ފޮޓޯ އިން ފެންނަ ޕެންޑާ އަކީ ކުރެހުމެއްތަ؟

ފޮޓޯ އިން އެ ފެންނަނީ ޕެންޑާއެއްގެ ކުރެހުމެއް ދޯ އެވެ؟ ނޫނެކެވެ. މިއީ އެއްގޮތަށް ވެސް ކުރަހާފައި ނޫނީ ފޮޓޯޝޮޕްކޮށްފައި އިން މަންޒަރެއް ނޫނެވެ. ފެންނަނީ ހަމަ ހަގީގީ މަންޒަރެކެވެ. މަތިން އެ ފެންނަ ބޮޑު ސަރަހައްދަކީ ޗައިނާގެ ޑެޓޯންގް ސިޓީގެ ބައެކެވެ. ޕެންޑާއެއްހެން އެ ފެންނަނީ އެ ސިޓީގައި ހަދާފައިވާ "ދަ ޕެންޑާ ޕަވާ ޕްލާންޓް" އެވެ.


މިއީ ޗައިނާގައި އަވިން ކަރަންޓް އުފައްދަން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ބައެކެވެ. ޕެންޑާއެއް އެ ސިފަކޮށް ދެނީ ސޯލާ ޕެނެލްތައް އަތުރާފައި ހުރި ގޮތުންނެވެ.

"ދަ ޕެންޑާ ޕަވާ ޕްލާންޓް" މަޝްރޫއު ކުރިއަށް ގެންދާ ޗައިނާ މާޗެންޓްސް ނިއު އެނަޖީ ގްރޫޕުން ބުނި ގޮތުގައި ޕެންޑާ އެ ފެންނަނީ 284 އޭކަރުގެ ސަރަހައްދެއްގައި ހަދާފައިވާ ސޯލާ ފާމުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ޖޫން މަހުގެ ނިޔަލަށް ނިންމައި، ކަރަންޓް ފޯރުކޮށް ދޭން ފަށާނެ އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވަނީ 50 މެގަވޯޓް ކަރަންޓް އުފެއްދޭ ވަރުގެ ޕްލާންޓެއް ވަނީ ގާއިމުކޮށްފަ އެވެ.

"ދަ ޕެންޑާ ޕަވާ ޕްލާންޓް" ގެ މަސައްކަތް ކުރިއަށް ދަނީ.

"ޕެންޑާ" ގެ ބައްޓަމުގައި ކުރިއަށް ގެންދާ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ. ޔޫއެންޑީޕީއާ ގުޅިގެން ހިންގާ، މަޝްރޫއު އެއްކޮށް ފުރިހަވެގެން އަންނަ އިރު، ޕެންޑާ ޕްލާންޓް 1،500 އޭކަރުގެ ސަރަހައްދަކަށް އޮންނާނީ ފެތުރިފަ އެވެ.

މުޅި މަޝްރޫއު އެއްކޮށް ނިމޭ އިރު، ކުރިއަށް އޮތް 25 އަހަރަށް ޗައިނާގެ އުތުރުހުޅަނގަށް "ދަ ޕެންޑާ ޕަވަ ޕްލާންޓް" އިން ސޯލާ އިން ކަރަންޓްގެ ހިދުމަތް ދޭނެ އެވެ. މަޝްރޫއު އެއްކޮށް ނިމޭ އިރު އެ ތަނުގައި 3.2 ބިލިއަން ކިލޯވޮޓްގެ ހަކަތަ އުފެއްދޭނެ އެވެ.

ޗައިނާ މާޗެންޓްސް ނިއު އެނަޖީ ގްރޫޕުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި "ޕެންޑާ" ހަކަތަ މަޝްރޫއު އެ ގައުމުގެ އެކު ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމެވެ.