ޓިއުމަރަކުން ސަލާމަތްވެ، 12 އަހަރުގެ ކުއްޖަކަށް އާ ދުނިޔެއެއް

ކަލްތޯމީ، 12، ފާއިތުވި ފަސް އަހަރު އުޅުނީ ވަރަށް ބޮޑު ވޭނަކާއި ތުރާތަކެއްގެ ތެރޭގަ އެވެ. މޫނުގެ ވާތް ފަރާތުގައި ފުޓްބޯޅައެއް ވަރުގެ ޓިއުމަރެއްގެ ސަބަބުން މި އަންހެން ކުއްޖާގެ ދިރިއުޅުމަށް އޮތީ ވަރަށް ބޮޑު ހިޔަންޏެއް އެޅިފަ އެވެ.


ނޭވާލާން އުނދަގޫވުމުގެ އިތުރަށް ރަނގަޅަށް ކާން ވެސް ޓިއުމަރާ ހެދި ހުރަސް އެޅިފައިވެ އެވެ. އަނެއްކޮޅުން މި ބިޔަ ޓިއުމަރުގެ ސަބަބުން ކަލްތޯމީގެ ކަނާތް ފަރާތު ލޯ ފިޔަވައި މުޅި މޫނު އޮތީ ފޮރުވިފަ އެވެ.

ނަމަވެސް މިހާރު އޭނާ އަށް މި ވަނީ އާންމު ހާލަތަކަށް އާދެވިފަ އެވެ. ކެމެރޫން ކުއްޖެއް ކަމަށްވާ ކަލްތޯމީގެ ކާމިޔާބު އޮޕަރޭޝަނަށް ފަހު، ޓިއުމަރު ވަނީ ނަގައިފަ އެވެ. މޫނުމަތީގައި އައިބު ކަމެއް ހުއްޓަސް، ކަލްތޯމީ އަށް މިހާރު އެހެން ދުނިޔެއެއްގައި އުޅެވޭ ފަދަ އެވެ.

މިއީ ބޮޑު ނަސީބަކަށް ވެސް ނޫނީ ނުވާނެ އެވެ. ޑޮކްޓަރުން އޮތީ އެ ޓިއުމަރު ނުނަގައިފި ނަމަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކަލްތޯމީ މަރުވާނެ ކަމުގެ އިންޒާރު ވެސް އާއިލާ މީހުންނަށް ދީފަ އެވެ.

އޭނާ އަށް އޮޕަރޭޝަން ކުރުމުގެ ނަސީބު ލިބުނީ ކެމެރޫން އަށް ޒިޔާރަތް ކުރި "އެފްރިކާ މާސީ" ކިޔާ ހޮސްޕިޓަލް ޝިޕެއްގެ ސަބަބުންނެވެ. ކަލްތޯމީގެ އޮޕަރޭޝަން ކުރީ އިނގިރޭސި ޑޮކްޓަރުންގެ ޓީމަކުންނެވެ.

ކަލްތޯމީ އޮޕަރޭޝަން ކުރީ ޓީމްގައި ހިމެނޭ ޑޮކްޓަރު ކެރީ ޕާކާ އޭނާއާ އެކު.

"މިހާރު އިހުސާސް ކުރެވެނީ ބޮޑު ބަރެއް އަހަރެންގެ މޫނުމަތިން ނެގިހެން،" އޮޕަރޭޝަނަށް ފަހު، އުފަލުން ހުރި ކަލްތޯމީ ބުންޏެވެ.

ކަލްތޯމީގެ އޮޕަރޭޝަންގައި އިސްކޮށް ހުންނެވި "އެފްރިކާ މާސީ" ގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ގެރީ ޕާކާ ވިދާޅުވި ގޮތުގައި 12 އަހަރުގެ ކަލްތޯމީ ކަހަލަ ފަސް ބިލިއަން މީހުން އެކަށީވެންގާ ސިއްހީ ފަރުވާ ނުލިބި ނުރައްކަލަށް ހުށަހެޅިފައި އެފްރިކާ ބައްރުގައި އެބަ ތިއްބެވެ.

ޑރ. ގެރީ ވެސް ވިދާޅުވި ގޮތަށް މިއީ އަދި ކެމެރޫންގެ އެންމެ ކުއްޖެއްގެ ވާހަކަ އެވެ. މި ކަހަލަ ބޮޑެތި ސިއްހީ މައްސަލަތަކަށް ފަރުވާ ނުކުރެވި އެ ގައުމުގައި ވެސް އެތަކެއް ހާސް ކުދިން އެބަ ތިއްބެވެ.

"އެކަމަކު ކަލްތޯމީގެ އޮޕަރޭޝަނަކީ އޭނާ ކަހަލަ އެތައް ކުދިންނަކަށް އޮތް އުންމީދެއް،" އޭނާ ވިދާޅުވި އެވެ.

ކަލްތޯމީ އޮޕަރޭޝަނަށް ފަހު ހުރި ގޮތާއި ކުރިން ހުރި ގޮތް.

ކަލްތޯމީ ބުނި ގޮތުގައި މިހާރު ބޭނުން ވަނީ އަލުން ސްކޫލަށް ގޮސް ކިޔަވާށެވެ. އަދި ބޮޑުވެގެން މީހަކާ އިނދެގެން ދަރިން ހޯދުމަކީ ވެސް އޭނާގެ ހުވަފެނެކެވެ.

އޭނާއަކީ ކުރިން ވެސް އާއިލާއާ އެކު ދަނޑުވެރިކަމުގެ ތެރޭގައި އުޅެމުން އަންނަ ކުއްޖެކެވެ.

"ދެން ދަނޑުގޮވާމުގެ ބާވަތްތައް ވިއްކައިގެން އުފަލުގައި އުޅެން ބޭނުން ވަނީ." ކަލްތޯމީ ބުންޏެވެ.