އައިސްކްރީމް ވިރުން ލަސްކޮށްލަން ދޮންކެޔޮ ތޮށި

އައިސް ކްރީމް ވިރޭލެއް އަވަސްކަމުން އަވަސްއަވަހަށް އެ ބޮއެ ހުސްކުރަން ޖެހެ އެވެ. ހާއްސަކޮށް އައިސްކޯނެވެ. އެހެންވެ، އައިސްކްރީމެއް ބޯލައިގެން ލިބެން ޖެހޭ އުފާ ނުލިބޭ ފަހަރު ވެސް މަދެއް ނޫނެވެ.


އެކަމަކު ސައިންވެރިން މިހާރު ބުނަނީ އައިސް ކްރީމް މާ އަވަހަށް ވިރޭ މައްސަލަ އަށް ހައްލެއް ހޯދާފައިވާ ކަމަށެވެ.

މިކަން ރަސްމީކޮށް އިއުލާން ކުރީ އެމެރިކާގެ ނިއު އޯލިއަންސްގައި ބޭއްވި 255 ވަނަ ނެޝަނަލް މީޓިން އެންޑް އެކްސްޕޮޒިޝަން އޮފް ދި އެމެރިކަން ކެމިކަލް ސޮސައިޓީ (އޭސީއެސް) ގަ އެވެ. އެ ބައްދަލުވުމުގައި ކެނެޑާގެ ގުއެލްފް ޔުނިވަސިޓީގެ ސައިންސްވެރިންގެ ޓީމަކުން ހާމަކުރި ގޮތުގައި އައިސް ކްރީމް ނުވިރި ގިނަ އިރު، ބަހައްޓަން ހައްލު ހޯދީ ދޮންކެޔޮ ތޮށިންނެވެ.

އެ މީހުން ބުނި ގޮތުގައި ދޮންކެޔޮ ތޮށީގައި ހިމެނޭ ފައިބަރުގެ މާއްދާއެއް ކަމަށްވާ ސެލިއުލޯޒަކީ އައިސް ކްރީމް ވިރުން "މައިތިރިކޮށްލާ" މާއްދާއެކެވެ. އެ މާއްދާއަކީ އިސްތަށްޓަކަށް ވުރެ ވެސް ހިމަ އަދި އެ ބޭނުން ކުރުމުން އައިސް ކްރީމްގައި އެކުލެވޭ ފެޓްގެ މިންވަރު ދަށްކޮށްލާ އެއްޗެކެވެ.

ދޮންކެޔޮ ތޮށްޓެއް: މީގައި އެކުލެވޭ ސެލިއުލޯޒްއަކީ އައިސް ކްރީމް ވިރުން ކޮންޓްރޯލްކޮށްދޭ މާއްދާއެއް.

"އެ މާއްދާގެ ސަބަބުން ހަމައެކަނި އައިިސް ކްރީމް ވިރޭލެއް ލަސްކޮށް ދެނީކީ ނޫން. އޭގެ ސަބަބުން އައިސް ކްރީމްގެ ރަހަ ވެސް މާ ބޮޑަށް ރަނގަޅުކޮށްލަދޭ." ޓީމްގައި ހިމެނޭ ޑރ. ރޮބިން ޒުލުއާގޯ ވިދާޅުވި އެވެ. "އަދި ސެލިއުލޯޒްގެ ސަބަބުން، އައިސް ކްރީމްގައި އެކުލެވޭ ފެޓްގެ މިންވަރު ދަށްކޮށްލާތީ އައިސް ކްރީމަކީ ސިއްހަތަށް ގެއްލުން ކުޑަ އެއްޗަކަށް ހަދައިދޭ."

އޭނާ ވިދާޅުވި ގޮތުގައި އައިސް ކްރީމް ކަހަލަ ޑެޒަޓްތައް ތައްޔާރު ކުރަން ސެލިއުލޯޒް ވަރަށް ގިނަ ގޮތްގޮތަށް ބޭނުން ކުރެވިދާނެ އެވެ.

"އޭގެ ސަބަބުން އައިސް ކްރީމްގެ އޮލަކަން އިތުރުކޮށްދޭ. އެހެންވީމަ ހަގީގަތުގައި މިއީ އައިސް ކްރީމް ކަހަލަ ޑެޒަޓް ތައްޔާރުކޮށްލަން ބޭނުން ކުރަން ވަރަށް ރަނގަޅު މާއްދާއެއް." ރޮބިން ވިދާޅުވި އެވެ. "އަހަރެމެން މިހާރު އެބަ ޓެސްޓް ކުރަން ކާށިތެލާއި މިލްކް ފެޓް ކަހަލަ ބާވްތަކުގައި ސެލިއުލޯސް ބޭނުން ކުރުމުން ނުކުންނަނީ ކޮން ކަހަލަ ނަތީޖާތަކެއްތޯ."