ކިމް ކާޑޭޝިއަންގެ ހެދުންތަކެއް އީބޭގައި ވިއްކަން ފަށައިފި

އެމެރިކާގެ ލޮސް އެންޖަލިސްގެ ހޮސްޕިޓަލަށް ހައިރާތެއްގެ ގޮތުގައި ފައިސާ ހަދިޔާ ކުރުމަށްޓަކައި، މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝިއަންގެ ހެދުންތަކެއް ނީލަމުގައި ވިއްކަން ފަށައިފި އެވެ.


މިއީ ކިމްގެ ފޭނުންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. ސަބަބަކީ އަބަދު ވެސް ވަރަށް ސްޓައިލިޝްކޮށް ހެދުން އަޅާ، ކިމްގެ ހެދުންތަކެއް ނީލަމުގައި ގަނެ، އަމިއްލަ ގަޔަށް ހެޔޮވަރުކޮށްލެވޭނެތީ އެވެ.

މަޝްހޫރު ރެޕާ ކަންޔޭ ވެސްޓާ ކައިވެނިކޮށް ތިން ދަރިން ލިބިފައިވާ ކިމް، 37، ގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ހެދުންތައް ނީލަމުގައި ވިއްކަނީ މަޝްހޫރު އޮންލައިން ފިހާރަ އީބޭގައި ކަމަށާއި ހެދުން ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް ހަދިޔާކުރާނީ ލޮސް އެންޖަލިސްގެ ޗިލްޑްރެން ހޮސްޕިޓަލަށް ކަމަށެވެ.

ހެދުމުގެ އިތުރަށް ކިމް ޒީނަތްތެރިވާން ބޭނުން ކުރާ ބައެއް ގަހަނާތަކާއި ބޫޓް ވެސް ނީލަމުގައި ގަނެލޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނީލަމުގައި ކިމްގެ 200 ވަރަކަށް އައިޓަމެއް ވިއްކައިލާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ބްރޭންޑްތަކުގެ އުފެއްދުންތައް އެވެ.

އީބޭގައި މި ނީލަން މި މަހުގެ 25 އާ ހަމައަށް ކުރިއަށް ގެންދާ އިރު، ވިއްކާ އައިޓަމްތަކުގެ އަގު ފެށެނީ 0.99 ޑޮލަރުންނެވެ.