ބުލީގެ ޝިކާރައަކަށްވި ކުއްޖެއްގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް

އެމެރިކާ ކުއްޖަކު، ސްކޫލްގައި އޭނާއަށް ކުރިމަތިވާ ބުލީ ކުރުމުގެ މައްސަލަތައް މަންމަައަށް ކިޔައިދޭ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި ހޮލީވުޑް ސެލެބްރިޓީންނާއި މިއުޒިކް އާޓިސްޓުން އަދި ކުޅިވަރުތައް ތަރިން ވެސް އެ ކުއްޖާއަށް ތާއީދުކޮށް ވާހަކަ ދައްކައިފި އެވެ.


ކީޓަން ޖޯންސް ނަމަކަށް ކިޔާ ކުއްޖާގެ މަންމަ މިދިޔަ ހުކުރު ދުވަހު މި ވީޑިއޯ ޕޯސްޓްކުރީ އޭނާގެ ފޭސްބުކް ޕޭޖްގަ އެެވެ. އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ހުރީ ބިރުން، މެންދުރު ކާން ވެސް ނުގޮހެވެ.

މި ވީޑިއޯ މިހާތަނަށް 22 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ. އަދި 430،000 ފަހަރު ޝެއާކޮށްފައިވެ އެވެ.

"މަޖަލަކަށް ކަމަށް ހަދާފައި ކީއްވެތަ އެމީހުން ބުލީ ކުރަނީ؟ އެއީ ކީއްކުރަން ކުރާ ކަމެއްތަ؟ ކުށެއްނެތް މީހުންނާ ދިމާކޮށްލައިގެން އެމީހުންނަށް ލިބެނީ ކޮން އުފަލެއްތަ؟ އަބަދުވެސް މަލާމާތްކޮށް ލަދުގަންނަވާލާނެ ގޮތްތައް އެމީހުން ހޯދަނީ ކީއްވެތަ؟ އެއީ ކުރަން ރަނގަޅު ކަމެއް ނޫނޭ،" އެ ވީޑިއޯގައި ޖޯންސް އޭނާގެ މަންމަ ކައިރީގައި ރޮމުން ކިޔަ އެވެ.

ޖޯންސް އޭނާއަށް ދިމާވި ބުލީކުރުމުގެ ކަންތައްތައް ކިޔައިދެނީ

"އެމީހުން އަހަރެންގެ ނޭފަތް އިންނަ ގޮތަށް ވެސް މަލާމާތް ކުރޭ. އެމީހުން އަހަންނާ ދިމާލަށް ހާދަ ހުތުރޭ ވެސް ގޮވާ. އަހަރެންގެ އެއްވެސް އެކުވެރިޔަކު ވެސް ނެތޭ ބުނޭ. އެމީހުން އަހަރެންގެ ގަޔަށް ކިރު ޕެކެޓް އޮއްސައި ކާން ގެންގުޅޭ މަސްކޮޅު ވެސް ހެދުން ތެރެއަށް ވައްޓާލައި އަދި ޕާންފޮތި ވެސް އެއްލައިލާނެ،" ޖޯންސް ބުންޏެވެ.

ޖޯންސް ބުނި ގޮތުގައި ބުލީކުރާ ކުދިން އެ ކުރާ ކަންތައް އެ ކުދިންނަށް ދިމާވެއްޖެ ނަމަ އެ މީހުން ވެސް ދެރަވާނެ އެވެ. އޭނާ ބުނަނީ ކިތަންމެ ވަރަކަށް ދިމާކޮށް މަލާމާތް ކުރިޔަސް ހިތްވަރުގަދަކޮށްފައި އަޅާނުލައި ހުރެފި ނަމަ ފަހަރެއްގައި ކާމިޔާބު ވެދާނެ އެވެ.

ޖޯންސް އުންމީދު ކުރި ދުވަސް، ހީކުރި ވަރަށް ވުރެ މާ އަވަހަށް އައީ ކަމަށް ބެލެވެ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުން އަންނަނީ ޖޯންސް އަށް ތާއީދުކޮށް ހިތްވަރު ދެމުންނެވެ.