15 ދުވަސް އޮއްވަ އެވެ. ބަރުދަނުގައި ހުރީ އެއް ޕައުންޑް 15 އައުންސް (878 ގްރާމް) އެވެ. ލޯގަން އަށް އިންޓެންސިވް ކެއާ ޔުނިޓްގައި ގިނަ ދުވަސްތަކެއް ވަންދެން ބާއްވަން ޖެހޭނެކަން މޭރީ އަށް އެނގެ އެވެ. ނަމަވެސް އެމެރިކާގެ ޖޯޖިއާގެ ލާގްރޭންގްގައި ދިރިއުޅޭ 33 އަހަރުގެ މޭރީއަށް ދަރިފުޅާއެކު ހުރިހާ ވަގުތެއް ހޭދަކުރެވޭކަށް ނެތެވެ. ދަރިފުޅު ގިނަ ވަގުތު ހޮސްޕިޓަލުގައި އެކަނި އޮންނަން ޖެހޭތީ މޭރީ ވަރަށް ހިތާމަކުރެ އެވެ.


މޭރީގެ ގެއިން، ދަރިފުޅު އޮތް ހޮސްޕިޓަލަށް ދެވެނީ ދެ ގަޑިއިރުގެ ދަތުރަކަށް ފަހުގަ އެވެ. ފިރިމީހާ އަކީ ތަނެއްގައި ރޭގަނޑު ޝިފްޓްގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ ބަލަން ޖެހޭ އަށް އަހަރުގެ ދަރިފުޅަކުވެސް ހުރެ އެވެ.

ތުއްތު ދަރިފުޅު ކައިރީގައި ގިނަ ވަގުތު ހޭދަ ނުކުރެވޭތީ ކުރަން ޖެހެނު ހިތާމަ ފިލައިގެން ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ޑޭވިޑް ޑޯޗްމަންއާ ބައްދަލުވި ހިސާބުންނެވެ. މޭރީ އަށް ފުރަތަމަ ފަހަރަށް ޑޯޗްމަން ފެނުނުއިރު އޭނާ އިނީ މޭރީގެ ތުއްތު ދަރިފުޅު އުރާލައިގެން ދަރިފުޅު ނިންދަވާށެވެ.

"އަހަރެން އައިސީޔޫއަށް ވަންއިރު ޑޯޗްމަން އިނީ އަހަރެންގެ ތުއްތު ލޯގަން އުރާލައިގެން ނިންދަވަން. އަހަރެން ފެނުމުން އޭނާ އަމިއްލައަށް ތައާރަފްވަމުން އޭނާއަކީ 'އައިސީޔޫ ކާފަ' އޭ ބުނި. އަހަރެން ހިތަށް އެރި މިއީ ހާދަހާ ރަނގަޅު މީހެކޭ. އޭނާ ބުނި ލޯގަން ރޯ އަޑު އިވިގެން އޭނާ ގޮސް ލޯގަން އުރާލައިގެން ލަވައެއް ކިޔައިދީ ނިންދެވުމުގެ ހުއްދަ ނަރުހުން ކައިރިން ހޯދީ ކަމަށް،" މޭރީ ބުންޏެވެ.

އައިސީޔޫ ގްރޭންޑްޕާ ޑޭވިޑް ޑޯޗްމަން އާ ގުޅޭ ރިޕޯޓެއް

އެމެރިކާގެ އެޓްލާންޓާގައި ހުންނަ މި ހޮސްޕިޓަލުގެ އޮފިޝަލް ވޮލަންޓިއަރެއްގެ ގޮތުގައި ޑޯޗްމަން، 82، ކުޑަކުދިންނަށް ޚިދުމަތް ކުރުމުގައި އުޅޭތާ މިހާރު 12 ވަރަކަށް އަހަރު ވެއްޖެ އެވެ.

އެގޮތުން އޭނާ ހޮސްޕިޓަލަށް ޒިޔާރަތްކުރަނީ ހަފުތާއަކު ދެ ދުވަހު އެވެ. އަންގާރަ ދުވަހަކީ ހާލުބޮޑު ކުޑަކުދިން އެޑްމިޓްކޮށްފައި ތިބޭ ތަނަށް ދާ ދުވަހެވެ. އެ ދުވަހު އޭނާ އެކި އުމުރުގެ ކުޑަކުދިންގެ ތެރެއިން އެކުދިންނާ އަޅާލާނެ މައިންބަފައިން އެވަގުތު ނެތް ކުދިންނާ އެކު ވަގުތު ހޭދަކުރެ އެވެ. ބައެއް ކުދިންނަށް ވާހަކަ ކިޔައިދޭއިރު އަނެއްބައި ކުދިންނާއެކު އެކި ކަހަލަ ކުޅިވަރު ކުޅެ އެކުދިން ހިތްހަމަޖައްސައިދެ އެވެ. ބުރާސްފަތި ދުވަހަކީ އަލަށް އުފަންވާ ކުދިންގެ އިންޓެންސިވް ކެއާ ޔުނިޓަށް ޒިޔާރަތްކުރާ ދުވަހެވެ. އެތަނުގައި ވެސް މައިންބަފައިން ނެތް ކުދިން އުރާލައި ލަވަކިޔައިދީ ނިންދެވުމުގެ މަސައްކަތް ކުރެ އެވެ.

