ބާބީ ބުރުގާ އަޅައިފި

މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި، ބުރުގާ އަޅައިގެން ހުރެ އެމެރިކާ ތަމްސީލްކޮށްގެން މަޝްހޫރުކަން ހޯދި އެތުލީޓް އިބްތިހާޖް މުހައްމަދަށް ނިސްބަތްކޮށް، ބާބީ ޑޯލް ކުންފުނިން، ބުރުގާ އެޅި ބާބީ އުފައްދަން ފަށައިފި އެވެ.


ބާބީ ޑޯލް އުފައްދާ މަޓާލް ކުންފުނިން ބުނީ ބުރުގާ އެޅި ބާބީ، އަންނަ އޯޓަމްގައި ބާޒާރަށް ނެރޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ ބުރުގާ އެޅި ބާބީ އަކީ ހުރަސްތައް ގިރާކޮށް ކާމިޔާބީއާ ހަމަޔަށްދާ އަންހެނުންގެ ޝަރަފުގައި އުފައްދާ ބާބީތަކުގެ ތެރެއިން ބާބީއެއް ކަމަށެވެ.

މީގެ ކުރިން ވެސް މަޓާލް އިން ވަނީ ކާމިޔާބު އެކި އަންހެނުންނަށް ނިސްބަތްކޮށް ބާބީ އުފައްދައިފަ އެވެ. އެކަމަކު މިއީ ބުރުގާ އެޅި ބާބީއެއް ހެދި ފުރަތަމަ ފަހަރެވެ.

ބުރުގާ އެޅި ބާބީ

މި ބާބީ ދައްކާލުމަށް ފަހު އިބްތިހާޖު ކުރި ޓްވީޓެއްގައި ބުނީ ބުރުގާ އެޅި ބާބީއެއް، ކުޅޭ އެއްޗެއްގެ ގޮތުގައި ކުޑަ ކުދިންނަށް ލިބޭނެ ގޮތް ވީތީ ފަހުރުވެރިވާ ކަމަށެވެ.

މީގެ ކުރިން، 2014 ވަނަ އަހަރު ބާބީއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، ބުރުގާ އެޅި ބާބީތަކެއް ހަދައި ނީލަން ކިޔާފައިވެ އެވެ. އެކަމަކު މިފަހަރު މިއީ ބުރުގާ އެޅި ބާބީ އާންމުކޮށް އުފައްދަން ފެށުމެވެ.

އިބްތިހާޖަކީ އޮލިމްޕިކްސްގައި ބައިވެރިވި އެމެރިކާގެ ފެންސިން ޓީމުގެ މެންބަރެކެވެ. އޭނާ ވެގެން ދިޔައީ ބުރުގާ އަޅައިގެން ހުރެ އޮލިމްޕިކްސްގައި އެމެރިކާ ތަމްސީލުކުރި ފުރަތަމަ އެތުލީޓަށެވެ. އޭނާ ވަނީ 2016 ގެ ރިއޯ ގޭމްސްގައި ބްރޯންޒް މެޑަލް ހޯދައިފަ އެވެ.