ރަނގަޅަށް ނިދުމުން ރަނގަޅު ކާނާއަށް މަގުފަހިވޭ

ރޭގަނޑުގެ ހަމަ ނިދި ލިބުމަކީ ރަނގަޅު ކާނާ ކެއުމަށް ބާރު ލިބޭ ކަމެއްކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.


ކިންގްސް ކޮލެޖް ލަންޑަނުން ކުރި ދިރާސާގައި ވަނީ ރޭގަނޑު އެކަށީގެންވާ ވަރަށް ނުނިދާ ބަޔަކު ކަނޑައެޅިފައިވާ މިންވަރަށް ނިދަން ފެށުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައިފަ އެވެ. އަދި ނިއުޓްރިއަންޓް ލިބޭ ކާނާ ކާ މިންވަރުން ނިންޖަށް އަންނަ ބަދަލުތައް ވެސް ބެލި އެވެ.

ނަތީޖާ ދެއްކި ގޮތުގައި ކަނޑައެޅިފައިވާ މިންވަރަށް ނިދުމުން، ހަކުރު އެކުލެވޭ ކެއުންތައް ކެއުން 10 ގްރާމް މަދުވި އެވެ. އަދި ނިދާ ގަޑި އިތުރުކުރި ގްރޫޕަށް ކާބޯހައިޑްރޭޓްސް އިތުރުކުރެވުނު މިންވަރު ވެސް މަދުވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.

ހަށިގަނޑަށް އެތެރެވި ހަކުރު ކަމަށް ބެލެވެނީ ހަކުރު، މާމުއި، ސިރަޕް އަދި މޭވާ ޖޫސް ފަދަ އެއްޗެހިން ތައްޔާރުކޮށްފައި ހުންނަ ކާނާ ބޭނުން ކުރުމަށެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން 21 މީހަކު ބައިވެރިކުރީ އިތުރަށް ނިދަން ޖެހޭ ގްރޫޕްގަ އެވެ. މި މީހުންނަށް އާންމުކޮށް ނިދާ ވަރަށް ވުރެ 1.5 ގަޑި އިތުރަށް ނިދަން ޖެހުނެވެ. ކޮންޓްރޯލް ގްރޫޕްގައި ހިމެނޭ 21 މީހަކު ކުރިން ނިދަމުން އައި ގޮތް ބަދަލެއް ނުކުރެ އެވެ.

ނަތީޖާ ދެއްކި ގޮތުން ނިދަންވީ ގޮތުގެ އިރުޝާދުތައް ދިން މީހުންގެ ތެރެއިން 86 ޕަސެންޓް މީހުން އެނދުގައި ހޭދަކުރި ވަގުތު އިތުރުވި އިރު ދެބައިކުޅަ އެއްބައި މީހުން ނިދާފައި އޮންނަ ވަގުތު 52 މިނިޓާއި 90 މިނިޓާ ދެމެދުގެ މިންވަރެއް އިތުރުވި އެވެ. ތިން ބައިވެރިޔަކަށް ކަނޑައެޅިފައިވާ މިންވަރަށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ގަޑިއަކަށް ނިދިފައިވެ އެވެ. ކޮންޓްރޯލް ގްރޫޕެއްގެ މީހުންނަކަށް ފާހަގަކުރެވޭ އެއްވެސް ބަދަލެއް ނާދެ އެވެ.

"މި ނަތީޖާއިން ދައްކަނީ ނިދަން އޮށޯވެ ހޭދަކުރާ ވަގުތު ގަޑިއެއްހާއިރު އިތުރުކޮށްލިޔަސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް މަގުފަހިވާ ކަމަށް. މިއިން ހެކިދެނީ ނިދަން އުނދަގޫވަނީ ކެވޭ އެއްޗެތީގެ ގޮތުންކަން. އަދި މިއީ ކުރިން ހޯދާފައިވާ ބައެއް ހޯދުންތަކުން ވެސް ނުކުމެފައިވާ ނަތީޖާއެއް،" ދިރާސާގައި އިސްކޮށް މަސއްކަތް ކުރެއްވި ހަޔާ އަލް ޚަތީބު ވިދާޅުވި އެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައިވާ މި ދިރާސާ ރިޕޯޓު ބުނާ ގޮތުން މިކަމާ ގުޅޭގޮތުން ދިގު މުއްދަތެއްގެ ދިރާސާއެއް ކުރަން ޖެހެ އެވެ.