ކުއްޖާގެ މައިބަދަ މި ރަނގަޅުކުރަނީ ރަހިމު ބޭރަށް ނެރެގެން

މައިބަދަ ރަނގަޅަށް ނުއުފެދޭ ކުދިންނަށް ފަރުވާދިނުމުގެ އާދަޔާޚިލާފު އޮޕަރޭޝަނެއް އެމެރިކާގެ ޑޮކްޓަރުންތަކެއް ކާމިޔާބުކަމާ އެކު ކުރަމުން އެބަ ގެންދެ އެވެ. މިއީ ކުއްޖާ އުފަންވުމުގެ ކުރިން މައިމީހާގެ ރަހިމު ހަށިގަނޑުން ބޭރަށް ނެރެގެން ކުރާ އޮޕަރޭޝަނެކެވެ.


މައިބަދައިގައި ހުސް ޖާގައެއް ހުންނަ ހާލަތެއް ކަމަށްވާ "ސްޕައިނާ ބިފީޑާ" އަކީ ކޮންމެ 100،000 ކުއްޖެއްގެ ތެރެއިން 24 ކުއްޖަކަށް ދިމާވާ ކަމެކެވެ. މި ބަލީގެ ސަބަބުން ނުހިނގުމާއި ސިކުނޑީގައި ފެން އުފެދުން އަދި ކުޑަކަމުދިޔުމުގައި އަމިއްލަ ބާރު ގެއްލުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. އިނގިރޭސިވިލާތުގައި މި ބަލީގެ 14،000 މީހުން ދިރިއުޅެ އެވެ.

ސްޕައިނާ ބިފީޑާ ރަނގަޅުކުރަން، ވިހެއުމުގެ ކުރިން ތުއްތުކުދިންގެ އޮޕަރޭޝަންތައް ކުރުމަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން އާއްމު ކަމެކެވެ. އެކަމަކު މައިމީހާގެ ބަނޑުގައި ކުއްޖާ އޮއްވާ މައިބަދަ ރަނގަޅުކުރުމަކީ އުނދަގޫ ކަމަކަށްވާ އިރު ރަހިމު ފަޅާލައިގެން އެކަން ކުރުމުން، ދުވަސް ނުފުރާ ވިހެއުމުގެ ނުރައްކާ އޮވެ އެވެ.

މިހާރު، ޓެކްސަސްގެ ހިއުސްޓަންގައި ހުންނަ ބޭލާ ކޮލެޖު އޮފް މެޑިސިންގެ ޑރ. މައިކަލް ބެލްފޯޓް ވަނީ ކުއްޖާގެ މައިބަދައިގައި އުފެދޭ ހުސް ތަން ބޮޑުވުމުގެ ކުރިން ރަހިމުގައި ކުއްޖާ ބާއްވައިގެން އެކަން ކުރެވޭނެ އާ ގޮތެއް އީޖާދުކުރައްވައިފަ އެވެ. މި ޓެކްނީކްގައި، ރަހިމު މައިމީހާއާ ވަކި ނުކުރި ނަމަވެސް އޭނާގެ ހަށިގަނޑުން ރަހިމު ބޭރުކޮށްގެން، އެއިން ފެން ހުސްކޮށް، އެތެރެ ދިއްލާލައިގެން ވަރަށް ކުޑަ ތަންކޮޅެއް ރަހިމުން ކަފާލައިގެން ކުއްޖާގެ އޮޕަރޭޝަންކުރެވެ އެވެ.

މީގެ ފުރަތަމަ ސާޖަރީތަކުގެ ތެރޭގައި މިދިޔަ މަހު ވަނީ ލެކްސީ ރޯޔާ، 28، ގެ ބަނޑަށް 24 ހަފްތާގައި އޭނާގެ ދަރިފުޅުގެ މައިބަދަ ރަނގަޅުކޮށްފަ އެވެ. އަޖުމަ ބެލުމުގެ މި ސާޖަރީގައި ރޯޔާ ބައިވެރިވީ ބޮޑެތި ނުކުޅެދުންތެރިކަމާ އެކު އުފަންވުމުގެ ކުރިން ދަރިފުޅު ވައްޓާލަން ލަފާ ލިބިފައިވަނިކޮށެވެ.

