ދިވެއްސެއްގެ ނޫ ކަޅި: ކިހިނެއްވާ ކަމެއް؟

ދިވެހި ޒުވާން އަންހެނެއްގެ "އާދަޔާ ޚިލާފު" ލޮލަށް މީގެ އަހަރެއްހާ ދުވަސް ކުރިން ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ވިލު ނޫކުލައިގެ ދެ ލޮލުން ރާއްޖޭގެ ސާފު މޫދުތައް ސިފަވާ ކަމަށް ބުނެ އެތައް ހާސް ބަޔަކު ސޯޝަލް މީޑިއާގައި ތައުރީފުކުރި އެވެ. ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވި، ރައުދާ އާތިފްގެ މި ފޮޓޯ ނަގާފައި ވަނީ ދިވެހި ފޮޓޯގްރާފަރެއް ކަމަށްވާ ޝިފާޒް (ސޮއްޓި) އެވެ.


ވިލު ނޫކުލައިގެ ލޮލެއް އާންމުކޮށް ނުފެނެ އެވެ. އިންޑިޕެންޑެންޓް ނޫހުގައި މިކަމާ ބެހޭ ގޮތުން ސައިންސްވެރިންގެ ބަސް ގެނެސްދީފައިވެ އެވެ. މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކެމަރަން ޑަޔަޒް އާއި ލިއެނާޑޯ ޑިކެޕްރިއޯ ފަދަ ބައެއް މީހުންގެ ވެސް ހުންނަ ނޫކުލައިގެ ލޮލުގެ މާނަ އަކީ މިއުޓޭޓްވާން ފަށާފައިވާ ޖީންއެކެވެ. ސައިންސްވެރިން ބުނަނީ މިއީ މީގެ 7000 އަހަރު ކުރިން ސްޓޯން އޭޖްގައި މިއުޓޭޓްވާން ފަށާފައިވާ ޖީންއެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.

ރައުދާގެ ލޯ. -- ފޮޓޯ: ސޮއްޓި

ސައިންސްވެރިންނަށް 2006 ވަނަ އަހަރު ސްޕެއިންގެ ހޮހަޅައެއްގެ ތެރެއިން ފެނުނު، މީގެ އެތައް ހާސް އަހަރެއް ކުރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުގެ ދިރާސާތައް ހެދިއިރު އެއީ ނޫކުލައިގެ ކަޅިއެއް ހުރި މީހެއް ކަމަށް ވަނީ އެނގިފަ އެވެ. ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި މި މީހާގެ ލޮލުގެ ކަޅީގައި ހުރި ވިލު ކުލައިގެ އަސްލަކީ އެފްރިކާ ކަޅު ނަސްލުގެ މީހުންގެ ހަށިގަނޑުން ފެންނަ ޖީންއެކެވެ. ސްކެންޑެނޭވިއަން މީހުންގެ ޖީންތަކަށް ވުރެ އެފްރިކާ ނަސްލުގެ ޖީންތަކާ މި މީހާއާ ގުޅުން ހުރި ކަމަށްވެ އެވެ. ސައިންސްވެރިން މިކަން ދެނެގެންފައި ވަނީ އެ މީހާގެ ދަތުން ލިބުނު ޑީއެންއޭއިންނެވެ.

ނޫ ކުލައިގެ ކަޅިއެއް ހުންނަ ފިލްމީ ތަރި ކެމަރަން ޑަޔަޒް

"އެންމެ ބޮޑަށް ހައިރާންވާން ޖެހުނު ކަމަކީ ޔޫރަޕް މީހުންގެ ހުދު ކުލަ ކަނޑައަޅައި، އެފްރިކާ ނަސްލަށް ނިސްބަތްވާ ޖީން މި މީހާގެ ގައިން ފެނުނުކަން. މާނަ އަކީ މިއީ ކަޅު މީހެކޭ،" އެ ދިރާސާއާ ބެހޭ ގޮތުން 2014 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓްގައި އިންސްޓްޓިއުޓް އޮފް އިވޮލިއުޝަނަރީ ބަޔޮލޮޖީގެ ކާލްސް ލަލުއޭޒާ-ފޮކްސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެ މީހާގެ ހަށިގަނޑުގައި، ޔޫރަޕް މީހުންނަށް ނޫކުލައިގެ ކަޅި ލިބުމަށް މެދުވެރިކުރުވާ ޖީން ވެސް ހުރި ކަމަށެވެ. މިހާރުގެ މީހުންގެ ލޮލުގައި ވިލު ކުލައިގެ ކަޅި ހުންނަނީ ވެސް އެޗްއީއާރްސީ2 މިއުޓޭޓް ވުމުގެ ސަބަބުންނެވެ. ކްރޮމޮޒޯމްގައި މި މިއުޓޭޝަންގެ ދެ ކޮޕީ ހުރެއްޖެ ނަމަ ވިލު ނޫކުލައިގެ ކަޅިއެއް ލިބޭނެ އެވެ.