ހަމައެކަނި އައިސީޔޫގައި ތިބޭ ކުދިން ކައިރިއަށް އޭނާ ދަނީ ކީއްވެތޯ ޓުޑޭ ނޫހުން ސުވާލުކުރުމުން ޑޯޗްމަން ބުނީ އެންމެ ސީރިއަސް ކުދިން ތިބެނީ އެތަނުގައި ކަމަށް ވެފައި އެންމެ ހާލު ބޮޑު ކުދިންނަށް އޭނާގެ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވަނީ ކަމަށެވެ.

ޑޯޗްމަންގެ ދެ އަންހެން ދަރިންގެ އުމުރު 50 އަހަރަށް ވުރެ މައްޗެވެ. އަދި ކާފަ ދަރިން ވެސް ވަނީ ބޮޑެތިވެފަ އެވެ.

ޑޯޗްމަން މި ހޮސްޕިޓަލުގައި ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތް ކުރަން ފެށީ އިންޓަނޭޝަނަލް ބިޒްނަސް މާކެޓިންގެ ރޮނގުން އަދާކުރަމުންދިޔަ ވަޒީފާއިން ރިޓަޔާކުރުމަށް ފަހުގަ އެވެ. އޭގެ ފަހުން އޭނާ ބައެއް ޔުނިވަސިޓީތަކަށް ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި ދެ އެވެ. ނަމަވެސް ހުސް ވަގުތު މާގިނައިން ލިބޭތީ ހޮސްޕިޓަލުގައި ވޮލަންޓިއަރެއްގެ ގޮތުގައި އުޅެން ފެށީ އެވެ.

ޑޯޗްމަންގެ ސަމާލުކަން ހޮސްޕިޓަލުގައި ލިބެނީ ހަމައެކަނި އެޑްމިޓްކޮށްފައި ތިބޭ ކުޑަކުދިންނަށް އެކަންޏެއް ނޫނެވެ. އެކުދިންގެ މައިންބަފައިންނަށާއި މުވައްޒަފުންނަށް ވެސް ޑޯޗްމަން އެހީވެ އެވެ. އެގޮތުން ކުދިން ބަލަހައްޓަން ތިބޭ މީހުން ކައިރިއަށް ގޮސް އެމީހުން ނުކައި ތިބި ނަމަ ކާން ފޮނުވާފައި ކުދިންގެ ކައިރީގައި މަޑުކޮށްދެ އެވެ. ބައެއް ފަހަރަށް ކުދިންގެ ބަލި ހާލުގެ ސަަބަބުން ވަރަށް ބޮޑަށް ދެރަވެ ސްޓްރެސް ވެފައި ތިބޭ މީހުންނާ ވާހަކަ ދައްކައި އެމީހުންގެ ހިތާމަތަކުގައި ބައިވެރިވުމަކީ ވެސް ޑޯޗްމަން ކުރާ ކަމެކެވެ.

ޑޯޗްމަން މި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވިޔަސް އައިސީޔޫގައި ދުވަސްތައް ހޭދަކުރި ގިނަ ކުދިންގެ އާއިލާގެ މީހުންނަކަށް ޑޯޗްމަން އެމީހުންގެ ދަރިންނަށް ދިން ލޯތްބާއި އަޅާލުމެއް ނޭނގެ އެވެ. އޭނާ މަޝްހޫރުވެ އެންމެންނަށް އެނގުނީ އެޓްލާންޓާގެ ޗިލްރަންސް ހެލްތުކެއާގެ ފޭސްބުކް ޕޭޖްގައި ކުޑަކުޑަ ލޯގަން އުރާލައިގެން ޑޯޗްމަން އިން ފޮޓޯއެއް ޝާއިއުކުރުމުން އެ ފޮޓޯ ވައިރަލް ވުމުންނެވެ. އެެއާއެކު ހޮސްޕިޓަލުގައި ކުރިން އެމީހުންގެ ދަރިން އެޑްމިޓް ކުރި މައިންބަފައިންގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ ޑޯޗްމަން ކުރަމުންދާ ވޮލަންޓިއާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.