ހިއުސްޓަންގައި ހުންނަ ޓެކްސަސް ޗިލްޑްރެންސް ހޮސްޕިޓަލްގައި ކުރި ތިން ގަޑިއިރުގެ އޮޕަރޭޝަންގައި ރޯޔާގެ ބަނޑު ކަފާލުމަށް ފަހު، މުޅި ރަހިމު ނަގައި ހަށިގަނޑުން ބޭރަށް ގެންދިޔަ އެވެ. އަދި ރަހިމުން ކުޑަކުޑަ ދެ ތަންކޮޅު ކެފި އެވެ. އެއީ ރަހިމު ތެރެ ދިއްލާލައި، ވީޑިއޯކުރުމަށްޓަކައި ފީޓޮސްކޯޕެއް ލާން ހެދި ޖާގައަކާއި ސާޖަރީ ހަދަން ބޭނުންވާ އާލަތްތައް ލާން ހެދި ޖާގައެކެވެ.

ރަހިމު ތެރޭގައި ޑޮކްޓަރުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހެދުމަށާއި ކުއްޖާގެ މައިބަދަ ރަނގަޅަށް ފެންނާނެ ގޮތް ހެދުމަށް ކާބަންޑައިއޮކްސައިޑް ޕަމްކުކޮށްގެން ރަހިމު ވަނީ ފުއްޕާފަ އެވެ. އަދި ތުއްތުކުއްޖާގެ ގަޔަށް ހޭނައްތާ އިންޖެކްޝަނެއް ޖެހުމަށް ފަހު މައިބަދައިގައި ހަލާކުވެފައި ހުރި ތަން ރަނގަޅުކުރި އެވެ. އެއަށް ފަހު ޑޮކްޓަރުން ވަނީ ލޮނުފެނުން ރަހިމު އަލުން ފުރާލުމަށް ފަހު ރޯޔާގެ ހަށިގަނޑަށް ރަހިމު އަނބުރާ ލައިފަ އެވެ.

ރޯޔާ އަންނަ ޖެނުއަރީ މަހު ވިހާނެ އެވެ.

މި ފަރުވާ އީޖާދުކުރުމަށް ޑރ. ބެލްފޯޓް އާއި އޭނާގެ ޓީމުން ވަނީ ރަބަރު ބޯޅައެއްގެ ތެރެއަށް ބުދެއް ލައިގެން، ކަންބަޅީގައި އޮޕަރޭޝަންކޮށް ދެ އަހަރު ދުވަސް ވަންދެން ފަރިތަކޮށްފަ އެވެ. މައިބަދައިގެ ޓިޝޫ އަށް ދިމާވާ މައްސަލައާ އެއްގޮތް ކުރުމަށް ބުދުގައި ހުރީ ކުކުޅު ހަން އޮޅައިފަ އެވެ.

ތުއްތުކުއްޖާ މަރުނުވެ، މި އޮޕަރޭޝަން 28 ފަހަރު ކާމިޔާބުކުރުމަށް ފަހު މި ޓީމުގެ މަސައްކަތް މިހާރު ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފަ އެވެ. އޮޕަރޭޝަން ކުރި ކުދިންގެ ތެރެއިން، ސިކުނޑީގައި ފެން އުފެދިގެން ފެން ބޭރުކުރަން ފަރުވާދޭން ޖެހުނީ ވަރަށް މަދު ކުދިންތަކަކަށެވެ. އަދި ބައެއް މައިން ވިއްސަން ސިޒޭރިއަން ހަދާކަށް ވެސް ނުޖެހެ އެވެ.

ބެލްފޯޓް މިހާރު އަންނަނީ ސްޓެންފަޑް ޔުނިވަސިޓީގެ ޑޮކްޓަރުން ތަމްރީންކުރަން އެހީތެރިވަމުންނެވެ. އެކަމަކު ބައެއް ޑޮކްޓަރުން އިންޒާރުދޭ ގޮތުގައި މި އޮޕަރޭޝަންގައި ރަހިމަށް ކާބަންޑައިއޮކްސައިޑް ފޮނުވުމަކީ ކުއްޖާ އަށް ފަހުން ނިއުރޮލޮޖިކަލް މައްސަލަތަކެއް ދިމާވެދާނެ ކަމެކެވެ.