އެޗްއެންޑްއެމްގެ ސްވެޓަރެއްގެ މައްސަލާގައި ދަ ވީކެންޑް ރުޅިގަދަވެއްޖެ

ސްވިޑްންގެ މަޝްހޫރު އަންނައުނު ކުންފުނި އެޗްއެންޑްއެމް އިން އެ ކުންފުނީގެ ފަހުގެ ސްވެޓަރުތަކެއް އިޝްތިހާރު ކުރަން އާންމު ކުރި ފޮޓޯއެއްގައި ކަޅު ފިރިހެން ކުއްޖަކު ލައްވާފައިވާ ސްވެޓަރެއްގައި އިން ލިޔުންކޮޅަކާ ހެދި ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް ރުޅިގަދަވެ އެ ކުންފުންޏާ އެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެފި އެވެ.


ދަ ވީކެންޑަކީ އެޗް އެންޑް އެމްގެ އުފެއްދުންތައް އިޝްތިހާރުކޮށްދޭ ބައެކެވެ.

ނަސްލީ ތަފާތު ކުރުން އަދިވެސް ބޮޑު މި ޒަމާނުގައި އެޗް އެންޑް އެމުން އާންމުކުރި ފޮޓޯގައި އިން ކުއްޖާ ލައިގެން ހުރި ސްވެޓަރުގެ މޭމަތިގައި ޖަހާފައި އިނީ "ދަ ކޫލެސްޓް މަންކީ އިން ދަ ޖަންގަލް" އެވެ.

މިކަމާ ގުޅިގެން ވީކެންޑް ރުޅި ގަދަވެ ކުރި ޓްވީޓެއްގައި ބުނީ އެޗްއެންޑްއެމްގެ މި އަމަލާ ހެދި ވަރަށް ބޮޑު ހައިރާން ކަމެއް ލިބިފައިވާ ކަމަށާއި އެ ކުންފުންޏާ އެކު ދެން މަސައްކަތް ވެސް ނުކުރާނެ ކަމަށެވެ.

ދަ ވީކެންޑްގެ ޓްވީޓް.

އެޗްއެންޑްއެމް އިން މިހާރު ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ "އެއީ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވެ ކަމެއް" ކަމަށެވެ. އެހެންވެ ދެން އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީކަން ވެސް ދީފައިވެ އެވެ.

"މިކަމާ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހި ރުޅިގަދަވެފައިވާކަން އަހަރެމެން ގަބޫލު ގަބޫލުކުރަން. އަދި މައާފަށް ވެސް އެދެން،" ބަޔާނުގައި ބުންޏެވެ. "އެ ލިޔުންކޮޅު ހުރި އުފެއްދުންތައް މާކެޓުން އެއްކޮށް ނެގުމަށް ވެސް މިހާރު ނިންމައިފިން."

"ކޫލެސްޓް މަންކީ އިން ދަ ޖަންގަލް" ޖަހާފައި ހުރި ސްވެޓަރުތައް އެކި ކަންކޮޅުތަކުގައި ހުރި ފިހާރަތަކުން ނެގުމަށް އެންގި ނަމަވެސް، އޮންލައިންކޮށް އެ ސްވެޓަރު އަދިވެސް ލިބޭ ކަމަށްވެ އެވެ. ނަމަވެސް އިޝްތިހާރު ކުރަން އާންމު ކުރި ފޮޓޯ ވަނީ ގިނަ ޕޯޓަލްތަކުން ނަގައިފަ އެވެ.