އެންޖެލީނާ ޖޮލީއަަށް ވާން އުޅެނިކޮށް ވީ ޒޮމްބީއަކަށް

ފުރާވަރުގެ އަންހެންކުއްޖަކު އޭނާގެ އައިޑަލް ކަމަށްވާ އެންޖެލީނާ ޖޮލީ އަށް ވާން 50 ސާޖަރީ ހެދި ކަމަށް ބުނާ ޚަބަރެއް މި ދުވަސްވަރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. އެކަމަކު މިއީ އަދި މުޅިން ކަށަވަރު ނުވާ ވާހަކައެކެވެ. އެކަމަކު ބޮޑަށް ބެލެވެނީ ތެދެއް ކަމަށެވެ.


އިރާންގެ 19 އަހަރުގެ ސަހަރް ތާބަރް ބުނެފައިވާ ގޮތުގައި އޭނާ އަކީ ޖޮލީގެ އެންމެ ބޮޑު ފޭނެވެ. އަދި ޖޮލީއާ ސިފަ އެއްގޮތްކުރަން ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރެވެ.

ބެލްޖިއަން ވެބްސައިޓް ސަޑް އިންފޯ އިން ބުނި ގޮތުގައި ސަހަރް މިހާތަނަށް ވަނީ 50 އަށް ވުރެ ގިނަ ސާޖަރީ ހަދައިފަ އެވެ. ނަމަވެސް މިކަން ރަސްމީ ސިފައެއްގައި ޔަގީން ކުރެވިފައެއް ނުވެ އެވެ. އެހެންވެ އޭނާގެ ފޮޓޯތައް ފެނުނު ބައެއް މީހުން ބުނަނީ މިއީ މޭކަޕާއި ޕްރޮސްތެޓިކްސް ބޭނުންކޮށްގެން އޭނާ ޖައްސާފައި ހުރި ސިފައަކަށް ވެދާނެ ކަމަށެވެ.

"ސްޓްރޯންގް ސިސްޓާ"ގެ ނަމުން އަމިއްލައަށް މުޚާތަބުކުރާ ސަހަރް ފޮލޯކުރާ 310،000 މީހުން އިންސްޓަގްރާމްގައި އެބަތިއްބެވެ. އެމީހުންނަށް ސަހަރް ބުނެފައިވާ ގޮތުގައި ޖޮލީގެ ހަށިގަނޑު ހުންނަ ގޮތަށް އޭނާގެ ހަށިގަނޑު ބަދަލުކުރުމަށްޓަކައި ޑައިޓްކޮށްގެން ހަށިގަނޑުގެ ބަރުދަން 40 ކިލޯގައި ހުންނަނީ ހިފަހައްޓައިފަ އެވެ. ސަހަރްގެ އިސްކޮޅުގައި ހުންނަނީ 4.8 ފޫޓު ކަމަށް ވާތީ މިއީ އޭނާގެ އިސްކޮޅާ ބަލާއިރު ބިރުގަންނަ ވަރުގެ ލުއި މިންވަރެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޖޮލީ އަށް ވާން ސަހަރް ހެދި 50 ސާޖަރީން ޖޮލީގެ ތުންފަތް ކަހަލަ ތުންފަތަކާއި އޭނާގެ އިންނަ ކަހަލަ ކޯތާފަތެއް ލިބުނުއިރު އޭނާގެ މޫނުމަތި މިހާރު ހުރީ ވަރަށް ބިރުވެރި ސިފަޔަކަށެވެ.

އޭނާގެ ފޮޓޯތަކަށް ކޮމެންޓްކުރާ ބައެއް މީހުން އޭނާއަށް މަލާމަތް ކުރަމުން ބުނެފައިވަނީ މިހާރު ވައްތަރީ ޓީމް ބާޓަންގެ ފިލްމު "ދަ ކޯޕްސް ބްރައިޑް"ގެ ބަތަލާ ހެން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ "ޒޮމްބީ" އަކާ ވައްތަރު ކަމަށެވެ. އެއްވެސް މީހަކު އޭނާގެ އަމިއްލަ ނަފްސަށް މިފަދަ ކަމެއް ކުރަންވީ ކީއްވެކަން ނޭނގޭ ކަމަށް ސަހަރްގެ ފޮޓޯތަކަށް ކޮމެންޓްކުރި އެހެން މީހަކު ބުނެފައިވެ އެވެ.

ސަހަރް ނޫނަސް މިއީ މަދުން ނަމަވެސް މީހުން މިހާރު ކުރަމުންދާ ކަންތައް ތަކެވެ. އެގޮތުން ބްރެޒީލްގެ ރޮޑްރިގޯ އަލްވޭސް ކިޔާ ފިރިހެނަކު "ހިއުމަން ކެން ޑޯލް" އަކަށް ބަދަލުވުމަށް ވަރަށް ގިނަ ސާޖަރީތައް ހަދާފައި ވެއެވެ. އަދި 33 އަހަރުގެ ފްލައިޓް އެޓެންޑެންޓަކު ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް މިލިއަން ޑޮލަރު ޚަރަދުކުރި އެވެ.