ކައިވެނި ދަމަހައްޓަން ލޯތްބަކުން ނުފުދޭ، ފައިސާ ވެސް ބޭނުން

ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ލޯބިވަންޏާ ކައިވެނި ދެމެހެއްޓޭނެ ކަމަށް ބުނާތީ އިވެ އެވެ. އެކަމަކު ކިތަންމެ ލޯތްބެއް ވިޔަސް އަތްމަތި ދަތިވުމަކީ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑުވާ ސަބަބެއް ކަމަށް ދިރާސާއެއްގައި ބުނެ އެވެ.


މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ދެމަފިރިން ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދާ ނަމަ، ކައިވެނި ދެމެހެއްޓުމުގެ ފުރުސަތު ބޮޑު ކަމަށް ހޯދުމެއްގައި ބުނެ އެވެ. އެކަމަކު ހަމައެކަނި ފިރިމީހާ ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ޖައްސަންވެއްޖެ ނަމަ، މައްސަލަތައް ކުރިމަތިވާކަން ފާހަގަވެފައިވެ އެވެ. އެއީ ޝަކުވާތަކާއި އުދާސްތައް އިތުރުވެ، މައްސަލަތައް ޖެހެން މެދުވެރިވާތީ އެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ފިރިމީހާ އަށް ވުރެ ބޮޑު އާމްދަނީއެއް، އަނބިމީހާ ލިބުމަކީ ވެސް މައްސަލައެކެވެ. މީގެ ސަބަބުން ގުޅުމުގައި މައްސަލަތައް ޖެހެން މެދުވެރި ކުރުވަ އެވެ. އެކަމަކު ދެމަފިރިންނަކީ އެއްވަރުގެ އާމްދަނީއެއް ލިބޭ ދެ މީހުން ކަމަށްވާ ނަމަ އެ މީހުންގެ ހަޔާތް އުފާވެރިވެފައި ބާއްޖަވެރިވާ ކަމަށް އިނގިރޭސިވިލާތުގެ ދި އިންޑިޕެންޑެންޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުންޏެވެ.

ދެމަފިރިއަކު ކައްކަނީ: ކައިވެންޏަށް ދަމަހައްޓަން ފައިސާގެ މުހިއްމުކަން ވެސް ބޮޑު.

މިއީ ފިރިހެނުންނާ އެއް ސަފެއްގައި އަންހެނުން ވެސް ހަރަކާތްތެރިވާން ބާރުއަޅާ އަދި ހަމަހަމަ ކަމަށް ދައުވާކުރާ ޒަމާނަކަށް ވާއިރު ދެމަފިރިން ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދުމަކީ ހަޔާތެއް އުފާވެރިވުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ގުޅުން ވަރުގަދަކޮށްދޭ ކަމަށް އިންޑެޕެންޑެންޓުން ބުންޏެވެ.

"ދިރިއުޅުމުގައި ދެ މީހުންގެ ހިއްސާ އެއްވަރަކަށް އޮތުމަކީ ވަރަށް މުހިއްމު ކަމެއް. ހާއްސަކޮށް މާލީ ގޮތުން ހަމަޖެހުން ލިބުމަކީ ކައިވެންޏެއް ދަމަހައްޓަން މިހާރު ވަރަށް ވެސް މުހިއްމު ބޭނުންތެރި ކަމެއް،" ރިޕޯޓްގައި ބުންޏެވެ.