ލޭގެ އެންމެ ޓެސްޓަކުން 8 ވައްތަރެއްގެ ކެންސަރު ދެެނެގަނެވިދާނެ

މެޑިސިންގެ ރޮނގުން ކުރިއަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅާ ދިމާލަށް ސައިންސްވެރިން ދަތުރުކޮށް، އޭގެ އަމާޒާ ހަމައަށް ވާސިލުވާން ކައިރިވެއްޖެ އެވެ. އެއީ ކެންސަރު ހުރިކަން ލޭގެ ޓެސްޓަކުން ދެނެގަނެވިދާނެކަމުގެ މުހިންމު ހޯދުމެވެ.


ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ އާންމުކޮށް ޖެހޭ 8 ވައްތަރެއްގެ ކެންސަރު ވަރަށް ފަސޭހައިން ދެނެގަނެވޭނެ ޓެސްޓެއް އީޖާދުކޮށްފަ އެވެ. ސައިންސްވެރިން ފަރުމާކުރި މި ޓެސްޓް އަހަރަކު އެއް ފަހަރު ހަދަން ޖެހެ އެވެ. ކެންސަރުގެ ވަރަށް ކުރީކޮޅު ބަލި ހުރިކަން އެ ޓެސްޓުން ދެނެގަނެވެ އެވެ. އޭރުން ބައްޔަށް އަވަހަށް ފަރުވާ ކުރެވި މުޅިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނަނީ މިއީ ވަރަށް މުހިންމު ހޯދުމެއް ކަމަށެވެ.

ނަމަވެސް މީގެ ތެރެއިން އެއް ސައިންސްވެރިއަކު ވިދާޅުވީ ޓެސްޓްގެ ބަރާބަރުކަން ކަށަވަރުކޮށް، ވީހާވެސް ކުރީކޮޅު ކެންސަރު ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

އާ ޓެސްޓުން ކެންސަރުގެ އަލާމާތްތައް ދެނެގަންނަނީ ޑީއެންއޭ އާއި ޕްރޮޓީންގެ ވަރަށް މަދު މިންވަރެއް ކެންސަރު ޓިއުމަރުން ލޭގެ ތެރެއަށް ފެތުރޭތީ އެވެ.

"ކެންސާސީކް" ނަމަކަށް ކިޔާ މި ޓެސްޓުން ބަލަނީ ކެންސަރު ޖެހުމުން އިތުރުވާ 16 ޖީންއަކަށް އަންނަ ބަދަލުތަކާއި މި ވައްތަރުގެ ޓިއުމަރުން އާންމުކޮށް ދޫކުރާ 8 ވައްތަރެއްގެ ޕްރޮޓީންއަށެވެ.

ތަހުލީލުތަކުން ވަނީ އޯވަރީ، ލިވާ، ބަނޑު، ޕެންކްރިއަސް، ކާއެއްޗެހި ދަތުރުކުރާ ހޮޅި، ބޮޑުގޮހޮރު، ފުއްޕާމޭ އަދި އުރަމައްޗަށް ޖެހޭ ކެންސަރު 1،005 މީހެއްގެ ހަށިގަނޑުން ހޯދައިފަ އެވެ. ނަސީބަކުން މި މީހުންގެ ކެންސަރު ހުރީ ވަރަށް ކުރީކޮޅުގައި ކަމަށް ވާތީ ހަށިގަނޑުގެ އެހެން ޓިޝޫތަކަށް ބަލި ފެތުރިފައެއް ނުވެ އެވެ. ޖުމްލަ ގޮތެއްގައި މި ޓެސްޓްތަކުގެ ޔަގީންކަން 70 ޕަސެންޓަށް އަރަ އެވެ.

މި ހޯދުމުގައި މަސައްކަތް ކުރެއްވި ޑރ. ކްރިސްޓިއަން ޓޮމަސޭޓީ ބީބީސީ އަށް ވިދާޅުވި ގޮތުގައި މި ރޮނގުން ވީހާވެސް އަވަހަކަށް ބަލި ދެނެގަނެވުން ވަރަށް މުހިއްމު ކަމަށެވެ.

"އަހަންނަށް ހީވަނީ މި ޓެސްޓް ކުރެވެން ފެށުމުން ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދާނެހެން،" އޭނާ ވިދާޅުވި އެވެ.

ކެންސަރު ހުރިކަން އެނގޭލެއް އަވަސްވި ވަރަކަށް ބަލި ފަސޭހަކުރަން އެހީތެރިކަން ލިބެ އެވެ.

މި ހޯދުމުގައި ތަހުލީލުކޮށްފައިވާ އަށް ވައްތަރެއްގެ ކެންސަރުގެ ތެރެެއިން ފަސް ވައްތަރަކީ މިހާތަނަށް ސްކްރީން ޕްރޮގްރާމްތައް ބާއްވައިގެން ކެންސަރު ހުރިތޯ ޓެސްޓް ކުރެވޭ ވައްތަރުތަކެއް ނޫނެވެ.

މި ޓެސްޓުން ބައެއް ފަހަރަށް ކެންސަރު ހުރީ ހަށިގަނޑުގެ ކޮން ހިސާބެއްގައި ހުރި ޓިޝޫތަކެއްގައި ކަން ވެސް އޮޅުން ފިލަ އެވެ. ނަމަވެސް ހުރިހާ ފަހަރަކު މިގޮތަކަށް ނޭނގެ އެވެ.

ޕެންކްރިއަޓިކް ކެންސަރަކީ ވަރަށް މަދު އަލާމާތްތަކެއް ނޫނީ ފެންނަ އެއްޗަކަށް ނުވާތީ ބަލިހުރިކަން ދެނެގަނެވޭ ފަސް މީހަކުން ހަތަރު މީހަކު އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވެ އެވެ.

އޮޕަރޭޝަން ކޮށްގެން ޓިއުމަރު ނަގައިގެން ފަސޭހަ ކުރެވޭ ވަރުގައި ހުއްޓާ ޓިއުމަރެއް އިންކަން އެނގުމަކީ ކެންސަރު ޖެހޭ މީހުން ސަލާމަތްކުރުމުގައި ރޭގަނޑާއި ދުވާލު ފަދަ ތަފާތެއް ފެންނާނެ ކަމެކެވެ.

ސައިންސްވެރިންގެ އުންމީދަކީ އުރަމަތީ ކެންސަރު ހުރިތޯ ބަލަން ހަދާ މެމޮގްރާމްސް އާއި ބޮޑުގޮހޮރުގެ ކެންސަރު ހުރިތޯ ބަލަން ހަދާ ކޮލޮނޮސްކޮޕީސް ކަހަލަ ޓެސްޓްތަކަށް މި ޓެސްޓުން އިތުރު ފުރިހަމަކަމެއް ލިބުމެވެ.