ސެމްސަންގުން ފޯނުތަކުގެ ޖާގަ ބޮޑުކުރަނީ

ހޯދަން ބޭނުންވަނީ އިންޓާނަލް ސްޓޯރޭޖް ކިހާ ވަރެއްގެ ފޯނެއް ހެއްޔެވެ؟ ޖާގަ ބޮޑުވި ވަރެއް ރަނގަޅު ދޯ އެވެ. ސްމާޓްފޯން މަސްރަހުގައި، އިންޓާނަލް ސްޓޯރޭޖް ކުޑަ ފޯނުތަކަށް މަޝްހޫރުކަމެއް މިހާރަކު ނެތެވެ.


މާކެޓުން ގަންނަން ލިބެން ހުރި ފޯނުތަކަށް ބަލާއިރު، 16ޖީބީ ފޯނެއް ހޯދަން މީހަކު ބޭނުންވާނެ ކަމަކަށް ނުފެނެ އެވެ. ސަބަބަކީ، ޖާގަ ބޮޑު ފޯނުތައް، ފަރަގު ކުޑަ އަގުތަކުގައި، ލިބެން ހުރުމެވެ. ބެލެވޭ ގޮތުގައި ކުންފުނިތަކުން 16ޖބީ ފޯނުތައް އުފައްދާ މިންވަރު ދަށްކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސްމާޓްފޯނުތަކުގެ އިންޓާނަލް ސްޓޯރޭޖް ބޮޑުކުރުމަށް ސެމްސަންގުން މަސައްކަތް ފަށައިފި އެވެ. ނަތީޖާއަކަށް ވާނެ ކަމަށް ބެލެވެނީ ލަސްތަކެއް ނުވެ 512ޖީބީ ފޯނުތައް ގަންނަން ލިބުމެވެ. އެކަމަށް ބޭނުންވާ ސްޓޯރޭޖް މޮޑިއުލްތައް ގަނޑުކޮށް އުފެއްދުމަށް ސެމްސަންގުން ބުރަކޮށް މަސައްކަތް އެބަ ކުރެ އެވެ.

ފޯނުތަކުގެ ސްޓޯރޭޖް ބޮޑުކުރަން ސެމްސަންގުން މަސައްކަތްކުރަނީ ހަމައެކަނި ގެލަކްސީ ފޯނުތަކަށް އަމާޒުކޮށެއް ނޫނެވެ. އެ ވިޔަފާރި އަށް ވާދަވެރިން ޝައުގުވެރިކުރުމަށް ވެސް މެ އެވެ. އެހެންވެ، ސްޓޯރޭޖް ބޮޑުކުރަން ބޭނުންވާ ޗިޕްތައް ސެމްސަންގުން އުފައްދައި އެހެން ކުންފުނިތަކަށް ވިއްކާނެ އެވެ. އެހެންކަމުން، ފޯނުތަކުން ބޭރުވެ، އެސްއެސްޑީ، މައިކްރޮ އެސްޑީ ކާޑް އަދި ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްތަކަށް ޖާގައިގެ ފުރިހަމަކަން އަންނާނެ އެވެ.