މޭގަން މާކަލްގެ ކައިވެނީގެ ހެދުން ފަރުމާ ކުރަނީ ކެނެޑާގެ ޑިޒައިނަރު ޖެސިކާ މުލްރޯނީ

އަންނަ މެއި މަހު ބާއްވާ އިނގިރޭސިވިލާތުގެ ޝާހީ ބޮޑު ކައިވެންޏަށް ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. ހާއްސަކޮށް އެ ހަފުލާ އަށް ފާރަލާ އަންހެންވެރިންނާއި މީޑިއާތަކުން އެންމެ ބޮޑަށް ކަޅި އަޅާ އެއް ކަމަކީ ޝާހީ ގަނޑުވަރަށް ވަންނަން ތައްޔާރުވާ ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހެދުމަށެވެ.


އޭނާގެ ކައިވެނީގެ ހެދުމާ ބެހޭ ގޮތުން ބަހުސްތަކެއް ކުރެވޭތާ ދުވަސްތަކެއް ފަހުން މިހާރު ވަނީ ހެދުން ފަރުމާ ކުރާ ޑިޒައިނަރަކީ ކާކުކަން އިއުލާންކޮށްފަ އެވެ. ޝާހީ ގަނޑުވަރުގެ ގާތް މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މޭގަން ކައިވެނީގެ ހެދުން ފަރުމާ ކުރަނީ މޭގަންގެ ސްޓައިލިސްޓެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކެނެޑާގެ މަޝްހޫރު ބްރައިޑަލް ސްޓައިލިސްޓް ޖެސިކާ މުލްރޯނީ އެވެ.

އަދި ހެދުމުގެ ކަންކަމާ ގުޅޭ ގޮތުން މޭގަން އާއި ޖެސިކާ ބައްދަލުކޮށް މިހާރު ވަނީ އެންމެ ފަހުގެ ނިންމުން ވެސް ނިންމާފައި ކަމަށްވެ އެވެ.

ޝާހީ ހަބަރުތައް ރިޕޯޓް ކުރާ އޮމިޑް ސްކޯބީ "ގުޑް މޯނިން އެމެރިކާ" އަށް ބުނި ގޮތުގައި މޭގަން ބޭނުން ވަނީ ކައިވެނީގެ ހެދުން އެހާ ގޮތްގަނޑު ބޮޑު ނުކޮށް ވީހާ ވެސް އާދައިގެ ގޮތަކަށް ފަރުމާ ކުރާށެވެ. ކައިވެނީގެ ހެދުމާ ބެހޭ ގޮތުން އޭނާ ބޭނުންވާ ގޮތް ވަރަށް ތަފުސީލުކޮށް، ޖެސިކާއާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ. އަދި ޕްރިންސް ހެރީ ވެސް ވަނީ މޭގަން ބޭނުންވާ ގޮތަށް ކައިވެނީގެ ތައްޔާރީތައްވުމުގެ ފުރުސަތު ދީފައި ކަމަށް އޮމިޑް ބުންޏެވެ.

ޕްރިންސް ހެރީ އާއި މޭގަން: ކައިވެނީގެ ހަފުލާ އޮންނާނީ މެއި 19 ގައި.

ރިޕޯޓްތައް ބުނާ ގޮތުގައި މެއި މަހުގެ 19 ގައި ބާއްވާ މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފުލާގައި ފްލާވާ ގާލްސްއިންގެ ގޮތުގައި ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އަންހެން ދަރިފުޅު ޕްރިންސެސް ޗާލޮޓް އާއި ޑިޒައިނަރު ޖެސިކާގެ އަންހެން ދަރިފުޅު އައިވީ ބައިވެރި ވާނެ އެވެ. އަދި ޕޭޖް ބޯއިގެ ގޮތުގައި ވިލިއަންގެ ދޮށީ ދަރިފުޅު ޕްރިންސް ޖޯޖް ބައިވެރި ވާނެ އެވެ.

ވިންޑްސާ ކާސްލްގެ ސެއިންޓް ޖޯޖް ޝެޕްގައި ބާއްވާ ކައިވެނީގެ ހަފުލާގައި ބައިވެރިވާ މަޝްހޫރު މީސްމީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަންހެނުން މިޝޭލް، ކެނެޑާގެ ބޮޑުވަޒީރު ކަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ އާއި މޭގަންގެ ގާތް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ޓެނިސް ތަރި ސެރީނާ ވިލިއަމްސް ހިމެނެ އެވެ. އަދި ހަފުލާގައި ޕަފޯމް ކުރާ ފަންނާނުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ އެޑް ޝީރަން ހިމެނެ އެވެ.