ފޮޓޯއަށް ދިރުން ގެންނަނީ

އެމީހެއްގެ އިހުސާސްތައް ފޮޓޯތަކުން ހާމަކޮށްދިނުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން މަދެއްނޫނެވެ. އެކަމަކު ފޮޓޯއަކީ މިހާތަނަށް އައި އިރުވެސް ދިރުމެއްވާ އެއްޗެއް ނޫނެވެ. ދިރޭ ފޮޓޯ ހެރީ ޕޮޓަ ވާހަކަ އާއި ފިލްމުން ފެނުނަސް އެއީ ވާނެކަމެއް ނޫން ކަމަށް އަހަރެމެން ތިބީ ގަބޫލުކޮށްގެންނެވެ.


ނަމަވެސް ޓެލްއަވީވް ޔުނިވާސިޓީގެ ކޮމްޕިޔުޓަ ސައިންޓިސްޓުންގެ ޓީމަކާއި ފޭސްބުކް ގުޅިގެން ދާދި ފަހުން ކުރި ދިރާސާއެއްގައި މިއީ ކުރެވިދާނެ ކަމެއް ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.

އެސޯސިއެޓް ފޯ ކޮމްޕިޔުޓަ މިޝިނަރީ ޖާނަލްގެ މިދިޔަ މަހުގެ 20 ގެ އަދަދުގައި ޝާއިއުކުރި ދިރާސާގައިވާ ގޮތުން ފޮޓޯއަށް ދިރުން ގެނުވާނީ އަސްލު ފޮޓޯއަކާއި އެކްޓަރެއްގެ ވީޑިއޯ އެއްކޮށްގެންނެވެ. ފޮޓޯގައިވާ މީހާގެ މޫނަށް އެކްޓަރުގެ މޫނުމަތީގެ ހަރަކާތްތައް ގެނެސް ގުޅުވާލުމުން ފޮޓޯގައިވާ މީހާގެ މޫނުމައްޗަށް އަންނަ އަސަރުތަކާއި ކުލަވަރުތަކަކީ ހަގީގީ ކުލަވަރުތަކެއް ކަމަށް ދައްކައެވެ. ދަތްޕިލައިގެ ކުޑަ މިންވަރެއް ވިޔަސް ފޮޓޯގައި ފެންނަން ނެތަސް ދިރޭ ފޮޓޯއިން ދަތްޕިލަ ފާޅު ވެސް ވެދާނެއެވެ. ބަލާ މީހަކަށް ހަމަ ކުޑަވެސް ޝައްކެއް ނުވާހާ ފުރިހަމައަށެވެ.

މި ދިރާސާ ފުރިހަމަކުރުމަށްޓަކައި 30 މީހަކަށް މީގެ ދިރޭ ފޮޓޯ ދެއްކިއެވެ. ދިރާސާގައި ބައިވެރިވި މީހުންގެ 46 ޕަސެންޓް ދެކޭ ގޮތުގައި ދިރޭ ފޮޓޯއިން ފެނުނީ ހަގީގީ މަންޒަރެކެވެ. އޭގައި އެއްވެސް ބަދަލެއް ނެތެވެ.

ސައިންޓިސްޓުންގެ ޓީމުން ލަފާކުރާ ގޮތުގައި މި ޓެކްނޮލޮޖީއަކީ މުސްތަގުބަލުގައި ފޭސްބުކް ޕްރޮފައިލް ފޮޓޯތަކުގައި ބޭނުންކުރެވިދާނެ ޓެކްނޮލޮޖީއެކެވެ. ފޮޓޯއަށް މީހަކު "ލައިކު" ދިނުމުން ފޮޓޯގައި އިން މީހާ ހީނލަފާނެއެވެ. ނޫންނަމަ ދޭ އެހެން ކޮމެންޓަކުން އެއާ ގުޅޭ އެހެން އަސަރެއް މޫނުމަތިން ދައްކަފާނެއެވެ.