ސިޓީތަކުގައި އުޅޭ މީހުން ސްޓްރެސްއާ ދުރުވާނެ ގޮތެއް

ސިޓީތަކުގައި ފެހި ހުސް ޖާގަތައް ހުންނަ ނަމަ އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނެ ކަމަށް ޖަރުމަނުގެ ދިރާސާއަކުން ދައްކައިފި އެވެ.


ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އަޑުގަދަވުމާއި ވައި ނުސާފުވުމާއި ބައިބޯވުމުގެ ސަބަބުން، ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް ދިގު މުއްދަތަކަށް ސްޓްރެސް ތަހައްމަލްކުރަން ޖެހެ އެވެ. އެހެންކަމުން އެފަދަ މީހުންނަށް ޑިޕްރެޝަނާއި އެންޒައިޓީ އާއި ސްކިޓްޒޮފްރީނިއާ ފަދަ ނަފްސާނީ ބަލިތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑެވެ.

ބާލިންގައި ހުންނަ މެކްސް ޕްލެންކް އިންސްޓިޓިއުޓް ފޯ ހިއުމަން ޑިވެލޮޕްމެންޓްގެ ރިސާޗަރުންގެ ދިރާސާގައި ބަލާފައި ވަނީ ސްޓްރެސް އާއި ނުރައްކާތެރި ހާލަތްތަކަށް އިޖާބަދިނުމުގައި ސިކުނޑީގައި މުހިއްމު ދައުރެއް އަދާކުރާ ބައި، "އެމިގްޑާލާ" މަސައްކަތްކުރާ ގޮތެވެ. ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ވުރެ ސިޓީތަކުގައި ދިރިއުޅޭ މީހުންގެ "އެމިގްޑާލާ"ގެ ހަރަކާތްތެރިކަން ބޮޑުކަން ދިރާސާ އިން އެނގުނެވެ.

އެ މައުލޫމާތުގެ އަލީގައި ރިސާޗަރުން ވަނީ ސިޓީތަކުގައި އުޅޭ މީހުންނަށް އެ ސްޓްރެސްއާ ދުރަށް ދެވޭނީ ކޮން ކަހަލަ ކަންތައްތަކެއް މެދުވެރިކޮށްތޯ ބަލައިފަ އެވެ. އެގޮތުން، ޖަންގަލިތަކާއި ސިޓީ ތެރޭގައި ހުންނަ ފެހި މާހައުލުތަކާއި ހުސް ޖާގަތައް ފަދަ ގުދުރަތީ ތަންތަނާ ކައިރީގައި ދިރިއުޅޭ މީހުންގެ ސިކުނޑި، ސްޓްރެސްއާ މެދު އަމަލުކުރާ ގޮތް ދެނެގަތެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ސައިކޮލޮޖިސްޓް ޑރ. ސިމޯން ކޫން ވިދާޅުވިގޮތުގައި އެފަދަ މާހައުލުތަކުން ސްޓްރެސް އަށް އަސަރުފޯރާ ގޮތް ދެނެގަންނަން އެ ޓީމު ޝައުގުވެރިވީ، ދިރިއުޅޭ މާހައުލަކީ ސިކުނޑީގެ ސްޓްރަކްޗާ އާއި ސިކުނޑި މަސައްކަތްކުރާ ގޮތް ބައްޓަންކޮށްދޭ އެއްޗެއްކަން ދިރާސާ އިން ސާބިތުވެފައިވާތީ ކަމަށެވެ.

ސިޓީތަކުގައި އުޅޭ މީހުންގެ ތެރެއިން ޖަންގައްޔާ ކައިރި ހިސާބުތަކުގައި ގެ ހުންނަ މީހުންގެ ސިކުނޑީގެ "އެމިގްޑާލާ"ގެ ނަފްސާނީ ދުޅަހެޔޮކަން އެހެން މީހުންނަށް ވުރެ ބޮޑުކަމަށް ބެލެވޭ ކަންކަން ރިސާޗަރުންނަށް މި ދިރާސާ އިން ވަނީ ފާހަގަވެފަ އެވެ. އަދި އެހެންކަމުން، އެފަދަ މީހުންނަށް މާ ރަނގަޅަށް ސްޓްރެސް މެނޭޖުކުރެވޭނެ ކަމަށް ގަބޫލުކުރެވެ އެވެ.