ބަލިވެއިނުމުން މި މީހާއަށް މީރުވެގެން ކެއީ ޗޯކު

އަންހެންދަރިފުޅުގެ ކޮޓަރި ސާފުކުރަނިކޮށް ރެބެކާ އެޑިމޯރާ އަށް ޗޯކު ޕެކެޓެއް ފެނުނެވެ. އެ ޗޯކުތައް ފެނުމުން އޭނާގެ ހިތަށް އެރީ ރީތި މަންޒަރެއް ކުރަހާ ކުލަޖައްސާލާކަށް ނޫނެވެ. އޭނާ އަށް އެ ވީ ސްނެކަކަށެވެ.


ރެބެކާ، 25، ޗޯކު ކެއުމަށް ދެވި ހިފީ އެ ދުވަހުން ފެށިގެންނެވެ. އޭރު އޭނާ އިނީ ދެ ވަނަ ދަރިފުޅަށް ބަލިވެ އެވެ. މީގެ 10 ވަރަކަށް ހަފުތާ ކުރިން ރެބެކާ ވަނީ ދެ ވަނަ ދަރިފުޅު ރޫބެން ވިހާފަ އެވެ.

ރެބެކާ ބުނީ ފުރަތަމަ ދަރިފުޅު އާލިޔާ އަށް ބަނޑުބޮޑުއިރު އޭނާ ކާހިތްވީ ޓޮއިލެޓް ޕޭޕަރު ކަމަށެވެ. އެހެންވެ ދެ ވަނަ ފަހަރަށް ވެސް ކޮންމެވެސް އެއްޗެއް ކާހިތްވާނެކަމަށް ހީކޮށްގެން ހުރި ނަމަވެސް ޗޯކު ކާހިތްވެދާނެކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

"މިހެން ބުނީމަ ބައެއް މީހުންނަށް ގަބޫލުކުރަން ވެސް ދަތިވާނެ. ނަމަވެސް ޗޯކު ކާހިތްވީމަ އަހަންނަށް ކޮންޓްރޯލެއް ވެސް ނުކުރެވޭ،' ރެބެކާ ބުންޏެވެ.

"ބަނޑަށް 16 ހަފުތާގައި ހެނދުނު ހޮޑުލެވޭ މައްސަލަ ވެސް ކެނޑިއްޖެ. އެހިސާބުން ދެން ވީ އާލިއާގެ ކުލަ ޗޯކުފޮށިން ޗޯކު ކާ ހިތް. އެންމެ ފުރަތަމަ އަހަރެން ޗޯކެއްގައި ދޫޖައްސާލާފައި ރަހަ ބަލާލުމުން ވެސް ހިތަށް އަޖައިބެއް ކަހަލަ އުފަލެއް ލިބުނު. އަހަރެންނަށް ވިސްނާލެވުނުއިރު ވެސް އަހަރެން ހުރީ ޗޯކު ހަފައިގެން ކާން،" އޭނާ ބުންޏެވެ.

ޗޯކު ކަމުންދާއިރު އެ އިވޭ މުރަނަ އެއްޗެތި ހަފާއިރު އިވޭ ކަހަލަ އަޑާއި އޭތި އަނގައިގެ ތެރޭގައި ހުންނައިރު ވަރަށް ހިތްހަމަޖެހޭ ކަހަލަ ގޮތްތަކެއްވޭ. އަދި އިތުރަށް ކާހިތްވޭ،" ރެބެކާ ބުންޏެވެ.

ނަމަވެސް ދަރިފުޅުގެ ކުލަ ޗޯކުތައް ކައި ހުސްކުރާކަށް ރެބެކާ ބޭނުމެއް ނުވި އެވެ. އެހެންވެ ހުދުކުލައިގެ ޗޯކު ގަނެގެން ކާން ފެށި އެވެ. އޭގެ ފަހުން ދުވާލަކު މަދުވެގެން ދެ ޗޯކު ކައިނުލާ އޭނާ ހިތްހަމަނުޖެހޭ ކަމަށް ބުންޏެވެ.

ދުވަހެއް ދުވަހަކަށް ރެބެކާގެ މި ދެވިހިފުން ގޯސްވެ އެންމެ ފަހުން އެހެން މީހުން ޗޯކު ކަނިކޮށް ފެންނަ ޔޫޓިއުބް ވީޑިއޯތައް ބެލުމުގައި ވެސް އޭނާ ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރަން ފެށި އެވެ. އަދި މިކަމާ ގުޅިގެން ކުރިޔަށް ވުރެ މާގިނައިން އޭނާއަށް ޗޯކު ކެވެން ފެށި އެވެ.

