މަގުމަތިވި ކުއްޖަކަށް ފުލުހެއްގެ ނަމޫނާ ޚިދުމަތް

އެމެރިކާގައި ކުއްޖަކު ސްކޫލުން ގެޔަށް ގެންގޮސްދޭނެ މީހަކު ނުވެ ސްކޫލް ދޮރުމަތީގައި ހުއްޓާ ފުލުހަކު އެ ކުއްޖާއަށް އެހީވެ، އަދި އެއީ ކުއްޖާގެ އުފަން ދުވަސް ކަމަށް ވާތީ އެ ދުވަސް ފާހަގަކޮށްދީގެން އެންމެންގެ ހިތް އަތުލައިފި އެވެ.


ފުލުހުން ވަނީ މިކަން ހިނގައިދިޔަ ގޮތާއި އެ ކުއްޖާއަށް ދިމާވި ކަންތައްތައް ފުލުހުންގެ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ.

އެމެރިކާގެ ވިސްކޮންސިންގެ ސްކޫލެއްގެ ބޭރުގައި ކުޑަ ކުއްޖަކު ގެޔަށް ނުދެވިފައި ހުންނަތާ ވަރަށް ގިނައިރުވަންދެން ހުރިކަމުގެ ރިޕޯޓް އެ ވަގުތު ޑިއުޓީގައި ހުރި ޑެރީލް ރޮބިންސަން އަށް ލިބުމާއެކު އެ ދިމާލަށް މިސްރާބު ޖެހި އެވެ. މި ކުއްޖާގެ ބެލެނިވެރިޔާގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީކޮށްފައިވާ މީހާ ހުރީ އެ ވަގުތު ހައްޔަރުކޮށްފަ އެވެ. އެހެންވެ އެ ކުއްޖާ ބަލާ އަންނަން ގުޅާނެ އެއްވެސް އެހެން މީހެއްގެ ނަންބަރެއް އެ ސްކޫލްގެ ޓީޗަރުންގެ އަތަކު ނެތެވެ. އެހެންވެ ސްކޫލުން ފުލުހުންނަށް ގުޅީ އެވެ.

ރޮބިންސަން ގޮސް ކުއްޖާއާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އެނގުނު ގޮތުގައި އެއީ ކުއްޖާގެ އުފަން ދުވަހެވެ. އެހެންވެ ކުއްޖާއަށް ވަރަށް ޚާއްސަ މި ދުވަހު ކުއްޖާ އެކަނި ދޫކޮށްލާކަށް ރޮބިންސަން ބޭނުމެއް ނުވި އެވެ. އެހެންވެ އޭނާ ގޮވައިގެން އެތާ ކައިރީ ހުރި މެކްޑޮނަލްޑް ރެސްޓޯރަންޓަކަށް ގޮސް ކާން ދީގެން ފުލުހުންގެ ކާރުގައި ކުއްޖާ ގޮވައިގެން ރަށު ތެރޭގައި ބުރެއް ޖަހާލަ ދިނެވެ. އަދި ފަހުން ކުއްޖާގެ އާއިލާގެ މީހުންނާ ގުޅޭގޮތް ވުމުން އެމީހުން ތިބި ތަނަށް ކުއްޖާ ގެންގޮސްދިނީ އެވެ.

ޑެރީލް ރޮބިންސަން މި ކުއްޖާއާ ދޭތެރޭ ކަންތައް ކުރި ގޮތުން ސޯޝަލް މިޑިއާގައި ވެސް ވަރަށް ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.