އިންގްލެންޑްގެ އޯލްހެމްގައި ދިރިއުޅޭ ރެބެކާ ބުނީ ވީޑިއޯ ބަލަމުން ޗޯކު ކެއުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ. މިއީ ކާން ރަނގަޅު އެއްޗެއް ނޫންކަން އެނގިގެން ރެބެކާ މިކަން ހުއްޓުވޭތޯ ވެސް ވަރަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މިކަން ދިޔައީ ގޯސް ވަމުންނެވެ.

"ދެ ތިން ގަޑިއިރު ޗޯކު ކޮޅެއް ނުކައި ހުއްޓަސް އަހަރެން ވަރަށް ހިތްހަމަނުޖެހޭ. ކާއެއްޗެއް ނުލިބުނަސް ޗޯކުކޮޅެއް ކާން ލިބިއްޖިއްޔާ އަހަންނަށް ނިމުނީ،" އޭނާ ބުންޏެވެ.

ރެބެކާ ޗޯކު ކާ ވާހަކަ އޭނާގެ ފިރިމީހާ ގާތު ބުނުމުން އޭނާ އަކީ މޮޔައެއް ކަމަށް ބުނި ކަމަށް ވެއެވެ.

ޗޯކު ކިތަންމެ މީރަސް ބަނޑުގައި އޮތް ދަރިފުޅަށް އެކަމުން ލިބިދާނެ ގެއްލުމަކާ މެދު ވެސް ރެބެކާ ވިސްނި އެވެ. އެހެންވެ ބައެއް ފަހަރަށް ޗޯކު ރަނގަޅަށް ހަފާ ހިމުން ވުމުން ދިރުވާނުލައި ބޭރަށް އުކާލަ އެވެ.

ރެބެކާ ޗޯކު ކާ ވާހަކަ އެކުވެރިންނާ ހިއްސާ ކުރުމުން އެއީ ޕައިކާ ކިޔާ މައްސަލައަކަށް ވެދާނެކަމަށް އެމީހުން ބުންޏެވެ. ޕައިކާ އަކީ ހަށީގަނޑުގައި ބައެއް ވައްތަރުގެ މިނަރަލްސް މަދުވުމުން ދިމާވާ މައްސަލަ އެކެވެ.

"ބަނޑަށް 32 ހަފުތާ ވުމުން އަހަރެން ފޫޅުމައި މީހާ ގާތު ބުނެފިން ޗޯކު ކާ ވާހަކަ. އެމީހުން އަހަރެންގެ ލޭ ޓެސްޓްކޮށްފައި ބުނީ ދަގަނޑުގެ ބައި ވަރަށް މަދޭ. އަދި އެކަން ރަނގަޅުކުރަން ބޭސް ދިން. އެކަމަކުވެސް ޗޯކުކާހިތްވުން ކުޑައެއް ނުވި،" ރެބެކާ ބުންޏެވެ.

ރެބެކާގެ ދައްތަ ބަލިވެ އިނދެގެން އުޅުނުއިރު ކެއީ އިސްޕެންޖެވެ. މިއީ އާއިލީ ގޮތުން ވާރުތަވަމުން އައި ކަމެއްކަން އެމީހުންނަށް ޔަގީންވި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ރެބެކާ ވަނީ ވިހާފަ އެވެ. ވިހަންވަންދެން ވެސް އޭނާ ޗޯކު ކައިފައިވެ އެވެ. ނަމަވެސް ވިހޭތާ މަހެއް ފަހުން އޭނާ ޗޯކު ކޮޅެއް ރަހަ ބަލާލުމުން އަނގައިގެ ތެރޭގައި ލީ ވަރަށް ނުބައި ރަހައެކެވެ. އެހިސާބުން އޭނާ އަށް ޗޯކު ނުބައިވެއްޖެ އެވެ.

"އަހަންނަށް ކިރިޔާ ހޮޑުނުލެވުނީ. ހީވީ ކޮންކްރީޓްގަނޑެއް ކާލެވުނުހެން،" ރެބެކާ ބުންޏެވެ.

ރެބެކާ ބުނި ގޮތުގައި އާންމުކޮށް ކާން ބޭނުންކުރާ އެއްޗެހި ނޫން އެއްޗެއް ބަނޑުބޮޑުއިރު ކާހިތްވާ ނަމަ އެމީހަކު ދައްކާ ޑޮކްޓަރަކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭނެ އެވެ.

"ނަސީބަކުން އަހަރެންގެ ދަރިފުޅުގެ ސިއްހަތު މުޅިން ރަނގަޅު. ނަމަވެސް ކެވޭ އެއްޗަކުން ދަރިފުޅުގެ ހަށިގަނޑުގައި އައިބެއް ލުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވެ އެކަމާ މެދު ވިސްނަން ޖެހޭނެ،" ރެބެކާ ބުންޏެވެ.